ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލާއިރު އެއްވެސް ނުފޫޒެއްގައި ނުޖެހި، އެ މީހަކަށް ފެންނަ އެންމެ ރަނގަޅު މީހަކަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިރޭ އިލްތިމާސް ކޮށްފިއެވެ.
ރިޔާސީ އިންތިޚާބާ ގުޅިގެން އީސީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ވޯޓުލުމުގެ ހައްގަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު އަސާސެއް ކަމަށެވެ. އެގޮތުން ނުރަނގަޅު ނުފޫޒެއް ނެތި ވޯޓުލުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުން ލިބިދޭ ހައްގެއް ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި, އެއީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެ ޒިންމާ ފުރިހަމަ ގޮތުގައި ރަނގަޅަށް އަދާކުރުމަށް ހަބީބް ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބެއްގަ ވޯޓުލާން މި ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު. އެހެންވީމަ އެ ލިބޭ ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތެއް. ވަރަށް މުހިންމު ގައުމީ ވާޖިބެއް އަދާކުރުމަށް ލިބޭ ފުރުސަތެއް. ގައުމުގެ މުސްތަގުބަލާ މެދު ވިސްނާ ގޮތެއް އިޚްތިޔާރުކުރުމަށް ލިބޭ ފުރުސަތެއް،"
"އެހެންވީމަ އެއްވެސް ނުފޫޒަކަށް ތަބާވުމެއް ނެތި އެ މީހަކު ވޯޓު ދޭނީ ކާކަށް ކަން އެ މީހަކު އަމިއްލައަށް ނިންމަންވީ،" ހަބީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވޯޓުލާ މަރުކަޒުގެ ކަންކަން ހުންނާނީ އެއްވެސް ނުފޫޒެއްގައި ނުޖެހި ވޯޓުލެވޭނެ ގޮތަށް ހަމަޖައްސާފައި ކަމަށެވެ. އެގޮތުން އެ މީހަކު ބޭނުންވާ ގޮތަށް އެ މީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ފާހަގަޖެހޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާނެ ކަމަށް ހަބީބް ވިދަޅުވިއެވެ.
މާދަމާ އޮންނަ ވޯޓުލުމާ ގުޅޭގޮތުން އީސީގެ ރައީސް ފުއާދު ތައުފީގް ވަނީ ކޮންމެ މީހަކު ވެސް ވޯޓުލުމަށް ފަހު އަމާންކަމާ އެކު ގެއަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް
"އަޅުގަނޑުމެން ހަމަޖައްސާފައިވާ އިންތިޒާމްތަކުގައި އެއްވެސް ނުފޫޒެއް ނެތް ކަމުގެ ޔަގީންކަން އަރުވަން. އަދި މިކަން އަމާންކަމާ އެކު ގެންދިއުމަށް ރައްޔިތުންގެ ވެސް ފުރިހަމަ އެއްބާރުލުމަށް އެދެން،" ފުއާދު ވިދާޅުވިއެވެ.
ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ހެނދުނު 08:00ގައި ފަށައިގެން ހަވީރު 17:00އާ ހަމައަށް ކުރިއަށްދާނެއެވެ. އީސީން ބުނީ ހަވީރު 17:00އަށް ފަހު ފުރަތަމަ ބުރެކޭ އެއްފަދައިން މި ފަހަރު ވެސް ވަގުތު ހަމަވުމުން އިތުރު ވަގުތު ވޯޓު ލުމަށް ނުދޭނެ ކަމަށެވެ.
ދެވަނަ ބުރުގެ ވޯޓުލާއިރު މާދަމާގެ ނިޔަލަށް 18 އަހަރު ފުރޭ 409 ޒުވާނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓަށް އިތުރު ކޮށްފައެވެ. އެހެންކަމުން އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާނީ 2،82804 މީހުންނަށެވެ.
ދެވަނަ ބުރަށް އިތުރު ކުރި ވޯޓު ފޮށިތަކާ އެކު އިތުރު 350 އޮފިޝަލުން ވަނީ އިތުރު ކުރެވިފައެވެ. އެގޮތުން މި ފަހަރު 12 ފޮށި އިތުރުކޮށްފައިވާއިރު ޖުމްލަ ފޮށީގެ އަދަދު 574އިން 586އަށް އިތުރުވާނެއެވެ.
ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒެވެ.