Last Updated: 1 year 2 month ago

ލައިވް ބްލޮގް: ޑރ. މުއިއްޒު ގޮވާލެއްވީ އެންމެން އެކަތިގަނޑަކަށް ވުމަށް

ބުލޮގު ޚުލާސާ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު 8:00އިން 17:00އަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 86 ޕަސެންޓް މީހުން ވޯޓުލާފައިވެއެވެ.

މި ބުރުގައި ވާދަކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރައީސްކަން ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒެވެ.

23:18

ސަން އޮންލައިންއިން ގެނެސްދިން ރިޔާސީ އިންތިޚާބުގެ ލައިވް ކަވަރޭޖް މިހާހިސާބުން ނިމުނީ.

22:49

ރައީސް ޞާލިޙް، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

އެ މަނިކުފާނު ދެންމެ ކުރެއްވި ޓުވީޓެއްގައި ވަނީ، މުއިއްޒަށް މަރުހަބާ ވިދާޅުވެ، މި އިންތިޚާބުގައި ދިވެހި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ނަމޫނާއަށް މަރުހަބާ ދަންނަވައިފައި. އަދި، މި އިންތިޚާބުގައި އެ މަނިކުފާނަށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށާއި ކެމްޕޭންގައި މަސައްކަތް ކޮށްދެއްވި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުންނަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައި.

22:44
އިންތިޚާބީ ރައީސް ޑރ. މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
އިންތިޚާބީ ރައީސް ޑރ. މުއިއްޒު

އަޅުގަނޑު ދަންނަވާލާން ބޭނުންވަނީ މިއަދަކީ ދިވެހިރާއްޖެއަށް ވަރަށް އުފާވެރި ދުވަހެކޭ. ދިވެހިރާއްޖޭގެ މިނިވަންކަން، ދިވެހީންގެ ރާއްޖެ އަނބުރާ ހޯދުމަށްޓަކައި ދިވެހި ލޮބުވެތި ރައްޔިތުން ވަރުގަދަ ނިންމުމެއް ނިންމެވި ދުވަހެއް. އެކަމަށް ޓަކައި ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން
22:35

ނޮވެމްބަރު 17ގައި ރައީސްކަމުގެ ހުވާކުރެވުމާއެކު ރަސްމީ މަސައްކަތް ފަށާނީ ވަރަށް ބަރު ސްޕީޑުގައި ގައުމުގެ ކަންކަން ކުރުމަށް ކަމަށް މުއިއްޒު ވިދާޅުވި. އަދި އެ މަސައްކަތްތައް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ރެއާއި ދުވާލު މަސައްކަތް ކުރާނެ ޓީމަކާއެކު ކަމަށް ވިދާޅުވި.

22:34

މުއިއްޒު ވިދާޅުވީ ފާއިތުވި ފަސް އަހަރު ޕީޕީއެމްގެ ލީޑަރުން ގައުމުގެ މަސްލަހަތު އިސްކޮށް، ބޮޑެތި ގުރުބާނީތަކެއްވެފައިވާ ކަމަށް. އެކަމަށް މުއިއްޒު ޝުކުރު އަދާކުރެއްވި.

22:32

އިންތިޚާބާ ގުޅުވައިގެން ހިންގާފައިވާ ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައްވައި މުއިއްޒު ވަނީ ގައުމުގެ މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރާ ބަޔަކަށް އެ ފުރުސަތު ނުދިނުމަށް އެދިވަޑައިގެންފަ

22:30

އިދިކޮޅު ލީޑަރު ރައީސް ޔާމީން ވަގުތުން ވަގުތަށް ގެޔަށް ބަދަލު ކުރުމަކީ ރައީސް ޞާލިޙަށް ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެ، އެމަނިކުފާނު ގެޔަށް ބަދަލުކުރުމަށް މުއިއްޒު އެދިވަޑައިގަތް.

22:29

މުއިއްޒު ވިދާޅުވީ ގައުމު އެކަތިގަނޑަކަށްވެ، ސުލްހަ ގާއިމު ކުރަން ޖެހޭ ކަމަށް.

22:26

މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އުފާފާޅު ކުރުމުގެ ހަފުލާ ބާއްވާނީ މާދަމާ ކަމަށް. އެއީ، ގާނޫނީ ގޮތުން ކެމްޕޭނާ ގުޅުން ހުރި ހަރަކާތްތައް މާދަމާ ހެނދުނު 6:00އާ ހަމައަށް މަނާކޮށްފައިވާތީ.

22:25

އިންތިޚާބީ ރައީސް ޑރ. މުއިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިިފި

21:30

އީސީން އިންތިޚާބާ ގުޅޭ ގޮތުން ބާއްވާ ޕްރެސް އާއި އެސްއެސްޓީވީގެ އިންތިޚާބީ ކަވަރޭޖް ބައްލަވާލެއްވުމަށް:

21:28

މާދަމާ ހެނދުނު 6:00 ޖަހަންދެން ކެމްޕޭން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަން ހަބީބް ފާހަގަކުރެއްވި.

21:25

ހަބީބް ވިދާޅުވީ ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ކޮރަޕްޝަނާ ގުޅުންހުރި ދެ މައްސަލަ އާއި އިންތިޚާބީ މުވައްޒަފުންނާ ގުޅުންހުރި 15 މައްސަލައާއި އެންޓި ކެމްޕެއިން ކުރުން ފަދަ ކަންތައްތަކުގެ ތިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށް.

21:21

ހަބީބް ވިދާޅުވީ އިންތިޚާބާ ގުޅުވައި، މާލޭގައި ހުންނަ ކޮމްޕްލެއިންޓްސް ބިއުރޯއަށް 15 މައްސަލައެއް ހުށަހަޅާފައިވާ ކަމަަށާއި އޭގެ ތެރެއިން އެއް ޝަކުވާއަށް ޖަވާބުދީ، 14 މައްސަލަ ބަލަމުންދާ ކަމަށް. އަދި އަތޮޅު ތެރޭގެ ބިއުރޯތަކަށް ވެސް 15 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ޝަކުވާއަށް ޖަވާބު ދީފައިވާ ކަމަށް ހަބީބް ވިދާޅުވި. ބާކީ 14 މައްސަލަ އީސީން ބަލަމުންދާކަން އޭނާ ފާހަގަކުރެއްވި.

އީސީގެ ނައިބު ރައީސް ހަބީބް

ވޯޓުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ ސީރިއަސް މައްސަލައެއް ފާހަގަކުރެވިފައި ނުވޭ
21:17

ގދ. ވާދުގައި ވޮއްޓެއް ފަޅާލި ހާދިސާއާ ބެހޭ ގޮތުން ހަބީބް ވިދާޅުވީ އެ ގެއްލުން ދިނީ އޭނާގެ އަައިޑީ ކާޑާ ގުޅުން ހުރި މައްސަލައެއްގައި ރުޅިގަދަވުމުން ކަމަށް.

21:12

އީސީން މިހާރު ދަނީ އިންތިޚާބާ ގުޅޭ ޕްރެސްއެއް ބާއްވަމުން.

ލ. ފޮނުދޫގައި ވޯޓުލާން ދިން ކަރުދާހުގައި މާކެއް ހުރި މައްސަލައާ ބެހޭ ގޮތުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ތިން ކަރުދާހެއްގައި އެއް ވައްތަރެއްގެ މާކެއް ހުރި. އެ މައްސަލަ ފާހަގަކުރަމުން، އޭރު ވޯޓުލަމުން އައި ފޮށި ބަންދުކޮށް، އާ ފޮއްޓެއްގައި ވޯޓުލާން ނިންމި ކަމަށް ހަބީބު ވިދާޅުވި. އަދި މައްސަލަ ދިމާވިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ތެރޭ އަލުން ވޯޓުލާން ފެށުނު ކަމަށް އޭނާ ވިދާޅުވި.

މީގެ އިތުރުން އޮފިޝަލަކު ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް ހަބީބް ވިދާޅުވި.

20:58

ދެ އަހަރު ކުރިން އަޅުގަނޑު ގާތު މުއިއްޒު ވިދާޅުވި ވާހަކަ ވަރަށް ރަނގަޅަށް އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އެއީ މި ގައުމަށް ގައުމުދެކެ އިންތިހާއަށް ލޯބިވާ އަދި ހަރުދަނާ ބޭފުޅަކު އައުމުން ކަންކަން ހަމަޖެހޭނެ ވާހަކައެވެ.
ތަފްސީލް: https://sun.mv/182621

20:57

މި ނަތީޖާއާ އެކު ދެން ކަންތައް ވެގެން ދާނެ ގޮތެއް އަދި ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ރައީސް ޞާލިޙްގެ ކާމިޔާބު 30 އަހަރުވީ ސިޔާސީ ހަޔާތަށް ފަހު، މިއީ އަލަތު ނާކާމިޔާބެވެ.
ތަފްސީލް: https://sun.mv/182619

20:51
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާއާ ގުޅިގެން ޕީޕީއެމް އޮފީސް ކައިރީގައި އުފާފާޅުކުރުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާއާ ގުޅިގެން ޕީޕީއެމް އޮފީސް ކައިރީގައި އުފާފާޅުކުރުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
20:46

އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ލިބިވަޑައިގަތް ކާމިޔާބީއާ ގުޅޭ ގޮތުން މިރޭ 10:00 މީރުމާ ހޯލްގައި ވާހަކަދައްކަވާނެ ކަމަށް ޕީޕީއެމުން ބުނެފި

20:38

ޕީޕީއެމް އޮފީސް ކައިރިއަށް އެއްވެ އުފާ ފާޅުކުރަމުންދާ މީހުން ދަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލަމުން

20:34

ވަގުތީ ނަތީޖާއިން މުއިއްޒަށް ރައީސްކަން ކަށަވަރުވުމުން މާލޭގެ އެކި ސަރަހައްދުތަކުގައި ދަނީ އުފާ ފާޅުކުރަމުން.

20:21

އެމްޑީޕީގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި މުޙައްމަދު ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސް ބުނެ، ފުރައްސާރަ ނުކުރުމަށް އެދިވަޑައިގެންފަ.

19:57

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން މިހާތަނަށް ގުނާފައިވާ ވޯޓުން، މުއިއްޒަށް ވަނީ ރައީސްކަން ކަށަރުވެފަ.

19:46

ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މިހާތަނަށް 400 ފޮށި ގުނާފައިވާއިރު، 54 ޕަސެންޓުން ކުރީގައި އުޅުއްވަނީ މުއިއްޒެ.

19:43

ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮއްޓެއްގެ ވޯޓު ގުނާ ގޮތާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން އުފެދި، ބައެއް މީހުން ދަނީ އަޑުގަދަކުރަމުން

19:12

586 ފޮށީގެ ތެރެއިން ދެބައިކުޅަ އެއްބައި ފޮށީގެ ނަތީޖާ މިހާރު ލިބިފައިވާއިރު، ކުރީގައި އުޅުއްވަނީ މުއިއްޒު. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު 48،089އަށް އަރާއިރު ރައީސަށް ލިބިވަޑައިގަތީ 41،622 ވޯޓް. ނަތީޖާ ބައްލަވާލެއްވުމަށް: https://riyaasathu.sun.mv/

18:57

މި ފަހަރުގެ އިންތިޚާބުގައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި ވޯޓު ކަރުދާސް ދެއްކުމާ ގުޅިގެން 19 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ވޯޓު ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އެކަމަކު، އޭގެ ތެރެއިން 18 މީހުން މިހާރު ވަނީ ދޫކޮށްލާފައި.

މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ގދ. ވާދޫގައި ވޯޓު ފޮށި ފަޅާލައިގެން ހައްޔަރު ކުރި މީހާ އެކަނި.

ވާދޫގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލާން ދިޔަ މީހަކު، ފޮށި ވަނީ ފަޅާލައިފައި.

18:18

މިއަދު ވޯޓުލީ މީހުންގެ އަދަދު 86 ޕަސެންޓަށް ވުރެ މަތި ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެ

18:13

އިންތިޚާބުގެ ނަތީޖާ ވަގުތުން ވަގުތުން ބައްލަވާލެއްވުމަށް
https://riyaasathu.sun.mv/

އީސީގެ އޮފިޝަލުން ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
އީސީގެ އޮފިޝަލުން ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
18:04

586 ފޮށީގެ ތެރެއިން 44 ފޮއްޓެއްގެ ނަތީޖާ "ސަން"އަށް ލިބިފައިވާއިރު، ކުރީގައި އުޅުއްވަނީ ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު. އެއީ 53.03 ޕަސެންޓު ވޯޓުން. އެމްޑީޕީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 46.97 ޕަސެންޓް ވޯޓު.

17:56

އިންތިޚާބުގެ ނަތީޖާ ވަގުތުން ވަގުތުން ބައްލަވާލެއްވުމަށް
https://riyaasathu.sun.mv/

17:30

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިހާރު ގިނަ މަރުކަޒުތަކުގެ ވޯޓުލުން ނިމިފައިވާ ކަމަށް. އަދި 5:30ގައި ވޯޓު ގުނަން ފަށާނެ ކަމަށް.

17:23

ވާދޫގައި ވޯޓު ފޮއްޓަށް ގެއްލުން ދިން މީހާ ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި

17:11

ގދ. ވާދޫގައި ވޯޓުލާ މަރުކަޒަށް ވަތް މީހަކު، ވޯޓު ފޮއްޓަށް ގެއްލުންދީ، ފޮށި ފަޅާލައިފި.

އީސީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓު ފޮށި ހަލާކުކުރި ނަމަވެސް، ވޯޓުތަކަށް ގެއްލުން ނުވާ ނަމަ ވޯޓު ގުނަމުންދާނެ ކަމަށް.

17:09
ފަހެއް ޖެހުމާއެކު ވޯޓު ފޮށިތައް ބަންދުކުރަން ވަނީ ފަށާފަ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
17:00

ފަހެއް ޖެހުމާއެކު، ކިޔޫ ބަންދުކުރާ ގަޑި ޖެހިއްޖެ. ފަހެއް ޖަހާއިރު ކިޔޫގައި ތިބި މީހުން ނޫން އިތުރު ބަޔަކަށް އެއަށް ފަހު ވޯޓުލުމުގެ ފުރުސަތު ނުދޭނެ ކަމަށް މިއަދު ހެނދުނު އީސީން ވަނީ ބުނެފަ.

16:40

އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވޯޓުލެއްވުން.

16:31
ކިޔޫ ބަންދުވާން ބައި ގަޑިއިރަށްވީއިރު 78 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފަ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
މިފަހަރު ވޯޓުލާން 586 ފޮށި ބަހައްޓާފައިވޭ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
16:29

މިއަދު 16:00އާ ހަމައަށް 78.32 ޕަސެންޓް މީހުން ވޯޓުލައިފި. އެއީ 221،496 މީހުން. އޭގެ ތެރޭގައި ހިމެނެނީ 111،273 އަންހެނުންނާއި 110،223 ފިރިހެނުން.

16:20

ވޯޓު ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން މިއަދު މިހާތަނަށް 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި.

16:17

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އައްޑޫ މަރަދޫ ދާއިރާގެ އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މުހައްމަދު ނިހާދަށް ހަމަލާދިން މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުން ވީހާ ވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފި.

16:12

ވޯޓުލުން ކުރިއަށްދާ ވަގުތު ހަމަނުޖެހުން ހިންގަމުންދާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށާއި އެފަދަ އަމަލުތަކުން ދުރުވެ، ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި. އެ ޖަމިއްޔާއިން ކުރި ޓުވީޓެއްގައި ވަނީ އިންތިޚާބަށް އިތުބާރު ގެއްލޭ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ޕާޓީތަކާއި ސަޕޯޓަރުންނަށް ގޮވާލާފަ.

15:41
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް
ވޯޓުލާން މީހުން އެއްވުން: މިހާތަނަށް 70 ޕަސެންޓް މީހުން ވަނީ ވޯޓުލާފަ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
15:37

އީސީން އެންމެ ފަހުން އިއުލާން ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާތަނަށް 70.37 ޕަސެންޓް މީހުން ވަނީ ވޯޓުލާފަ. އެއީ 199،023 މީހުން. އޭގެ ތެރޭގައި 100،160 އަންހެނުންނާއި 98،863 ފިރިހެނުން ހިމެނޭ.

15:34

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވަމުންދާ ކަމަށް ފާހަގަކުރެވުމުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުން ބުނެފި

https://sun.mv/182616

14:39

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވޯޓު ލައްވައިފި.

އެ މަނިކުފާނު ވޯޓު ލައްވާފައިވަނީ ސްރީލަންކާގައި ހުންނަ ވޯޓު ފޮއްޓަށް. އެ މަނިކުފާނު އަރިހުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ވަޑައިގެންނެވި.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާ އެކު ވޯޓުލައްވަން ވަޑައިގަންނަވަނީ -- ފޮޓޯ/ ޔުމްނާ މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވޯޓު ލައްވަނީ -- ފޮޓޯ/ ޔުމްނާ މައުމޫން
14:38
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށްދަނީ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށްދަނީ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
14:36

މިއަދު 14:00އާ ހަމައަށް 60.8 ޕަސެންޓް މީހުން ވޯޓުލައިފި. އެއީ 171،954 މީހުން. އޭގެ ތެރޭގައި 85،513 އަންހެނުންނާއި 86،441 ފިރިހެނުން ހިމެނޭ.

13:39

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 52 އިންސައްތަ މީހުން މިހާތަނަށް ވޯޓު ލައިފި.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު 1:00 އާ ހަމައަށް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 149،524 މީހުން ވޯޓު ލާފައިވާ ކަމަށް. އެއީ، 52.87 އިންސައްތަ.

އީސީން ބުނި ގޮތުގައި މިހާތަނަށް ވޯޓު ލާފައިވަނީ 73،234 އަންހެނުންނާއި 76،290 ފިރިހެނުން.

މިހާރު ހުރިހާ ފޮއްޓެއްގައި ވެސް ވޯޓުލާން ވަނީ ފަށާފައި.

13:31

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީގެ ބާނީ، ރައީސް މުހައްމަދު ނަޝީދު ވެސް މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލައްވައިފި.

އެ މަނިކުފާނާއި އެ މަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓްސްއިން ވަނީ މި އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާން ނިންމައިފައި.

ޑިމޮކްރެޓްސް އުފެދިގެން އައީ އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، އެ ޕާޓީން ވަކިވި މެންބަރުން އަޑީގައި ތިއްބަވައިގެން. ޑިމޮކްރެޓްސްއިން ވަނީ ފުރަތަމަ ބުރުގައި ވާދަކުރައްވައި 15،000 ވޯޓު ހޯދާފައި.

13:11

ލ. ފޮނަދޫގައި މައްސަލަ ޖެހިގެން ވޯޓްލުން މެދުކަނޑާލި ފޮށީގެ ވޯޓްލުން އަނެއްކާ ވެސް ފަށައިފި.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދިމާވި މައްސަލަތައް ހައްލު ކޮށްފައިވާ ކަމަށް.

ފޮނަދޫގެ އެ ފޮށީގައި މައްސަލަ ޖެހުނީ ވޯޓު ކަރުދާހުގައި ދެލި ހުރި ކަމުގެ ޝަކުވާއެއް ލިބިގެން.

12:47

12:00 އާ ހަމައަށް 126866 މީހުން ވޯޓްލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. އެއީ ވޯޓް ލިބުމުގެ ހައްގު ލިބިގެންވާ 44.86 ޕަސެންޓް.

އީސީއިން ބުނީ މިހާތަނަށް ވޯޓްލާފައިވަނީ 61343 އަންހެނުންނާއި 65523 ފިރިހެނުން ކަމަށް.

12:24

ފުލުހުން ބުނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް. އެ މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ދޫކޮށްލާފައި.

ފުލުހަކު ވޯޓްލާ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓަނީ-- ފޮޓޯ: ފުލުހުން
12:18

ވޯޓް ލެއްވުމަށްފަހު ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ ވޯޓްލުމުގެ ހައްގު ލިބިގެންވާ އެންމެން ނުކުމެ އެ މީހަކަށް ފެންނަ ކެންޑިޑޭޓަކަށް ވޯޓް ދިނުމަށް އެދޭ ކަމަށް.

ނައިބު ރައީސް ފައިޞަލް ނަސީމް ވޯޓް ލައްވަނީ-- ފޮޓޯ: ރައީސް އޮފީސް
11:36

މިއަދު 11:00އާ ހަމައަށް 97،220 މީހުން ވޯޓުލައިފި. އެއީ ވޯޓުލެވޭ އާބާދީގެ 34.38 ޕަސެންޓް. އޭގެ ތެރޭގައި ހިމެނެނީ 44،763 އަންހެނުންނާއި 52،457 ފިރިހެނުން.

މި އިންތިޚާބުގެ ފުރަތަމަ ބުރުގައި 10:00އާ ހަމައަށް ވޯޓުލީ 12.81 ޕަސެންޓް މީހުން. އެއީ 36،163 މީހުން. އެހެންކަމުން، މި ބުރުގައި ދުރާލާ ވޯޓުލާ މީހުންގެ އަދަދު ގިނަ.

11:30

ފުލުހުން ބުނީ، ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނި.

11:27

ލ. ފޮނުދޫގައި ވޯޓު ކަރުދާހުގައި ދެލި ހުރި ކަމުގެ ޝަކުވާއެއް ލިބިފައިވާ ކަމަށާއި އެ ފޮށީގެ ވޯޓު ލުން މެދުކެނޑިފައިވާ ކަމަށް އީސީން ބުނެފި

10:59

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ދެވަނަ ބުރުގައި ވޯޓު ލައްވައިފި.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ދެވަނަ ބުރުގައި ވޯޓު ލެއްވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޭނާ މިއަދު ވޯޓު ލައްވާފައިވާއިރު، އޭނާ ނިސްބަތްވާ ޑިމޮކްރެޓްސްއިން ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާން ނިންމާފައި.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވޯޓު ލެއްވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
10:54

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވޯޓު މިހާރު ވަނީ ލައްވާފައި -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވޯޓު ލައްވަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވޯޓު ލައްވަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

10:53

އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ. އޭގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން. އެމީހުން ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނޭ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރު އަމަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ/ ޕޮލިސް ބްލޫވޭވް، ޓްވީޓާ
10:46

ވޯޓުލެއްވުމަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް. އަދި އެމްޑީޕީން މި އިންތިޚާބުގައި މިހާތަނަށް ވެސް އަދި އެއްވެސް އިންތިޚާބެއްގައި ވެސް ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވި.

ރައީސް ލަފާކުރައްވަނީ މިފަހަރު 85-86 ޕަސެންޓް މީހުން ވޯޓު ލާނެ ކަމަށް.

10:44

ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލްގައި ހުންނަ ވޯޓު ފޮއްޓަކަށް.

10:39

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ވޯޓު ފޮށި ބަހައްޓާފައިވާ 96 ޕަސެންޓް މަރުކަޒުގައި ތައްޔާރީތައް ހަމަޖައްސާފައި ވަނީ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށް. ނަމަވެސް ބާކީ ހަތަރު ޕަސެންޓް މަރުކަޒު ހުރީ ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާ ގޮތަށް ކަމަށް އެ ބަޔާނުގައިވޭ.

10:34

މިއަދުގެ 10:00 އާ ހަމައަށް 65،600 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި.

އެ ކޮމިޝަނުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ 10 ޖެހުމާ ހަމައަށް 65،000 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް. އެއީ، 23.20 އިންސައްތަ މީހުން.

މިހާތަނަށް ވޯޓުލީ މީހުންގެ ތެރެއިން 27،291 މީހުންނަކީ އަންހެނުން. އަދި، 38،309 މީހުންނަކީ ފިރިހެނުން.

އެ ކޮމިޝަނުން ބުނި ގޮތުގައި މިހާތަނަށް ވޯޓުލާން ނުފަށަނީ އެންމެ ފޮއްޓެއްގައި.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް
10:30

އެމްޓީޑީގެ ރައީސް އަދި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވެސް މިވަނީ ވޯޓްލައްވާފައި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވޯޓް ލައްވަނީ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ
10:26

ފުލުހުން ބުނީ ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި ކަމަށް.

10:10

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވޯޓްލައްވައިފި

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވޯޓް ލައްވަނީ-- ފޮޓޯ: ރައީސް އޮފީސް
10:05
ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ ވޯޓުލެއްވުން -- ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
09:54

އީސީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި 9:00އާ ހަމައަށް 36،312 މީހުން ވަނީ ވޯޓުލާފަ. އޭގެ ތެރޭގައި ހިމެނެނީ 13،110 އަންހެނުންނާއި 23،202 ފިރިހެނުން. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 12 ޕަސެންޓް މީހުން

އީސީން އާންމުކުރި ތަފާސްހިސާބު --
09:39

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓް ލައްވައިފި.

މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓް- ފޮޓޯ: އިބްރާހީމް ޝަމްވީލް
09:10

ދެވަނަ ބުރުގައި ވޯޓުލާން ލަންޑަން އަދި އަބޫދާބީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފިޔަވާ އެހެން ހުރިހާ ފޮއްޓެއްގެ ވޯޓުލުން މިހާރު ފެށިގެން ކުރިއަށްދާ ކަމަށް އީސީން ބުނެފި

ވޯޓުލުން މުޅި ރާއްޖޭގައި ފެށިގެން ކުރިއަށް ދާއިރު، މިހާތަނަށް ހުރިހާ ކަމެއް ވެސް ކުރިއަށް ދަނީ އަމާންއޮމާންކޮށް.

09:06
ހދ. ހަނިމާދޫގައި ވޯޓުލާން ކިޔޫ ހަދާފައި -- ސަން ފޮޓޯ
ހދ. ހަނިމާދޫގައި ވޯޓުލުން ފެށިގެން ކުރިއަށް ދަނީ -- ސަން ފޮޓޯ
08:56

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޕާޓީގެ ބައެއް ލީޑަރުންނާ އެކު ވޯޓުލާން ވަޑައިގަންނަވަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

08:41

ވޯޓުލެއްވުމަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން މުއިއްޒު ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން، އެ ހައްގު ބޭނުންކުރުމަށް އެދިވަޑައިގެންފަ. އަދި ކުރީފަހަރު ގިނަ އަދަދެއްގެ މީހުން ވޯޓުނުލާކަން ފާހަގަކުރައްވައި މުއިއްޒު ވަނީ ވީހާ ވެސް އަވަހަކަށް ވޯޓުލުމަށް އެދިވަޑައިގެންފަ.

08:38

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވޯޓު ލައްވައިފި. މުއިއްޒު ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް
08:18

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވޯޓު ލައްވައިފި

އޭނާ ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ހުންނަ ފޮއްޓަށް

އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު ވޯޓު ލައްވާފައި ފޮޓޯއަކަށް ހުއްޓިގެން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވޯޓު ލެއްވުން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް
08:16

08:06

ވޯޓު ލުމަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނު އަސާސީން ލިބިދީފައިވާ ވަރަށް މުހިއްމު އަސާސީ ހައްގަކަށް ވީހިނދު، އެ ހައްގުގެ ބޭނުން ހިފައި، ވޯޓުލުމުގެ ފަރުދީ ޒިންމާ އަދާކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ގޮވާލައިފި

08:02

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާން ފަށައިފި

ދެވަނަ ބުރުގައި ވޯޓުލާ މަރުކަޒުތަކުގައި މިއަދު ހެނދުނު 8:00 ވުމާ އެކު ވަނީ ވޯޓުލާން ފަށާފައި. ވޯޓުލުން މިއަދު ހަވީރު 5:00 އާ ޖެހެންދެން ކުރިއަށް ގެންދަން އީސީން ވަނީ ނިންމާފައި.

07:46

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ވޯޓު ލާން ދީފައިވާ ގަޑި އިތުރު ނުކުރާނެ ކަމަށާއި 17:00ގައި ކިޔޫ ބަންދުކުރާނެ ކަމަށް ވިދާޅުވެފަ.

07:40

ވޯޓު ސައްޙަ ވާނެ ހާލަތްތައް:

* އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު.

* އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅު ފާހަގައެއް ކަމުގައި ދެނެގަނެވޭނެ ވޯޓު.

* ފާހަގަ ޖެހުމުގެ ތަފާތު މިސްރާބަށް ޖަހާފައިވާ ނުވަތަ ފާހަގަ ޖެހުމުގައި ބައްޓަމަށް ތަފާތު ބަދަލު އައިސްފައި ހުރި ނަމަވެސް އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅު ފާހަގައިގެ ވައްތަރެއް ކަމުގައި ދެނެގަނެވޭ ވޯޓު.

* ފާހަގަ ޖެހުމަށް ޚާއްސަކޮށްފައިވާ ގޮޅީގައި ނޫން ނަމަވެސް އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ނުވަތަ އެއް ކެންޑިޑޭޓުގެ ނިޝާނުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު.

ވޯޓްލުމަށް ބަޔަކު ކިޔޫ ހަދައިފައި-- ސަން ފޮޓޯ: އިބްރާހީމް ޝަމްވީލް
07:35

ވޯޓު ބާތިލު ވާނެ ހާލަތްތައް:

* އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓެއް.

* ގާނޫނާ ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު.

* އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިނުވާ ވޯޓު ކަރުދާސް.

* ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު.

* އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް.

* ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު އެއް ފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް.

* ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމެއް ފިޔަވައި، އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަ ޖަހާފައިވާ ވޯޓު.

* ވޯޓުދޭ މީހާ ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު.

ވޯޓްލާ މަރުކަޒުތަކުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަނީ-- ފޮޓޯ: އިބްރާހީމް ޝަމްވީލް
07:31

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސް ކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލާއިރު އެއްވެސް ނުފޫޒެއްގައި ނުޖެހި، އެ މީހަކަށް ފެންނަ އެންމެ ރަނގަޅު މީހަކަށް ވޯޓުލުމަށް

07:24
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ތައްޔާރީތައް -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
07:18

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށޭނީ 8:00ގައި. ނަމަވެސް މިހާރު ވެސް ބައެއް ވޯޓު ފޮށިތައް ކައިރީގައި ވަނީ ކިޔޫ ހަދާފަ.