ސިޔާމްގެ މަރުހަބާ މުއިއްޒަށް

އެމްޑީއޭގެ ޖަލްސާއެއްގެ ތެރެއިން އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި އަހަރުގެ ރިޔާސީ އިންތިޚާބު, ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ރަނިންމޭޓް ހުސެން މުހައްމަދު ލަތީފް ކާމިޔާބު ކުރެއްވުމާ އެކު މޯލްޑިވްސް ޑިވެލޮޕމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމު މުހައްމަދު މިރޭ މަރުހަބާ ދަންނަވައިފިއެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒު ވަނީ 54 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައިފައެވެ. ވެރިކަމުގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ.

އިންތިޚާބީ ރައީސަށް މަރުހަބާ ދަންނަވަން އެމްޑީއޭއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ޕާޓީގެ ރައީސް ސިޔާމާއި އަދި އެ ނޫން ވެސް ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އަދި ގައުމީ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައި އެ މަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ.

https://sun.mv/182612

ކުރިއަށް އޮތް ރިޔާސީ ދައުރަށް ހުވާ ކުރައްވާ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައްޔިތުންނަށްޓަކައި ކުރައްވާ އެންމެހާ މަސައްކަތްތަކަށް އެމްޑީއޭގެ މެންބަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ކަން ވެސް އެ ޕާޓިން ވަނީ މުއިއްޒަށް ދެއްވައިފައެވެ.

"ކުރިއަށް އޮތް ރިޔާސީ ދައުރަށް ހުވާކުރައްވާ ދިވެހިރާއްޖޭގެ ވަލީޢުލްޢަމްރުގެ މަތިވެރި މަޤާމާއި، ޙަވާލުވެވަޑައިގެންނެވުމަށް ފަހު މި ލޮބުވެތި ވަޠަންގެ ކުރިއެރުމާއި، އެންމެހައި ދިވެހި ރައްޔިތުންގެ ހެވާއި، ލާބަޔާއި، މަންފާ އަށްޓަކައި ކުރައްވާ އެންމެހާ މަސައްކަތް ތަކުގައި މިޕާޓީގެ ޢިއްޒަތްތެރި ރައީސް އޮނަރަބަލް އަޙްމަދު ސިޔާމު މުޙައްމަދާއި، ޕާޓީގެ ލީޑަރުޝިޕްގެ ފަރާތުން ފުރިހަމައެއްބާރުލުމާއި، އެހީތެރިކަން ލިބެމުން ދާނެކަމުގެ ކަމުގެ ޔަޤީން މިފުރުޞަތުގައި އަރުވަމެވެ،" އެ ބަޔާނުގައި ވެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީއޭއިން ތާއީދު ކުރީ މުއިއްޒަށެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ މަނިކުފާނު ވަނީ 126،000 އަށްވުރެ ގިނަ ވޯޓު ކަށަވަރު ކުރައްވައިފައެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 107،000 ވޯޓެވެ.

comment ކޮމެންޓް