ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަމަށް ބޭފުޅަކު އިންތިޚާބުކޮށް، އެ ނަތީޖާ ބައިނަލްއަޤްވާމީ ދުނިޔޭން ވެސް ބަލައިގެންފައިވަނިކޮށް މި މަހު ނިޒާމީ ވޯޓެއް ނެގުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށް، މި މަހު 29 ގައި ނިޒާމާ ބެހޭ ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަންގައި ވަނީ އެދިފައެވެ.
އެ ވޯޓާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށް ރިޔާސީ އިންތިޚާބެއްގެ ދެ ބުރު ބޭއްވި، ދިވެހިރައްޔިތުންނާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ އިންތިޚާބުގެ ނަތީއްޖާ ޤަބޫލުކޮށްފައިވަނިކޮށް، އިންތިޚާބީ ރައީސާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮން ނިޒާމަކުންތޯ ބެލުމަށް އަލުން ނިޒާމީ ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ޚިލާފު އަދި ބައިނަލްއަޤްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލުތަކާ ވެސް މުޅީން ޚިލާފު ކަމެއް ކަމަށެވެ.
"ބާރުހުރި ފަރާތްތަކުން ޤާނޫނު އަސާސީއާއި ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަޑުބަނޑުކުރުމަކީ ޤައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ޤަބޫލު ކުރާނޭކަމެއް ނޫނެވެ. އަދި ކޮށްގެންވާނެކަމެއް ވެސް ނުމެ ނޫންމެއެވެ." އެ މަނިކުފާނު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މި ވަގުތު ނިޒާމެއް ވޯޓެއް ނެގުމުން ރައްޔިތުންނަށް ލިބޭނެ ނިކަމެތިކަން އެ މަނިކުފާނަށް ވަޒަން ކުރެވޭ ކަމަށެވެ. އެހެންވެ، އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ވެރިކަމުގެ ނިޒާމާ މެދު އިލްކްޝަންސް ކަމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކި ޕާޓީއަކުން ތިމާމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާ އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލު ކުރާނޭ ވޯޓެއް ނޫންކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫންކަން އަޅުގަނޑު ފުރިގަމައަށް ޤަބޫލު ކުރަމެވެ." އެ މަނިކުފާނު ވިދާޅުވިއެވެ.
"ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކުން ދިވެހި ރައްޔިތުންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ޤަބޫލު ކުރައްވައެވެ. ބަރުލަމާނީ ނިޒާމަކުން ފައިދާ ވާނީ މަޖިލިސް މެންބަރުންނާއި، މަދު ވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށެވެ."
އެހެންވެ، ގާސިމް ވަނީ ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރައްވާ ބޭފުޅުން އެކަން ހުއްޓައިލެއްވުމަށް އެދިލައްވައިފައެވެ. އަދި، އިންތިޚާބީ ސަރުކާރަށް ބާރުތައް ބަދަލު ކުރުމުގައި ގައުމުގެ ހަމަޖެހުން އިސްކޮށް މަސައްކަތް ކޮށްދެއްވުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މި ވަގުތު ނިޒާމީ ވޯޓެއް ނަގަން އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ އަބަދު ވެސް ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މިދިޔަ މަހު 30ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން މަޖިލީހަށް ހުށަހެޅީ ވެސް އެ މަނިކުފާނުގެ ޕާޓީންނެވެ. ނިޒާމީ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ވެސް ރުހުމާ އެކުގައެވެ.
އެކަމަކު، އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓާ ގުޅޭ ގޮތުން އެމްޑީޕީގެ ރަސްމީ ނިންމުމެއް ނިންމާނީ އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ފަހުގައެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 108،735 ވޯޓެވެ. އެއީ، 46 އިންސައްތަ ވޯޓެވެ. އެންމެ ގިނަ ވޯޓު ހޯއްދަވައިގެން، އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނަށް 126،499 ވޯޓު ލިބިވަޑައިގަތެވެ. އެއީ، 54 އިންސައްތައެވެ.