ވައުދުފުޅާ އެއްގޮތަށް ޖަލުގައި ކެތްކޮށްލެއްވި ހަމައެކަނި ލީޑަރު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަ ކުރެއްވުމަށް ފަހު މިއަދު ގެކޮޅަށް ވަޑައިގަތުން -- ސަން ފޮޓޯ/ މުހައްމަދު މާހިލް

ވެރިކަން ކުރައްވާފައި ޖަލަށް ވަޑައިގަތީ އަލަކަށް ނޫނެވެ. ކުރީގެ ރައީސުން ޖަލަށް ލުމުގެ ހިތި ސަގާފަތް އޮތަސް، މި ފަހަރު ހާއްސަވީ އެހެންވެއެއް ނޫނެވެ. ކުރިން ޖަލަށްލީ ބައެއް ރައީސުން ވެސް ވަކި ހިސާބަކުން ކެއްކޮށްނުލެވި ބޭރު ގައުމަކަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނަވަނީއެވެ. ބައެއް ސިޔާސީ ލީޑަރުން ހުކުމް ކުރައްވަން ހެދީމާ، ހޭފުޅު ވެސް ނެތުނެވެ. އަނެއްބައި ބޭބޭފުޅުން ބަލި ހާލަތު ގޯސްވެ، ބޭރުގެ ގައުމެއްގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމަށް ބަދަލުވީއެވެ.

މިދިޔަ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އޭރު ގުޅިފައި އޮތް ބޮޑު ސިޔާސީ އިއްތިހާދަކުން ކާމިޔާބު ކުރުމަށް ފަހު، ވެރިކަމުން ވަޑައިގެންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަތައް ތަހުގީގު ކުރަން ފެށިއެވެ.

އޭގެ ފަހުން ތަފާތު ދެ ހުކުމެއްގައި، ދެ ފަހަރު މަތިން ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެކަމަކު، އޭގެން އެންމެ ފަހަރަކު ވެސް އެ މަނިކުފާނު ބޭސް ފަރުވާއަށް އެދިލައްވައިފައެއް ވެސް ނުވެއެވެ. ޝަރުޢީ މަރުހަލާތައް ފުރިހަމަވެ، ލުޔެއް ލިބިވަޑައިގަތުމާ ހަމައަށް ކޮންމެ ފަހަރަކު ވެސް ޖަލުގައި ހޭދަ ކުރައްވައެވެ. އެ މަނިކުފާނު ވަނީ 1،000 އަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަ ކުރައްވައިފައެވެ.

ޔާމީން މިއަދު ގެކޮޅަށް ބަދަލު ކުރުމުން، އެއްވެފައި ތިބި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ -- ސަން ފޮޓޯ

ފުރަތަމަ ހުކުމުން މިނިވަންވުމުން ވެސް ޔާމީން ވަނީ ބޭސްފަރުވާގެ ކަންކަމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ދެކޮޅު ހައްދަވައިފައެވެ. އޭރު އެ މަނިކުފާނު ވިދާޅުވީ، ނުފިއްލަވާނެ ކަމަށާއި ރައްޔިތުންނަށް އެފަދައިން ހީފުޅުވެދާނެ ކަމެއް ވެސް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ހޮސްޕިޓަލަށް ނާންނަނީ އަޅުގަނޑު ހޮސްޕިޓަލަށް އަންނަން ނުޖެހޭތީކީ ނޫން. އަޅުގަނޑު ހޮސްޕިޓަލަށް އައިސް އެޑްމިޓުނުވެ، މި ފަހަރު މި ހުންނަނީ އަޅުގަނޑުގެ އާއިލާ ތަހައްމަލު ކުރާ ހިތްދަތިކަން އަޅުގަނޑަށް އިހްސާސް ކުރެވޭތީ. އެ ތަނަށް އައިސް އޮންނަން ވެއްޖިއްޔާ އާއިލާއިން އިތުރަށް ކަންބޮޑުވާތީ، އެހެންނޫންނަމަ، އަޅުގަނޑު މިހާރު ފުރުސަތަކަށް އެދިގެން ހުންނާނީ ހޮސްޕިޓަލުގައި،" މީގެ ކުރިން ބޭއްވި އިސްތިއުނާފު އަޑުއެހުމެއްގައި ޔާމީން ވިދާޅުވެފައިވެއެވެ.

އިބްރާހިމް ނާސިރު ފަސްދާނުލެވުމާ ޖެހެންދެން ހުންނެވީ ބޭރުގައި

ވެރިކަން ދޫކޮށްލެއްވުމަށް ފަހު، ކުރީގެ ރައީސް އަދި ބޮޑުވަޒީރު އިބްރާހިމް ނާސިރު ރާއްޖޭން ބޭރަށް ވަޑައިގަތީ އެއްވެސް ދައުވާއެއް ވެސް އުފުލާފައިނުވަނީހެވެ.

އެއަށް ފަހު، އުފެދުނު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނާސިރު ބަޣާވާތެއް ގެންނަން އުޅުނު ކަމުގެ ތުހުމަތުތައް ކުރެވުނެވެ. ނަމަވެސް ވެރިކަން ދޫކޮށްލެއްވުމަށް ފަހު ނާސިރު ދިރިއުޅުއްވަމުން ގެންދެވީ ސިންގަޕޫރުގައެވެ. ޖަލަށް ނުލި ނަމަވެސް، ނާސިރު ވެސް ހަޔާތްޕުޅުގެ ބާކީ ބައި ހޭދަ ކުރެއްވީ ގައުމުން ބޭރުގައެވެ.

އަވަހާރުވުމާހަމައަށް ވެސް ނާސިރު އުޅުއްވީ ރާއްޖޭން ބޭރުގައެވެ. ފަސްދާނުލާން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެ ގެންނެވިއެވެ.

ނަޝީދު ވަޑައިގަތީ ރާއްޖޭން ބޭރަށް

އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވެއްޓި، އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ އެކު ދެން އުފެދުނު ސަރުކާރުން ވަނީ، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ. އެ އަޑުއެހުންތައް ކުރިއަށް ގޮސް، ކްރިމިނަލް ކޯޓުން ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ވީޑިއޯ މެދުވެރިކޮށް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން އިދިކޮޅު ކޯލިޝަނުގެ މެންބަރުންނާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެކަމަކު، ޖަލުގައި މާ ގިނަ ދުވަހު ނޯންނަވައި، އެ މަނިކުފާނު ވަނީ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނަވައިފައެވެ. އެ ފަހަރު، ޔާމީންގެ ވެރިކަން ނިމެންދެން ވެސް ނަޝީދު ހުންނެވީ ޝަރީއަތަށް ވެސް ފިއްލަވައިގެން އިނގިރޭސިވިލާތުގައި، އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެންނެވެ.

ނަޝީދުގެ ފުރިހަމަ ތާއީދާ އެކު 2018 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިންތިޚާބުވުމާ ހަމައަށް ވެސް އެ މަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ. "ވީ ހާލެއްގައި ވާން،" ކަމަށް ވިދާޅުވެ، އެނބުރި ރާއްޖެ ވަޑައިގެންނެވީ ރައީސް ޞާލިޙް އިންތިޚާބުވެ، އޭރުގެ ވެރިކަން ބަލިވި ފަހުންނެވެ.

ގާސިމް ނެތުނީ ހޭފުޅު

ހަމަ މިދިޔަ ވެރިކަމުގައި ދައުވާ އުފުލި އަނެއް ސިޔާސީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. މަހުޖަނު ގާސިމާ ދެކޮޅަށް ދައުލަތުން ވަނީ މަޖިލީސް މެންބަރުންތަކަކަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.

ހުކުމް ކުރުމުގެ މަޖިލީހަށް ވަޑައިގަތުމުން ހޭފުޅު ނެތިގެން ގާސިމް އިބްރާހިމް ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ/ މިހާރު

އެ ދައުވާ އުފުލައި، ހުކުމާ ހިސާބަށް ގޮސް، ކްރިމިނަލް ކޯޓުގައި އޮތް ހުކުމް ކުރުމުގެ ޝަރީއަތަށް ވަޑައިގެންނެވިތަނުން ގާސިމް ހޭފުޅު ނެތުނީއެވެ. އެ ހިސާބުން އެ މަނިކުފާނު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެއްވަމުން ދަނިކޮށް، އެ މަނިކުފާނުގެ ޣައިރުހާޒިރުގައި ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ ހުކުމް އިއްވުމުން ގާސިމް ވެސް ހޮސްޕިޓަލުން ވަޑައިގަތީ ފުރަންށެވެ. ބޭސް ފަރުވާ ހޯއްދެވުމަށް ކަމަށް ވިދާޅުވެ، ސިންގަޕޫރަށް ވަޑައިގަތީއެވެ. ސިންގަޕޫރު މަގުން، ޖަރުމަނަށް ވަޑައިގެން ދެން އެ ވެރިކަން ނިމެންދެން ގާސިމް ވެސް ހުންނެވީ ޖަރުމަނަށް އަރުވާލެވިގެން، އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ.

