މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުން ރައްޔިތުން ހޮވާފައި ވަނީ ރިޔާސީ ނިޒާމުގެ ތެރެއިން ވެރިކަން ކުރާނެ ރައީސެއް ކަމަށާއި އެކަމުން ދޭހަވަނީ ރައްޔިތުންނަށް މި ނިޒާމު ކަމުދާކަން ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ގައުމުގެ ދެލައްކައަށް ވުރެ ގިނަ މީހުން ނުކުމެ، ވޯޓު ދީފައި ވަނީ ރިޔާސީ ނިޒާމުން ވެރިޔަކު ހޮވުމަށް ކަމަށެވެ.
"ރައްޔިތުން ނިންމީ ރިޔާސީ ނިޒާމަކުން، ދެ ލައްކަ ސާޅީހެއްހާ މީހުން ނުކުމެ ވޯޓުލާފަ މި އޮތީ. މި ގައުމުގެ ރައްޔިތުން ބޭނުންވަނީ މި ގޮތް. އެހެންވީމަ މިގޮތުގައި މިގައުމު ހިނގާނީ. މި ގައުމަކުއެއް ރައްޔިތުން ބޭނުމެއް ނުވޭ އިރުއިރުކޮޅާ އެހެން ގޮތްގޮތަށް ވާހަކަ ދައްކާ ކަށެއް. އިރާދަކުރެއްވިއްޔާ މި ގައުމު ދާނީ މި ގޮތަށް،" މުއިއްޒު ވިދާޅުވިއެވެ.
އެއާއެކު، މުއިއްޒު ވަނީ ވެރިކަމުގެ ހުވާ ކުރައްވާ ދުވަހާ ދޭތެރޭ މި އޮތް މުއްދަތުގައި މި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ވެސް އެ މަނިކުފާނަށް ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ. އަދި މާދަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވަން ހަމަޖެހިފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅަކީ ނަޝީދެވެ. ވެރިކަން ކުރާ އެމްޑީޕީގެ ރައީސްކަމުގައި ހުންނެވުމަށް ފަހު އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގަތީ ނިޒާމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ހިޔާލު ތަފާތުވުމުންނެވެ.
ނަޝީދު މިހާރު ގެންދަވަނީ އާ ޕާޓީއެއްގައި ހުންނަވައިގެން، ނިޒާމު ބަދަލުކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެ ޕާޓީން ވަނީ ނިޒާމީ ވޯޓެެއް ނަގަން އިލެކްޝަންސް ކޮމިޝަނަށް އަންގާ ގަރާރެއް ފާސްކޮށްފައެވެ. އަދި ނިޒާމު ބަދަލުކުރުމުގެ މަރުހަލާ އަވަސްކުރުމުގެ ގޮތުން ގާނޫނަށް ވެސް މިހާރު ވަނީ އިސްލާހެއް ހުށަހަޅާފައެވެ.
އެ ގަރާރު ފާސްކުރީ ވެރިކަން ކުރާ އެމްޑީޕީގެ ތާއިދާއެކު، ރިޔާސީ އިންތިޚާބުގެ ދެ ބުރު ދޭތެރޭގައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ދަނީ ނިޒާމީ ވޯޓާ ގުޅޭ ގޮތުން މާދަމާ ރަސްމީކޮށް ގޮތެއް ނިންމުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ޕާޓީގެ އިސް ބައެއް މެންބަރުން ވަނީ އެފަދަ ވޯޓަކާ ދެކޮޅު ކަމަށް ވިދާޅުވެފައެވެ.
ނިޒާމާ ބެހޭ މަޝްވަރާތައް ކުރުމަށް ނަޝީދު، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމާ މާފުށީ ޖަލުގައި ބައްދަލުކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް ޔާމީން އެކަމަށް ދެކޮޅުހެއްދެވިއެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ވަނީ ނިޒާމީ ވޯޓުގެ ކަންކަމުގައި ކުރިއަށްދާނީ ޕީޕީއެމްގެ މަޝްވަރާގެ މަތިން ކަމަށް ބުނެފައެވެ.