ސައުދީ އަރަބިއާއަށް ފްރާންސްގެ މާސޭ ވިއްކާލައިފި ނަމަ، އެ ކްލަބުގެ ކޯޗުކަމާ ހަވާލުވާން ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ފްރާންސްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީގެ ވިޔަފާރިވެރިޔަކު ހުށަހަޅާފައިވާ ގޮތަށް މާސޭ ވިއްކާލައިފި ނަމަ، އެ ކްލަބާ ހަވާލުވުމަށް ޒިދާން މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް ސައުދީގެ އެ ހުށަހެޅުމަށް ދެކޮޅު ހަދައިފި ނަމަ، ޒިދާން ވެސް މާސޭއާ ހަވާލު ނުވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
މިހާރުގެ މާސޭގެ ވެރިޔާ ފްރޭންކް މެކްކޯޓް މީގެ ކުރިން ބުނެފައިވާ ގޮތުގައި މާސޭއަކީ ވިއްކާ ކްލަބެއް ނޫނެވެ. އެހެން ބުނެފައިވީ ނަމަވެސް، ސައުދީގެ ވިޔަފާރިވެރިޔަކު ވަނީ އެ ކްލަބު ގަތުމަށް ހުށަހެޅުމެއް ހުށަހަޅައިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސައުދީން މާސޭއާ ހަވާލުވުމުން ކުޅުންތެރިން ހޯދުމަށް ޒިދާނަށް 260 މިލިއަން ޕައުންޑް ދިނުމަށް ވަނީ ނިންމައިފައެވެ. އަދި، ކުޅުންތެރިން ހޯދުމުގެ ފުރިހަމަ ބާރު ޒިދާން ބޭނުންވާގޮތަށް އޭނާއަށް ދިނުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މާސޭއިން ވަނީ މިދިޔަ ބުދަ ދުވަހު މާސެލީނޯގެ ބަދަލުގައި އެ ކްލަބުގެ ކޯޗަކަށް އިޓަލީގެ ފުޓުބޯޅަ ލެޖެންޑް ގެނާރޯ ގަޓޫސޯ ހަމަޖައްސައިފައެވެ. މީގެ ކުރިން ގަޓޫސޯ ވަނީ އޭސީ މިލާނާއި ނަޕޯލީ އާއި ފިއޮރެންޓީނާ އަދި ވެލެންސިއާއަށް އިރުޝާދު ދީފައެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޒިދާންގެ ކޯޗިން ކެރިއަރު ވެސް ވަރަށް ކާމިޔާބެވެ. ނަމަވެސް މިހާތަނަށް އޭނާ އިރުޝާދު ދީފައިވަނީ ހަމައެކަނި ރެއާލް މެޑްރިޑަށެވެ. ދެ ފަހަރެއްގެ މަތިން ރެއާލްއާ ހަވާލުވި ޒިދާން ވަނީ އެ ކްލަބަށް ދެ ސްޕެނިޝް ލަލީގާގެ އިތުރުން ތިން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.