މިހާރު އެންމެން ދައްކަނީ މަޖިލީހަށް ކުރިމަތިލާ ވާހަކަ!

މަޖިލީހުގެ ރައީސާއެކު މަޖިލީހުގެ ބައެއް މެންބަރުން ކުޑަދަށުގައި-- ފޮޓޯ/ އަވަސް

ރާއްޖޭގެ ދެވަނަ ޖުމްޙޫރިއްޔާގެ އަށްވަނަ ރައީސުލްޖުމްޙޫރިއްޔާ ހޮވައި ވެސް ނިމިއްޖެއެވެ. ސިޔާސީ މަޝްރަހު މިހާ ހަލަބޮލި ދަނޑިވަޅެއްގައި ދެން އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައަކީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވާހަކައެވެ.

ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ 20ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ކުރިމަތިލާކަން ހާމަކޮށް އެކި މީހުން އަންނަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝުއޫރު ފާޅުކުރަމުންނެވެ.

މަޖިލީހަށް ކުރިމަތިލާނެކަން އެއްބަޔަކު އިއުލާން ކުރާއިރު އަނެއް ބަޔަކު އަންނަނީ އެ މީހުން ބޭނުންވަނީ ކޮންކަހަލަ މެންބަރުންނެއްކަން ވެސް ހާމަ ކުރަމުންނެވެ.

"ދިވެހި ލޮބުވެތި ރައްޔިތުން. ތި ބޭފުޅުންގެ އަޑު އިއްވައިދީ، ދާއިރާއަށް ތަރައްޤީ ގެންނަން މަޖިލީހަށް ހޮވާ މީހާއަކީ އަސްލު އަހަރުމެން ތަބާވާ ގާނޫނުތައް ހަދަން ހޮވާ މަންދޫބުން. ޕްރޮޖެކްޓް ސޮއިކުރާއިރު ކައިރީ އިންނާކަށް ނޫން. ތަރައްޤީގެ މަޝްރޫޢު ހިންގަން ހޮވާ މީހާއެއް ވެސް ނޫން،" މަޝްހޫރު ޕްރެސެންޓަރު އަދި ޓީވީ ހޯސްޓް މޫސާ ވަސީމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މި ވަގުތު މަޖިލީހުގައި އެންމެ 4 އަންހެން މެންބަރުން

މަޖިލީހުގައި އަންހެން މެންބަރުން މަދުވުމަކީ ވަރަށް ގިނަ ބަޔަކު އެކަމާ މެދު ކަންބޮޑުވާ ކަމެކެވެ. އެގޮތުން ކުރިއަށް އޮތް 20ވަނަ ރައްޔިތުންގެ މަޖިލީހުން ގާބިލް އާ އަންހެން މޫނުތައް ފެންނަން ޖެހޭ ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.

މިހާރު ކުރިއަށްދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބީ އެންމެ ހަތަރު އަންހެން މެންބަރުންނެވެ. އެއީ، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްއާއި، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންގެ އިތުރުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ.

19 ވަނަ މަޖިލީހުގެ ހަތަރު އަންހެން މެންބަރުން--

"އަދި ފެންނަނީ މުޅިން ވެސް 2024 ގައި މަޖިލީހަށް ކުރިމަތިލާ ފިރިހެނުން. އަންހެނަކު ކުރިމަތިލާން އުޅޭ ޕޯސްޓެއް ނުފެނޭ،" ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އެ ޕޯސްޓުގައި، ރައްޔިތުންގެ މަޖިލީހަކީ އަންހެނުންނަށް ވެސް ފުރުސަތު ލިބޭ، އަންހެނުންގެ ބަސް ބުނެވޭ އަދި އަންހެނުންގެ އަޑު އިއްވޭ މަޖިލީހަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން

އާ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބްކުރީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ފަހު 18ވަނަ ރައްޔިތުންގެ މަޖިލީހަށެވެ.

