ނިމިދިޔަ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުގެ ގަދަ ހޫނުގައި ޕީޕީއެމް އޮފީސް ކުރިމަތީގައި ތިބި ސަޕޯޓަރުންގެ މޫނުމަތިން ފެނުނީ މާޔޫސްކަމާއި މޮޅިވެރިކަމެވެ. ނާއުންމީދުވެ ތިބެ، އެ ދުވަހު އެ މީހުން ގޮވަމުންދިޔައީ ޕާޓީ މަގުމަތި ނުކޮށްލުމަށެވެ.
އެއީ ސުޕްރީމް ކޯޓުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެކަމަށް ނިންމައި ހުކުމް ކުރުމުން، ޔާމީން އިންތިހާބު ބޮއިކޮޓްކުރަން އެންގެވުމުންނެވެ.
އެ ދުވަސް މާޒީގެ ތެރެއަށް އެކުވެ ހިނގައްޖެއެވެ. ޖެހިގެން އައި ދުވަހު ރައީސް ޔާމީންގެ ސްޓޭންޑް ބަދަލުކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން ނިންމެވިއެވެ. ކެންޑިޑެންސީ ފޯމު ހުށަހަޅައި ކެމްޕޭންގެ މަސައްކަތްތައް ވަގުތުން ފެއްޓެވީއެވެ.
ސެޕްޓެމްބަރު 29، 2023: ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ފަހު ކެމްޕޭން ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
ޕީޕީއެމް، ޕީއެންސީގެ މުޅި ލީޑާޝިޕާއި އާންމު މެންބަރުންގެ ތާއީދާއެކު މުއިއްޒު "ދިވެހީންގެ ރާއްޖެ"އަށް ދަތުރު ފެއްޓެވީ 12 އޯގަސްޓުގައެވެ. އެއީ އަތޮޅުތެރެއަށް އޭނާ ފެއްޓެވި ކެމްޕޭން ދަތުރުތަކެވެ.
ބޮޑުތިލަދުންމަތިން ފެއްޓެވި އެ ދަތުރުގައި މުއިއްޒު ފުރަތަމަ ބުރުގައި މުއިއްޒު 100އަށްވުރެ ގިނަ ރަށަށް ވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ދެވަނަ ބުރަކަށް ދަތުރުކުރީ ދެ ކެންޑިޑޭޓުންނެވެ. އެއީ މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.
އެކަމަކު، އޭރު ވެސް ރައްޔިތުންގެ ތާއީދުގެ ބޮޑު އަގުލަބިއްޔަތެއް މުއިއްޒު ހޯއްދެވިއެވެ. އޭނާއަށް 46 އިންސައްތަ ލިބިވަޑައިގެންނެވިއިރު، ރައީސަށް ލިބިވަޑައިގަތީ 36 އިންސައްތައެވެ.
ދެވަނަ ބުރުގައި ވެސް ބޮޑު އަގުލަބިއްޔަތަކާއެކު އިންތިހާބު މުއިއްޒު މި ވަނީ ކާމިޔާބު ކުރައްވައިފައެވެ.

ޕީޕީއެމްގެ ސަޕޯޓަރުން އުފާފާޅުކުރަނީ --
މިރޭ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ފެންނަނީ އުފާފާޅުކުރާ މަންޒަރެވެ. ބައެއް މީހުން އުފަލުން ރޯ މަންޒަރު ވެސް ފެނެއެވެ.
"މިއީ ގައުމަށް ލިބުނު ނަސްރެއް. ރައީސް ޔާމީން މިނިވަންވާން ލިބުނު ބޮޑު ފުރުސަތެއް،" އެ ތަނުގައި ހުރި ސަޕޯޓަރަކު ބުންޏެވެ.
އެކަކު އަނެކަކާ ބައްދައިލައި އެ ތަނުގައި އުފާ ފާޅުކުރަމުންދިޔައެވެ. ސޯޝަލް މީޑިއާގައި ވެސް ދިޔައީ އުފާފާޅުކުރަމުންނެވެ.
"މިއަދު މި އާދެވުނީ ދިވެހީންގެ ރާއްޖެއަކަށް. އިންޝާﷲ މުއިއްޒުގެ ވެރިކަމެއްގައި ދިވެހީން ތިބޭނީ އުފަލުން،" އެހެން ސަޕޯޓަރަކު ބުންޏެވެ.
މުއިއްޒުގެ މި މޮޅާއެކު، އުފަލުން ގޮސް ގިނަ މީހުންނަށް ދައްކާނެ ވާހަކައެއް ވެސް ނޭނގެއެވެ. ތިބީ ބަސް ހުސްވެފައެވެ.
ޕީޕީއެމްގެ އެންމެން ވެސް މި ކާމިޔާބީ ސިފަކުރަނީ ލިބުނު ނަސްރެއްގެ ގޮތުގައެވެ. މުޅި ފިޔާތޮށި ލަޝްކަރަށް އައި އީދެއްގެ ގޮތުގައެވެ.