ވިލިމާލޭ ފަޅުގެއެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ

ވިލިމާލޭ ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން-- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ފަސް ވަނަ އަވަށް، ވިލިމާލެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ "ބަސްމަލާ" ކިޔާ ގޭގައި އަލިފާން ރޯވެގެން ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 5:12 ގައި ކަމަށެވެ. އެ ގޭގެ ދެ ކޮޓަރީގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ 5:55 ކަންހާއިރު ކަމަށް ސިފައިން ބުންޏެވެ.

ސިފައިން ބުނީ އެއީ އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ ދެ ކޮޓަރި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާޚާނާއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ހާދިސާ ސިފައިން ތަހުގީގު ކުރަމުން އަންނައިރު އަލިފާން ރޯވަން ދިމާވި ސީދާ ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް