ހޮއިބިއާ ހޯދުމަށް ޔުވެންޓަސްއިން މަޝްވަރާތަކަށް

ޓޮޓެންހަމްގެ ޑެންމާކް މިޑްފީލްޑަރު ޕިއާ އެމީލް ހޮއިބިއާ -- ފޮޓޯ/ ގެޓީ

ޓޮޓެންހަމްގެ ޑެންމާކް މިޑްފީލްޑަރު ޕިއާ އެމީލް ހޮއިބިއާ ހޯދުމަށް އޭނާގެ އެޖެންޓާ ޔުވެންޓަސްއިން ވާހަކަތައް ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އުމުރުން 28 އަހަރުގެ ހޮއިބިއާގެ އެޖެންޓު ވަނީ ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ކްރިސްޓިއާނޯ ގިއުންޓޮލީއާ ވާހަކަދެއްކުމަށް އިޓަލީއަށް ގޮސްފައެވެ. ހޮއިބިއާ ހޯދުމަށް ޔުވެންޓަސްގެ ވާދަވެރި ރޯމާއިން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ޔުވެންޓަސްއިން ހޮއިބިއާ ހޯދުމުގެ މަސައްކަތް ފަށާފައި މިވަނީ އެ ކްލަބުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ، މަނާ ބޭހަށް ޕޮޒިޓިވްވުމުން ސަސްޕެންޑުކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ޔުވެންޓަސް އިން ޕޮގްބާގެ ކޮންޓްރެކްޓު އުވާލުމަށް ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނަށް ޓޮޓެންހަމްގެ ކޯޗުކަމާ އަންގޭ ޕޮސްޓެކޮގްލޫ ހަވާލުވި ފަހުން ހޮއިބިއާއަށް ވަނީ މެޗުތައް ކުޅުމަށް ގިނަ ފުރުސަތުތައް ލިބޭގޮތް ނުވެފައެވެ. ޓޮޓެންހަމް އިން ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ފަސް މެޗުގެ ތެރެއިން ހޮއިބިއާއަށް ފުރުސަތު ލިބިފައިވަނީ 80 މިނެޓަށްވުރެ މަދުންނެވެ. އެއާ އެކު ކުޅުމުގެ އިތުރު ފުރުސަތު ހޯދުމަށް އޭނާ ވެސް އެހެން ކްލަބަކަށް ދިއުމަށް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔުވެންޓަސް އިން ހޮއިބިއާ ހޯދުމަށް މަސައްކަތްކުރާނީ ލޯނުގެ ދަށުން ޖެނުއަރީ މަހު ގެނެސް، އޭގެ ފަހުން ދާއިމީ ކޮންޓްރެކްޓެއް ހުށަހެޅުމަށެވެ. ޓޮޓެންހަމްއާ އެކު އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުއެވެ.

comment ކޮމެންޓް