އިތުރު އެކްސިޑެންޓެއް: ދުވަސްވީ މީހަކަށް އެމަޖެންސީގައި ފަރުވާ ދެނީ

މާލޭ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި އެކްސިޑެންޓް ހިނގައިފައިވަނީ މިރޭ 7:50 ހާއިރު ބޭރުމަގު އޮކްސިޖަން ރެސްޓޯރެންޓް ކުރިމަތީގައެވެ. އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ ފިރިހެން މީހާއަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވަނީ އެ ކަން ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާއަށް މިހާރު އެމަޖެންސީ ރޫމްގައި ފަރުވާދެމުން ދާ ކަމަށާއި އެ މީހާގެ އުމުރެއް އަދި ޔަގީންނުވާ ކަމަށް ވިދާޅުވިއެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުދެއްވައެވެ.

އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި އެކްސިޑެންޓު ހިނގީ ކާރަކާއި، އުމުރުން ދުވަސްވީ މީހާ ދުއްވަން އިން ސައިކަލުގައި ޖެހިގެންނެވެ.

އިތުރަށް އޭނާ ބުނި ގޮތުގައި، އެކްސިޑެންޓުގައި އުމުުރުން ދުވަސްވީ މީހާގެ ނޭފަތް ވަނީ ފަޅައިގެން ގޮސްފައެވެ. އަދި އޭނާގެ ޚަބަރު ހުސްވެފައި އޮތް ކަމަށް ވެސް ކިޔައިދިނެވެ.

"އެ ބޭބެގެ މައުލޫމާތެއް ވެސް ނޭނގޭ. އައިޑީކާޑެއް ވެސް ނެތް ކަމަށް ވަނީ އަތުގައި،" އޭނާ ކިޔައިިދިނެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިއަދު ހަވީރު ހުޅުލެއާއި ހުޅުމާލެ ގުޅައިލަދޭ ހައިވޭގައި ވެސް އެކްސިޑެންޓެއް ހިނގައިފައިވެއެވެ. ހަތަރު ކާރު ޖެހިގެން ހިނގި މި އެކްސިޑެންޓާ ގުޅިގެން ގިނަ ކާރުތަކެއް ކިޔޫ ޖެހި ހައިވޭގެ ޓްރެފިކް ވެސް ދެ ގަޑިއިރެއްހާއިރަށް ބްލޮކް ވިއެވެ.

comment ކޮމެންޓް