ވ އަތޮޅާއި ބ އަތޮޅުން 12 ސަރަހައްދެއް ހިމާޔަތްކޮށްފި

10 އޮކްޓޯބަރު 2023: ކެބިނެޓް ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް

ވ. އަތޮޅާއި ބ. އަތޮޅުން 12 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ކަނޑައަޅުއްވައިފިއެވެ.

އެ ނިންމުން އެ މަނިކުފާނު ނިންމެވީ މިއަދު އޮތް ކެބިނެޓް ބައްދަލުވުމެއްގައެެވެ.

ހިމާޔަތްކުރުމަށް ރައީސް ނިންމެވި 12 ސަރަހައްދަކީ:

  1. ވ. ކަވަރުފަޅު
  2. ވ. ފޮއްތެޔޮ
  3. ވ. ހިނގާކުޅީ ފިނޮޅު
  4. ވ. ތުޑުހުރާ
  5. ވ. ރުއްހުރި ހުރާ
  6. ވ. ރަކީދޫ ކޯނާ
  7. ވ. ފުށިފަރު ފަރު
  8. ވ. ހުރާ ފަޅު
  9. ބ. ހުރާފަރު
  10. ބ. ދަރަވަންދޫ ތިލަ ސަރަހައްދު
  11. ބ. ނެލިވަރު
  12. ބ. އިންނަފުށި

ކެބިނެޓުގެ ލަފައާ އެކު މި ނިންމެވުން ރައީސް ނިންމެވީ އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ކެބިނެޓް މިނިސްޓަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ސަރުކާރުން ބުނީ އެ ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ސަރަހައްދުތަކެއް ކަމަށެވެ. އަދި، ދިރޭ ތަކެތިން ރީތި، ގުދުރަތީ ރީތި މަންޒަރުތައް ފެންނަ ސަރަހައްދެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

މިއީ 2019 އިން 2023އަށް މި ސަރުކާރުން އެކުލަވައިލައިފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭނާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވުނު ސަރަހައްދުތަކެކެވެ.

އެ ޕްލޭންގައިވާ ގޮތުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ 10 ޕަސެންޓު ސަރަހައްދާއި، ކުޅިއާއި ފަލާއި ، ޗަސްބިމުގެ 20 ޕަސެންޓް ހިމާޔަތްކުރަން ޖެހެއެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފިނޮޅާއި، އެއް ފަރުގެ އިތުރުން ކަނޑޫފާ ޗަސްބިން ޙިމާޔަތްކުރަން ޖެހެއެވެ.

comment ކޮމެންޓް