މުއިއްޒުގެ ވެރިކަމެއްގައި ބަދަލު ހިފުމާއި ނޭއްގާނީ އަމަލުތަކަށް ފުރުސަތެއް ނުދޭނެ: ޝަހީމް

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ޑރ. ޝަހީމް -- ފޮޓޯ/ ޑރ. ޝަހީމް

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމެއްގައި ބަދަލުހިފުމާއި ނޭއްގާނީ ޢަމަލުތަކަށް ފުރުސަތެއް ނުދޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުން ބޮޑު ތަފާތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މައްޗަށް ކުރި ހޯއްދަވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ޑރ. މުއިއްޒަށް ކަށަވަރުވުމުގެ އުފަލުގައި "ސަން"އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޝަހީމް ވިދާޅުވީ ޑރ. މުއިއްޒުގެ ވެރިކަމެއްގައި އަނިޔާވެރިކަން އަލުން އިޔާދަވާނެ ކަމަށް ބުނެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން ބަޔަކު މަސައްކަތް ކުރި ކަމަށެވެ.

އެފަދަ ވާހަކަތައް ދޮގު ކުރައްވާ ޝަހީމް ވިދާޅުވީ ޑރ. މުއިއްޒު، ވެރިކަން ކުރައްވާނީ ރައްޔިތުންގެ ރައީސެއްގެގޮތުގައި ކަމަށާއި އެމަނިކުފާނަކީ އަނިޔާވެރި، ވެރިއަކަށް ނުވާނެކަމުގެ ޔަގީންކަން ވެސް އޭނާއަށް އެބައޮތް ކަމަށެވެ.

"ރައްޔިތުން ވަރަށް ބޮޑު އުއްމީދެއް ކޮށްގެން ޑރ. މުއިއްޒު ވެރިކަމަށް ހޮވާފައި އެވަނީ. އެހެންވީމަ، މުއިއްޒު ވެރިކަން ކުރައްވާނީ ރައްޔިތުންގެ ރައީސެއްގެ ގޮތުގައިކަން އަޅުގަނޑަށް ޔަގީން. އަދުލުވެރިގޮތުގައިކަން ޔަގީން. ބަދަލު ހިފުމާއި ނޭއްގާނީ ޢަމަލުތަކަށް ފުރުސަތެއް ނުދެއްވާނެކަން ހަމަ ޔަގީން،" ޝަހީމް ވިދާޅުވިއެވެ.

ދިވެހި މުޖުތަމައުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް ޓަކައި އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވާލައްވަމުން ޝަހީމް ވިދާޅުވީ މިގޮތަށް ކަންތައް ކޮށްގެން ނޫނީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ދަތިވާނެ ކަމަށެވެ.

ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ދީނީ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޝަހީމް ވިދާޅުވީ އިސްލާމްދީނުގެ ނޫރު ރާއްޖޭގައި ދެމެހެއްޓުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދީގެން ހިމަނާފައިވާ ބައެއް ކަމަށެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީގެ ކަންކަން ތަރައްގީ ކުރުމާއި ޙައްޖާއި ޢުމްރާގެ އަގުތައް އަތްފޯރާ ފަށަށް ގެނައުމަށް ޓަކައި ޙައްޖު ކޯޕަރޭޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނާބެހޭ މަރުކަޒު އިތުރަށް ތަރައްގީ ކުރުން، އަދި އަރަބިއްޔާ ބިނާކޮށް، އެ ސުކޫލަކީ ޒަމާނީ ސޫކޫލެއްގެ ގޮތުގައި ދަރިވަރުންނަށް ފަހިކޮށްދިނުމަކީ ވެސް މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިއްމު ކަންކަން ކަމުގައި ޝަހީމް ވިދާޅުވިއެވެ.

"ކީރިތި ޤުރުއާނާން ހިތު ދަސްކޮށްދިނުމުގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ގެންދިޔުމާއި އަރަބި އިސްލާމީ ތައުލީމަށް ހައްގު އިހުތިރާމް ދީ އެކަންތައްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖޭން ބޭރުން ފުރުސަތު ފަހިކޮށްދެއްވުމާއި އިސްލާމީ އިގުތިސޯދު ފުޅާ ކުރުމާއި މިފަދަ ކަންކަން މެނިފެސްޓޯގަ އެބަހިމެނޭ،" ޝަހީމް ވިދާޅުވިއެވެ.

ޑރ. މުއިއްޒަކީ ގައުމުގައި އިސްލާމް ދީނާއި ދިވެހީންގެ މިނިވަންކަން ޔަގީންކޮށްދެއްވާނެ ވެރިއެއް ކަމުގެ ޔަގީންކަން ދެއްވާ ޝަހީމް ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުން ވަނީ ވެސް އެކަންކަން ކަމަށެވެ.

"ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި މިގައުމުގައި އިސްލާމްދީނުގެ ކަންތައްތައް ހަރުދަނާ ކަމާއެކު ރައްކާތެރިކޮށްދެވިފައި އޮތުމަކީ ކުރިއަށް އޮތް ޖީލުތަކަށް ހަގީގަތުގައި ވަރަށް މުހިއްމު ކަމެއް،" ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް