އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާނުކޮށް ނިމިއްޖެއެވެ.
މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރަސްމީ ނަތީޖާ އަންނަ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިއުލާން ކުރާނެ ކަމަށެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވަނީ، ރޭގެ ވަގުތެއްގައެވެ.
އީސީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ވޯޓުލާން ނުކުތް 246،915 މީހުންގެ ތެރެއިން 54 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. އެއީ، 129،159 ވޯޓެވެ. ވެރިކަމުގައި ހުންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 109،868 ވޯޓެވެ.
ރައީސަށް މެޖޯރިޓީ ލިބުނީ ރާއްޖޭގެ އެންމެ ދެ އަތޮޅަކުންނެވެ. އެއީ އއ. އަތޮޅާއި އައްޑޫ ސިޓީއިންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު މި ބުރުގައި ވަނީ ބާތިލް ވޯޓު ގިނަވެފައެވެ. އެގޮތުން ބާތިލް ވޯޓުގެ އަދަދަކީ 7888އެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓުގެ އަދަދަކީ 4،835 އެވެ.
ރޭ ރައީސް ޞާލިހް ވަނީ ބަލި ގަބޫލު ކުރައްވައި، ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.