އެއަށްފަހު 2019 ވަނަ އަހަރުގެ މެއި މަހު އެކުލަވާލި މިހާރުގެ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ.

އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގުމުގެ މައި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީންނެވެ. އެ ޕާޓީއަށް ނިސްބަތްވި 65 ކެންޑިޑޭޓަކު އިންތިޚާބް ކާމިޔާބުކުރެއްވިއެވެ. މިއީ މިހާ ބޮޑު އަގުލަބިއްޔަތެއް އެއް ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއަށް ވެސް ލިބުނީ ފަސް ގޮނޑިއެވެ. އިންތިޚާބާ ދިމާކޮށް އުފެއްދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ތިން ގޮނޑި ކާމިޔާބުކުރިއެވެ. އެމްޑީއޭއަށް ލިބުނީ ދެ ގޮނޑިއެވެ.

19 ވަނަ މަޖިލީހުގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

ނަމަވެސް އޭގެ ފަހުން މަޖިލީހުގެ ކޮމްޕޮޒިޝަނަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީގެ ތެރޭ އުފެދުނު ޚިޔާލު ތަފާތުވުންތައް އެންމެ ފުރަތަމަ ފެންމަތިވީ، އޭރު އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެމެދު އުފެދުނު ނިޒާމާ ބެހޭ ޚިޔާލު ތަފާތުވުންތަކަށް ފަހުއެވެ. އެއަށް ފަހު އެމްޑީޕީ ޕްރައިމަރީން ނަޝީދަށް ލިބުނު ނާކާމިޔާބީ ގަބޫލުނުކުރައްވާ އެ މަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންތަކެއް ވަނީ ޕާޓީ ދޫކުރައްވާ "ދަ ޑިމޮކްރެޓްސް" އުފައްދަވާފަައެވެ.

ނަޝީދަށް ތާއިދުކުރާ މެންބަރުން އުފެއްދި ޕާޓީ 'ދަ ޑިމޮކްރެޓްސް'އަށް އެ މެންބަރުން ސޮއިކުރުމުން އަނެއްކާ ވެސް މަޖިލީހުގެ ކޮމްޕޮޒިޝަނަށް ވަނީ ބަދަލު އައިސްފައެވެ.

މިހާރު މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިފައިވާއިރު އެ ޕާޓީއަށް ނިސްބަތްވާ 56 މެންބަރަކު އެބަތިއްބެވެ. ޕީޕީއެމަށް މަޖިލީހުގެ މައިނޯރިޓީ ގެއްލިފައިވާއިރު އެ ޕާޓީން ތިބީ ހަތަރު މެންބަރުންނެވެ. މައިނޯރިޓީ ޕާޓީއެއް ގޮތުގައި މިހާރު އޮތް އަލަށް އުފެއްދި ސިޔާސީ ޕާޓީ ޑިމޮކްރެޓްސްގައި 13 މެންބަރުން އެބަތިއްބެވެ. އަދި, ޕީއެންސީގެ ހަތަރު މެންބަރުންނާއި، އެމްއެންޕީގެ ތިން މެންބަރުންނާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ތިން މެންބަރެއްގެ އިތުރުން ޖޭޕީގެ ދެ މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި އަމީން އާއްމު ފާތިމަތު ނިއުޝާ-- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، މިދިޔަ ދައުރުގެ ފަހުކޮޅު ވެސް މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ. އަދި އެ ދުވަސްވަރު މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ފެންމަތިވިއެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން އަބަދު ވެސް ވަކާލާތު ކުރައްވަނީ ބަރުލަމާނީއަކަށް ނިޒާމު ފުރޮޅައިލާށެވެ. އެގޮތުން ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ މި މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެހެނިހެން ސިޔާސީ ޕާޓީތަކުން ނިޒާމީ ވޯޓެއް ނެގުމާ ދެކޮޅެވެ. އެއާ އެކު ނިޒާމީ ވޯޓެއް ނެގުން ފަސްކުރުމަށް އަނެއްކާ ވެސް ޑިމޮކްރެޓްސްއިން ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން މި މަސް ތެރޭ އެކަން ނުކުރެވޭނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

