ޑިމޮކްރެޓުން ހުށަހަޅަނީ ޚަރަދު ކުޑަ، އެންމެންގެ ބައިވެރިވުން އޮންނަ މަޖިލީހެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލިސް އެކުލެވޭ ގޮތް ބަދަލު ކުރުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވަނީ، ދައުލަތުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަވާނެ، އަދި ހުރިހާ އެންމެން ތަމްސީލުވާނެ ގޮތަކަށް ކަމަށް، އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިއަދު "ސަން"އަށް ވިދާޅުވީ އެ ހުށަހެޅުމުން އެކުލަވާލުމުގައި، މިހާރު މަޖިލިސް އެކުލަވާލުމުގައި ހުރި މައްސަލަތަކަށް ވިސްނާފައިވާނެ ކަމަށެވެ.

އެގޮތުން، މިހާރު އޮތް ގޮތުން، މަޖިލީހުގެ ޚަރަދު އިތުރުވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

"17 ވަނަ މަޖިލީހާ ހިސާބުން ރައްޔިތުންގެ މަޖިލީހަށް ގިނަ މެންބަރުންތަކެއް ހޮވީ، މިހާރު ދެން އަންނަ މަޖިލީހެއްގައި 93 މެންބަރުން އެބަތިބި. އެހެންވިމާ މިދިޔަ މުއްދަތުގައި 16 މެންބަރުން އިތުރު ވެއްޖެ،"

"ހަމައެކަނި މުސާރަ އެކަންޏެއް ނޫން އެ ހުރިހާ އެންމެންނަށް ޕެންޝަން ފައިސާއާ އިނާޔަތްތަކާ ވެސް އިތުރުވޭ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ މަޖިލީހުގެ މެންބަރުން އެންމެ ގިނަ ގައުމު ކަމަށެވެ.

މީގެ އިތުރުން މިހާރު އިދާރީ ދާއިރާތައް ބެހިފައިވާ ގޮތުން ދިމާވާ މައްސަލަތަކުގެ ހައްލު ވެސް އެ ބިލުގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އޮންނަ ގޮތުން ރަށެއްގެ ބަޔަކާ އަނެއް ރަށް އެއްކޮށް އެއް ދާއިރާއަކަށް އެބަ ވަދޭ. އެކަން ހައްލު ކުރުމަށް މި ހުށަހަޅަނީ މެންބަރުން އަތޮޅު އެއްކޮށް ތަމްސީލުކުރުމަށް" އާޒިމް ވިދާޅުވިއެވެ.

އެ އިސްލާހުގައި އަތޮޅުތަކަށް ގޮނޑިތައް ބަހާފައި ވަނީ އެ އަތޮޅެއްގެ އާބާދީގެ ނިސްބަތަށް ބެލުމަށް ފަހުގައެވެ.

މީގެ އިތުރުން، ޕާޓީތަކަށް މެންބަރުން އިންތިޚާބުވާ ނިސްބަތުން، ނެޝަނަލް ލިސްޓުގެ 11 ގޮނޑި ޕާޓީތަކަށް ވަނީ ހާއްސަކޮށްފައެވެ. އެގޮތަށް ބަހާލުމުން، އިދާރީ ދާއިރާތަކުގެ ކޮންމެ 10 ގޮނޑިއަކުން ނެޝަނަލް ލިސްޓުގެ ގޮނޑިއެއް ލިބޭނެއެވެ.

މީގެ އިތުރުން އެ އިސްލާހުގައި އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ހާއްސަ ގޮނޑިތައް ވެސް ވަނީ ހިމަނާފައެވެ.

އާޒިމް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީ މަރުހަލާގެ ތެރެއިން އެ ބިލަށް މުހިއްމު އިތުރު ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

އަންނަ އަހަރު އިންތިޚާބު ކުރާ 20ވަނަ ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑިއެއް އިތުރުވެއެވެ. އެ ގޮނޑިތައް އިތުރުވާ ދާއިރާތަކަކީ؛

  • ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
  • ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
  • ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
  • ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
  • ހުޅުމާލެ މެދު ދާއިރާ
  • ހުޅުމާލެ އުތުރު ދާއިރާ

ޑިމޮކްރެޓުންގެ އިސްލާހުގައި ހުށަހަޅާފައިވާ ގޮތުން، މުޅި މަޖިލީހުގައި ހިމެނޭނީ 76 މެންބަރުންނެވެ. އެއީ، އިދާރީ ދާއިރާތަކަށް ނިސްބަތްވާ 55 ގޮނޑި އާއި ނެޝަނަލް ލިސްޓުގެ 11 ގޮނޑީގެ އިތުރުން، އަންހެނުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ 10 ގޮނޑިއެވެ.

comment ކޮމެންޓް