ރައީސް މައުމޫން، ދެ މަސް ޖަލުގައި

ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ކޮއްކޯފުޅު ރައީސް ޔާމީންގެ ސަރުކާރުގައި އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މައުމޫންގެ މައްޗަށް 2018 ވަނަ އަހަރުގެ ޖުލައި މަހު ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އޭގެ ފަހުން ހައި ކޯޓުން މިނިވަން ކުރަންދެން ދެ މަހެއްހާ ދުވަސް މައުމޫން ޖަލުގައި އެ އުމުރުފުޅުގައި ހޭދަކުރެއްވިއެވެ.

ޔާމީން ނުފިއްލެވި

އެންމެ ފުރަތަމަ އެ މަނިކުފާނުގެ މައްޗަށް އުފުލުނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތުން ލިބުނު ފައިސާ ލޯންޑާ ކުރި ކަމަށް ބުނެއެވެ. އެ ފަހަރު، 2019 ވަނަ އަހަރުގެ ފެބްރުއަރީ 13 ގައި ވަނީ އެ މަނިކުފާނާ ދެކޮޅަށް ދައުވާ އުފުލައިފައެވެ. އޭގެ ފަހުން، އެ އަހަރުގެ ނޮވެމްބަރު 28 ގައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

އެ ދުވަހު ހުކުމް ކުރުމުން ވެސް، ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ނުފިއްލަވާނެ ކަމަށާއި ޝަރުއީ ދާއިރާގެ ތެރެއިން މިނިވަންވެވަޑައިގަންނަވަން ދެން އެ މަނިކުފާނު ޖަލުގައި އޮންނަވާނެ ކަމަށެވެ.

އެ ފަހަރު ކަންތައް ކުރެއްވީ ވެސް އެ މަގުންނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މަރުހަލާއިން ނާކާމިޔާބުވުމުން، ދެން އޮތް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅުއްވީއެވެ. އެ ފަހަރުގެ ހުކުމް ބާތިލުކުރީ އެންމެ ފަހު މަރުހަލާއިންނެވެ.

ހުކުމް ބާތިލުކޮށް، ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ 2021 ވަނަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހުއެވެ. އެ ދުވަހު، މިނިވަންވެވަޑައިގަތުމާ ހަމައަށް ވެސް އެ މަނިކުފާނު ވަނީ ޖަލުގައި ކެއްކުރައްވައިފައެވެ.

އެ ފަހަރު މިނިވަންވެވަޑައިގެންފައި ވެސް މާ ގިނަ ދުވަހެއް ނުވެ، އަނެއްކާ ވެސް އިތުރު މައްސަލައެއްގައި ޔާމީނާ ދެކޮޅަށް ޝަރީއަތް ކުރަން ފެށީއެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ދައުލަތުން އުފުލި ދެ ދައުވާ ވެސް ސާބިތުވާ ކަމަށް އަނެއްކާ ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 25ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީއެވެ. އެ ހިސާބުން އެ މަނިކުފާނު އަނެއްކާ ވެސް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީއެވެ.

އެ ދުވަހުން ފެށިގެން، މިއަދު އެ މަނިކުފާނު ގެކޮޅަށް ބަދަލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިންމެވުމާ ހަމައަށް ވެސް ޔާމީން ހުންނެވީ މާފުށީ ޖަލުގައެވެ. އެއީ، ވެރިކަން ކުރެއްވި ބޭފުޅަކު ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަ ކުރެއްވި އެންމެ ދިގު މުއްދަތެވެ.

ހަމަ ގައިމު ވެސް ޔާމީންގެ ނަން ފެވޭނީ ޖަލަށް ވަޑައިގެންނެވީތީކީ ނޫނެވެ. އެއީ، ވެރިކަން ކުރައްވާފައި އެންމެ ދިގު މުއްދަތެއް ޖަލުގައި ހޭދަ ކުރެއްވި ރައީސެވެ. ބޭރު ގައުމެއްގެ ހިމާޔަތް ހޯއްދަވައިގެން ނުފިއްލަވައި، ޖަލުގައި ކެއްކޮށްލެވުނު ހަމައެކަނި ލީޑަރެވެ. މިއަދު، އެނބުރި ގެކޮޅަށް ވަޑައިގެން އަނބިކަނބަލުން ފެނިވަޑައިގަތުމުން އެހާ ބޮޑު ހިތްހަމަޖެހުމެއް އެ މަނިކުފާނަށް ލިބިވަޑައިގަތީ އެހެންވެއެވެ.

comment ކޮމެންޓް