19 ވަނަ މަޖިލީހުގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

ރިޔާސީ އިންތިޚާބަށް ފަހު

އެ އިރެއްގައި ވެރިކަން ކުރާ ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ފުރަތަމަ 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫނުގެ 30 އަހަރުގެ ދިގު ވެރިކަން ނިންމުމަށް ފަހު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވީ މަޖިލީހުގެ މެޖޯރިޓީ ނުލިބުމެވެ. މަޖިލީހުގެ މެޖޯރިޓީ 28 ގޮނޑިއާ އެކު، އޭރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީން ކާމިޔާބުކުރިއިރު ސަރުކާރު ހިންގާ އެމްޑީޕީއަށް ލިބުނީ 26 ގޮނޑިއެވެ.

ނަމަވެސް 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ ނެގީ އެ ޕާޓީންނެވެ. އެއަށް ފަހު 2019 ވަނަ އަހަރު އެމްޑީޕީގެ ދެވަނަ ސަރުކާރުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގީ ވެސް އެމްޑީޕީންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އަނެއްކާ ވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިވަނީ ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމަށް އައިސްފައެވެ. ދެން އުފެދޭ 20 ވަނަ މަޖިލިސް އިންތިޚާބު އަންނަ އަހަރު ބާއްވާއިރު، މި ބުރު އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަމާޒަކަށް ހައްދަވައި، މަސައްކަތް ފައްޓަވާފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުން އެމްޑީޕީއަށް އަޣުލަބިއްޔަތު ހޯދައިދީ، 2028 ވަނަ އަހަރު އެ ޕާޓީ ވެރިކަމަށް އަލުން ގެނައުމަށެވެ.

މަޖިލީހުގެ މެންބަރުންނަކީ ބޮޑު މުސާރައާއި އިނާޔަތްތައް ލިބޭ ބޭފުޅުންނެވެ. އަދި އިތުރު އިނާޔަތްތަކުގެ ގޮތުގައި ރާއްޖެއާއި ބޭރުން އާއިލާ ހިމެނޭގޮތަށް ހިލޭ ބޭސްފަރުވާ ކުރުން ފަދަ އެތައް ކަމެއް ވެސް ހިމެނެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ހަ ދާއިރާއެއް ވަނި އިތުރުވެފައެވެ. އެ ދާއިރާތަކަކީ:

  • ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
  • ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
  • ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
  • ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
  • ހުޅުމާލެ މެދު ދާއިރާ
  • ހުޅުމާލެ އުތުރު ދާއިރާ

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާގޮތުން، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000އަށް ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ކަނޑައަޅާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ދެ ގޮނޑި އިތުރުކުރި ފަހުންނެވެ. އަލަށް އިތުރު ކުރި ހަ ގޮނޑިއާއެކު ދެން މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.

މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވާހަކަ މިހާ ގަދައަށް ސޯޝަލް މީޑިއާގައި ދައްކަމުން ދާއިރު، އެއީ ރައްޔިތުންގެ ނިންމުމެކެވެ. އެ މީހަކު ނިސްބަތްވާ ދާއިރާއަކުން ކުރިމަތިލާ މެންބަރަކު ހޮވުމުގެ ބާރު އޮންނާނީ އެ ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންގެ އަތްމަތީގައެވެ.

އެއާ އެކު ފެންނަމުންދާ މަންޒަރަކީ، ރައްޔިތުން އާ އުންމީދަކާ އެކު ކުރިއަށް އޮތް ފަސް އަހަރަށް މެންބަރުން އިންތިޚާބުކުރުމަށް އަޑުއުފުލާ މަންޒަރެވެ. މިހާރު އެންމެން ދައްކަނީ މަޖިލީހަށް ކުރިމަތިލާ ވާހަކައެވެ.

comment ކޮމެންޓް