ސައިކަލްތައް ރޯކޮށްލުމުން އަލިފާނުގެ އަސަރުކުރި ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ރޭ މީދޫގައި ރޯކޮށްލި ދެ ސައިކަލް -- ފޮޓޯ/ ސޯޝަލް މީޑިއާ

އައްޑޫ ސިޓީ މީދޫ، ޔާގޫތުގޭގެ ފެންޑާގައި ރޭ ބަހައްޓާފައި ހުރި ދެ ސައިކަލްގައި ރޯކޮށްލުމުން ލިބިފައިވާ ގެއްލުތަކާ ހެދި، އެ ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 11:30 ހާއިރުއެވެ. އަދި، އެ މައުލޫމާތު ލިބުމާ އެކު ސިފައިންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، އެ ގެއަށް ވަނީ އެކިވަރުގެ ގެއްލުތައް ވެފައެވެ.

އެގޮތުން އަލިފާން ފެތުރި އެ ގޭގެ ފެންޑާގެ ސީލިންއާއި ސިޓިން ރޫމްގެ ސީލިން އަދި ބައެއް ދޮރުތަކާއި އެހެނިހެން ބައެއް ތަކެތީގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި، ގޭގެ އެއް ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

އައްޑޫ މީދޫ ދާއިރާގެ ކައުންސެލަރު ފާތިމަތު ސާލިހާ، "ސަން"އަށް މިރޭ ވިދާޅުވީ މި ހާދިސާގައި އެ ގެއަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމެންޓް ހަދައި އެ ހުރިހާ މައުލޫމާތެއް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ފޮނުވުމުން، އެ މީހުންނަށް ބޭނުންވާނޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

"ޑިޒާސްޓާއިން ވަނީ އެ މީހުންނަށް ބޭނުންވާނެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީފައި. މިހާރު އެ މީހުން ތިބީ ވަކި ތަނެއްގައި. އެންމެންގެ ހާލު ވެސް ރަނގަޅު،" ސާލިހާ ވިދާޅުވިއެވެ.

ޔާގޫތުގޭގައި ދިރިއުޅެމުން އަންނަނީ ހަ މީހުންގެ އާއިލާއެކެވެ. އެއީ ތިން ފިރިހެނުންނާއި ތިން އަންހެނުންނެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް