ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވެ ކަނޑުތައް ގަަދަ ވެއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، މެދު ރާއްޖެތެރެއާއި އުތުރަށް ކަނޑު ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އެގޮތުން މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅު ތަކަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި، މި ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
މެދު ރާއްޖެތެރެއަށާއި، އުތުރުގެ ރަށްތަކަށް ހުޅަނގު ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ އަދަދަކަށް ވައި ގަދަވާނެކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ރާއްޖޭގެ އުތުރާއި، މެދު ރާއްޖެތެރޭގެ އަތޮޅުތަކާ އަޅާ ބަލާއިރު، ދެކުނުގެ ރަށް ތަކަށް މޫސުން ރަނގަޅެވެ. އެގޮތުން އެ އޮފީހުން ބުނީ ކެރީގެ އަސަރު ކުޑަކޮށް އެ ސަރަހައްދަށް ކުރި ނަމަވެސް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.
މޫސުން ގޯސްވަމުންދާތީ ފުލުހުންވެސް ވަނީ މޫސުމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން، ކަނޑު ދަތުރުފަތުރު ކުރާއިރު، އެ ދުއްވާ އުޅަނދެއްގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ވެފައިވޭތޯ ޔަގީން ކޮށް، އުޅަނދަށް އެކަށީގެންވާ ވަރަށް ވުރެ އިތުރަށް މީހުން ނާރުވާ، އެ އުޅަނދަކަށް ކަނޑައެޅިފައިވާ މިންވަރަށް ވުރެ އިތުރަށް މުދާ ބަރު ނުކުރުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައިވެެއެވެ. މީގެ އިތުރުން ކަނޑު ދަތުރުފަތުރު ކުރާ މީހުން މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްވެސް ފުލުހުން ރައްޔިތުންގެ އަރިހުން އެދިފައިވެއެވެ.
މީގެ އިތުރުން ވެސް ފުލުހުން ވަނީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވާ މީހުންވެސް މޫސުމަށް ސަމާލުވުމަށް ގޮވާލައިފައެވެ.