މި ފަސް އަހަރު ގެނެސްދެއްވި ތަރައްގީއާއި ހަމަޖެހުމާ ދޭތެރޭ ރައްޔިތުން ވަރަށް ފުންކޮށް ވިސަނަން ޖެހޭނެ ކަމަށާއި މާދަމާ ލާ ވޯޓުގެ ސަބަބުން ފަހުން ކަރުނަ އަޅާ ރޯންޖެހޭ ހިސާބަށް ގޮސްދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ނިންމަވައިލައްވަން މިއަދު ހަވީރު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މާދަމާ ނުކުމެ ވޯޓު ދިނުމުގެ ކުރީގައި މިދިޔަ ފަސް އަހަރު ގެނައި ތަރައްގީއާއި ހަމަޖެހުމާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށެވެ. އަދި، އެ ތަރައްގީއާއި ހަމަޖެހުން ދެމެހެއްޓުމަށް އެ މަނިކުފާނަށް ވޯޓު ދެއްވުމަށް ވަނީ އެދިލައްވައިފައެވެ.
"ދެވަނަ ފުރުސަތެއް ދެން ނެތް. ދެވަނަ ބުރެއް ވެސް ދެން ނޯންނާނެ. ތިން ނަންބަރަށް ވޯޓު މާދަމާ ނުލެވިއްޖެއްޔާ ހިތާމަ ކުރަމުން މުޅި ރާއްޖެ އެކަމާ ދޭތެރޭގައި ކަރުނަ އަޅާ ރޯން ޖެހޭ ހިސާބަކަށް އަޅުގަނޑުމެން ހިނގައިދާނެ. އަޅުގަނޑުމެން ކޮންމެ މީހަކު ފުންކޮށް ވިސްނަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
ކެމްޕޭން ނިންމައިލަން އެމްޑީޕީން މިއަދު ހަވީރު ބޭއްވި ހިނގާލުމުގެ ބައިވެރިން އުސްފަސްގަނޑުގައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
އެ މަނިކުފާނު ވިދާޅުވީ މި މަހު ނުވައެއްގައި އޮތް އިންތިޚާބުގެ ފުރަތަމަ ބުރު ނިންމާފައި މިވީ 20 ދުވަހުގެ ތެރޭގައި އެކިއެކި ދާއިރާތަކުގެ ބޭބޭފުޅުންނާ ބައްދަލުކުރެއްވިން ކަމަށެވެ.
އެގޮތުން، އެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވަން މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި ހުރިހާ ދާއިރާތަކެއްގެ ބޭފުޅުންނަށް ވެސް "އުފާވެރި އަމާން ރާއްޖެ"އެއް ހޯދައިދެވޭނީ އެ މަނިކުފާނު އިންތިޚާބު ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ހުރިހާ ފަރާތްތަކެއްގެ އަޑު އަޅުގަނޑު އެހިން. ހުރި އިހްސާސްތައް އަޅުގަނޑު ދެނެގަތިން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ކެމްޕޭން ނިންމައިލަން އެމްޑީޕީން މިއަދު ހަވީރު ބޭއްވި ހިނގާލުމުގެ ތެރެއިން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
"މިހާރުން މިހާރަށް ގެނެވޭނެ އިސްލާހުތަކާއި ގެނޭވެނެ ހެޔޮ ބަދަލުތައް އެ ހުރިހާ ދާއިރާއަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ގެނެސްދޭނަން. އަދި ދާއިމީ ހައްލެއް މި ކަމަށް ހޯދައިދިނުމަށްޓަކައި، މި ހުރިހާ ދާއިރާއަކަށް ހޯދައިދިނުމަށްޓަކައި މިހާރުން މިހާރަށް އަޅުގަނޑުމެން ސިޔާސަތުތައް ކަނޑައަޅައި މަސައްކަތް ފަށައިފިން،"
އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 5:00 އާ ހަމައަށެވެ. ދެވަނަ ބުރުގައި ވާދަކުރައްވައި ދެ ކެންޑިޑޭޓުން ވެސް މިއަދު ހަވީރު ވަނީ ކެމްޕޭން ނިންމަވައިލެއްވުމަށް މާލޭގައި ހިނގާލުމެއް ބާއްވައިފައެވެ.