މިދިޔަ އަހަރު އެންސީއެމްއެޗުން 18،000 މީހުންނަށް ނަފުސާނީ ފަރުވާދިން

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 18,000 ބަލިމީހުނަށް ނަފުސާނީ ފަރުވާ ފޯރުކޮށްދީފައިވާ ކަމަށް މައި ހޮސްޕިޓަލް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

އައިޖީއެމްއެޗްގައި ހުންނަ ސެންޓަ ފޯ މެންޓަލް ހެލްތު (އެންސީއެމްއެޗް)އިން ފަރުވާހޯދަން ބޭނުންވާ މީހުން ގިނަވެ ކިޔޫ ވަނީ ދިގުލައިގެން ގޮސްފައެވެ.

މިއަދު އެ ހޮސްޕިޓަލުން "ސަން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިހާރު ވެސް އެ ޑިޕާޓްމަންޓުގައި ޑޮކްޓަރަށް ދެއްކުމަށް އެދި 550 މީހުން ކިއޫގައި އެބަތިއްބެވެ.

އަދި، މި ވަގުތު އެންސީއެމްއެޗުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އަށް ސައިކަޓްރިސްޓްންނާއި، ދެ ސައިކޯލޮޖިސްޓްނާއި، އެއް ސައިކޯތެރަޕިސްޓާއި، ދެ ސޯޝަލް ވޯކަރުން އަދި ތިން ކައުސިލަރުން ހަަރަކާތްތެރިވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެކަމަކު، އަދިވެސް ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަން ބޭނުންވެފައިވާ އެތައް ބަޔަކު ދިގު ކިޔޫގައި އެބަތިއްބެވެ.

ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުން ގިނަވުމުގެ ސަބަބުން ކިޔޫގައި ތިބޭ މީހުންގެ އަދަދު އިތުރުވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، ޑޮކްޓަރަށް ދެއްކޭލެން ލަސްވެ، ބަލި ބޮޑުވެގެންދެއެވެ.

ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފުސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެ ފަރުވާ އާސަންދައިގެ ދަށުން ކަވަރު ކުރެވިގެން ދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 2018 ގައި ވެވަޑައިގެން ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް