ބައްޔެއް ފެތުރިދާނެތީ، ފެން ހިންދުމުގައި ސަމާލުވާން އެޗްޕީއޭއިން އެދެފި

އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވައިފައި -- ފޮޓޯ/ ރާއްޖެ އެމްވީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެން ހިންދުމުގެ މަސައްކަތުގައި އުޅޭއިރު، ޚާއްސަ ސަމާލުކަމެއް ދޭން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.

އެޗްޕީއޭއިން ވަނީ ފެން ހިންދާ ހިސާބު ސާފުކޮށް ނިމެންދެން ފެނުގެ އަސަރުކޮށްފައިވާ ހިސާބަށް ކުޑަކުދިން ގާތްވިޔަ ނުދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި، ނަރުދަމާ، ޖަންކުޝަން، ނުވަތަ ސެޕްޓިކް ޓޭންކު ފުރިގެން ބޭރުވެފައިވާ ނަމަ، ސާފުކުރުމުގެ ކުރިން ޕަބްލިކް ހެލްތް ޔުނިޓުގެ އެހީތެރިކަން ހޯދަން ވަނީ އެދިފައެވެ.

"ހަމުގައި ފާރުގަނޑެއް ހުރި ނަމަ، ފެންގަނޑުގައި ޖެހުނަ ނުދެއްވާ. ފެން ހިންދުމުގައްޔާއި ސާފުކުރުމުގައި ހަރަކާތްތެރިވާން ޖެހިއްޖެ ނަމަ، ފެން ނުވަންނާނޭހެން މަލަން އަޅައި ފާރުގަނޑު ނިޔާކޮށްލައްވާ،" އެޗްޕީއޭއިން ބުންޏެވެ.

ފެން ހިންދުމުގައްޔާއި ފެން ހިންދުމަށް ފަހު ސާފުކުރުމުގައި ހަރަކާތްތެރިވާއިރު ރައްކާތެރިވުމަށް އަންގިއާއި މާސްކު ފަދަ ތަކެތި ބޭނުން ކުރުމަށް ހަނދާންކޮށްދެމުން އެޗްޕީއޭއިން ވަނީ އެ މަސައްކަތް ނިމުމުން އެ ތަކެތި ކޮތަޅެއްގައި ބަންދުކުރުމަށް ފަހު، ރައްކާތެރިކަމާ އެކު އުކާލުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައެވެ.

ރާއްޖެއަށް މި ދުވަސްވަރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސަރާގައި ފާއިތުވި ދެ ދުވަސް މަތީން ހަތަރު ރަށެއްގައި ފެންބޮޑުވުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އެއީ ޅ. ނައިފަރާއި ށ. ގޮއިދޫއާއި އއ. ފެރިދޫ އަދި ބ. މާޅޮހެވެ.

މި ހަތަރު ރަށުގައި ބޮޑުވި ފެންގަނޑުގެ އަސަރު މީހުން ދިރިއުޅޭ ގެތަކަށްކޮށްފައިވާއިރު، ބައެއް ގޭގޭ މީހުންނަށް ދިރިއުޅެން ދަތިވެފައިވެއެވެ.

މަގުތަކުގެ ފެން ހިންދާ ނިޒާމަށް މައްސަލަ ދިމާވުމާއި ކާނުތައް ގަވާއިދު ސާފު ނުކުރެވުމުގެ ސަބަބުން ވިއްސާރަ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެންބޮޑުވެ، އެމްއެންޑީއެފްއާއި އާންމު ރައްޔިތުން ނިކުމެގެން ޕަންޕު ޖަހައިގެން ފެން ހިއްކަން ޖެހުމަކީ މިހާރު އާންމު ކަމެކެވެ.

comment ކޮމެންޓް