މިފްކޯއަށް މަސް ކިރައިގެން އައްޑޫގެ ދޯންޏަކަށް އެއް ދުވަސްތެރޭ 1.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެއީ ސ. މަރަދޫ "ކޮންކޯޑު-2" ދޯންޏެވެ.
އެ ދޯނިން ވަނީ އެއް ދުވަސްތެރޭ 60 ކިލޯ ޓަނުގެ މަސް ކިރައިފައެވެ. އެގޮތުން 25 ރުފިޔާގެ ރޭޓުން ކިލޯއެއް ވިއްކައިގެން އެ ދޯނިން ވަނީ 1،500،125 ރުފިޔާ ހޯދައިފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެއް ދުވަސްތެރޭ މަސް ދޯންޏަކުން މަސް ކިރައިގެން މިހާ ގިނަ އަދަދެއްގެ ފައިސާ ހޯދި ފުރަތަމަ ފަހަރެވެ.
ސަރުކާރު މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު ވަނީ މި ފަހުން 25 ރުފިޔާއަށް ބޮޑު ކޮށްފައެވެ. އޭގެ ކުރިން މިފްކޯއިން މަސް ގަންނަމުން އައީ 17 ރުފިޔާގެ މަގުންނެވެ.
ކުރީގެ ރޭޓުން މަސް ގަތް ނަމަ, އެއީ އެއް މިލިއަން ރުފިޔާއަށް ލިބޭނެއެވެ.
ފަހުގެ ތާރީޚެއްގައި މިހާ ގިނައިން މަސްކިރާފައިވަނީ މިފްކޯގެ ޖަޒީރާ 102 ބޯޓުން މިދިޔަ އަހަރުއެވެ. އެ ފަހަރު ވަނީ 155 ޓަނުގެ މަސް ކިރާފައެވެ.
މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފައިވަނީ ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަން ކަށަވަރުވުމާ ގުޅިގެންނެވެ.
މިފްކޯއިން މި ނިންމުން ނިންމާފައިވަނީ މަސްވެރިންގެ ކަންބޮޑުވުންތަކުގެ ވާހަކަ ވެސް އެހުމަށް ފަހުކަމަށް މިފްކޯއިން މީގެ ކުރިން މައުލޫމާތުދީފައިވެއެވެ. އެ ކުންފުނިން އަންނަނީ މަސް ގަނެވޭ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މަސް ގަންނަ އަގު ބޮޑުކުރުމާ ގުޅިގެން މަސްވެރިންނަށް ވަނީ ފައިދާވާން ފަށައިފައެވެ.