ސްކީ ކުރަނިކޮށް ހިނގި އެކްސިޑެންޓެއްގައި ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ދިހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، ޖަރުމަންގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާ، ބަޔާން މިއުނިކުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ނޯޔާއަށް އަނިޔާވެފައިވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕު ސްޓޭޖުން ޖަރުމަން ކެޓިތާ ދުވަސްކޮޅަކަށްފަހު، ސްކީ ކުރަން އުޅެނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެންނެވެ. އެ އެކްސިޑެންޓުގައި ނޯޔާގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ.
އުމުރުން 37 އަހަރުގެ ނޯޔާ، ބަޔާންގެ ކީޕަރުންގެ ގޮތުގައި ހިމެނޭ ސްވެން އުލްރެއިޗް އަދި ޑެނިއެލް ޕެރެޓްޒްއާއެކު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފަރިތަކުރުންތައް ފަށައިފައެވެ. މާގިނަ ދުވަސްތަކެއް ނުވެ ނޯޔާ ބަޔާންގެ ޓީމުން ފެންނާނެ ކަމަށް ދާދިފަހުން އެ ކްލަބުން ބުނެފައިވީ ނަމަވެސް، އޭނާ މުޅިން ފިޓުވުމަށް ކިހާ ދުވަހެއް ނަގާނެ ކަމެއް ބުނެފައެއް ނުވެއެވެ.
ބަޔާނާއެކު ދެ ފަހަރެއްގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ނޯޔާ، ފަރިތަކުރުންތަކުގައި ބައިވެރިވުމަށްފަހު ބުނީ ޓީމުގެ ކުޅުންތެރިންނާއެކު އެނބުރި ދަނޑުމައްޗަށް ނުކުމެވުމުން އުފާކުރާ ކަމަށާއި އަނބުރާ ފިޓްނަސް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ޖަރުމަން ބުންޑަސްލީގާގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ބަޔާން އޮތީ ތާވަލުގެ ދެވަނައިގައެވެ. ހަ މެޗު ކުޅެގެން ލިބުނު 14 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑެވެ. ރަށުން ބޭރުގައި މިރޭ އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެއްވަނައަށް އެރުމުގެ ފުރުސަތު ބަޔާނަށް އޮންނާނެވެ.