މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހްމަދު މަނިކުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ޑޮކްޓަރުން އުންމީދު ކަނޑައިލައިފައިވާކަން އެނގިއްޖެއެވެ.
އޭނާގެ އާއިލާގެ މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށެެވެ. އަދި، މިހާރު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ ނަމަވެސް ވިންދު ދަށްވަމުންދާ ކަމަށް ބުންޏެވެ.
މި އެކްސިޑެންޓް ހިނގައިފައިވަނީ މިރޭ 7:50 ހާއިރު ބޭރުމަގު އޮކްސިޖަން ރެސްޓޯރެންޓް ކުރިމަތީގައެވެ. އަހްމަދު މަނިކަކީ އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ވެސް ބައްޕައެެވެ.
އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި އެކްސިޑެންޓު ހިނގީ ކާރަކާއި، އަހްމަދު މަނިކު ދުއްވަން އިން ސައިކަލުގައި ޖެހިގެންނެވެ.
އެކްސިޑެންޓުގަައި އަހްމަދު މަނިކުތެ ނޭފަތް ވަނީ ފަޅައިގެން ގޮސްފައެވެ. އަދި، އެ ވަގުތު އޭނާގެ ޚަބަރު ހުސްވެފައި އޮތް ކަމަށް ވެސް ކިޔައިދިނެވެ.
މިއަދު ހަވީރު ހުޅުލެއާއި ހުޅުމާލެ ގުޅައިލަދޭ ހައިވޭގައި ވެސް އެކްސިޑެންޓެއް ހިނގައިފައިވެއެވެ. ހަތަރު ކާރު ޖެހިގެން ހިނގި މި އެކްސިޑެންޓާ ގުޅިގެން ގިނަ ކާރުތަކެއް ކިޔޫ ޖެހި ހައިވޭގެ ޓްރެފިކް ވެސް ދެ ގަޑިއިރެއްހާއިރަށް ބްލޮކް ވިއެވެ.