މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ނިމިފައި ވާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިވަނީ ގިނަ ބައެއްގެ ތައުރީފް ލިބިފައެވެ.
އެގޮތުން މިއަދުގެ ވޯޓުލުން ކުރިއަށް ދިޔަގޮތް އަމާންކަން ފާހަގަކޮށް އެތައް ބަޔަކު ވަނީ އީސީގެ މުޅި ޓީމަށާއި ޚާއްސަކޮށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ޝުކުރު އަދާކޮށްފައެވެ.
އެގޮތުން މިއަދަކީ ތާރީޚީ ދުވަހެއް ކަމަށާއި މިފަދަ އަމާން ސުލްހަވެރި އިންތިޚާބެއް އަދި ކުރިއަށް ނުދާކަމަށް މީހުން ބުނެފައި ވެއެވެ. މި ޝުއޫރުތައް މީހުން ފާޅުކޮށްފައި ވަނީ ޓްވިޓާގައެވެ.
މީހުން ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިންތިޚާބުތައް ބާއްވާއިރު، މި އިންތިޚާބު ނަމޫނާއަކަށް ބަލަން ޖެހެއެވެ.
މީގެ އިތުރުން މިއަދުގެ "މޭން އޮފް ދަ މެޗް"އަކީ ފުއާދު ކަމަށް ވެސް ޓްވިޓާގައި މީހަކު ބުނެފައި ވެއެވެ. އަދި އިންތިޚާބީ ރައީސަށް މަރުހަބާ ކިޔުން ކުރިއަށް ގެންދާއިރު، ފުއާދަށް މަރުހަބާ ކިޔަން ހަނދާން ނައްތާ ނުލުމަށް ވެސް އެދިފައި ވެއެވެ.
އެހެން މީހަކު ފާހަގަކޮށްފައި ވާގޮތުގައި އިންތިޚާބުގެ ފުރުތަމަ ބުރުގައި ކިއޫގައި މަޑުކުރަން ޖެހުނު ވަގުތު ވަރަށް ބޮޑުވިއެވެ. ނަމަވެސް، މިފަހަރު ކުޑަ ވަގުތުކޮޅެއްގެ ތެރޭ ވޯޓު ލެވުމަކީ މި ބުރުގެ އެންމެ ބޮޑު ތަފާތުކަން ފާހަގަކޮށްފައި ވެއެވެ.
މިފަދަ އެތައް ކަމެއް ފާހަގަކޮށް މިވަގުތު ޓުވިޓާ ފުރާލާފައި ވަނީ އިލެކްޝަންސް ކޮމިޝަނަށާއި ފުއާދު ތައުފީގަށް ތައުރީފު ކޮށެވެ. އެ ކޮމިޝަނުން ކުރި މަސައްކަތަށް މެޑަލް ހައްގެވެ.