ވެރިކަން ލިބިއްޖެ ނަމަ، އަނިޔާވެރިކަން ތާއަބަދަށް ނިމުމަކަށް ގެންނާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ނިންމާލުމަށް ޓަކައި މިއަދު ބޭއްވި ހިނގާލުމަށް ފަހު، އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިންސާފުވެރިކަމަކީ ހަމައެކަނި ދައްކާ ވާހަކައެއްގެ ބަދަލުގައި، ހަގީގީ މާނައިގައި ސަރުކާރު ހިންގުމުގެ ތެރެއިން ދައުލަތް ހިންގުމުގެ ތެރެއިން ރައްޔިތުންނަށް އިހުސާސުވާ ކަމެއްގެ ގޮތުގައި ތަޖުރިބާ ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމުގައި އަނިޔާވެރިކަން މި ހިނގާ ހިނގުން ނިމުމަކަށް އަންނާނެ. އިރާދަަކުރެއްވިއްޔާ ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވައި ޒިންމާ ހަވާލުކުރައްވަވައިފިއްޔާ ގާއިމު އަޅުގަނޑު ކުރާ ސަރުކާރު ވާނީ މިގައުމުން އަނިޔާވެރިކަން ތާއަބަދަށް ނިމުމަކަށް ގެންނަ ސަރުކާރަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިއަދުގެ އެއްވުމުގައި ޕީޕީއެމް، ޕީއެންސީގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މީހުން ވެސް ތިބި ކަމަށެވެ. އަދި އޭނާގެ ވެރިކަމަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ، އިންސާފުވެރި، އަދުލުވެރި ވެރިކަމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެމްޕޭންގެ ފަހު ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
"އަދުލުވެރިކަމަކީ އަބަދު ދައްކާ ވާހަކައެއް ނޫން ނަމަ ފޮތެއްގައި ލިޔެވޭ އެއްޗެއް ކަމަށްވުމުގެ ބަދަލުގައި ކޮންމެ ރައްޔިތަކަށް ވެސް ތިމަންނައާ ދޭތެރޭގައި އަޅުގަނޑުމެންގެ ސަރުކާރަކުން ކަންކަން ކުރަނީ ދަންނަވަން ކެރޭ ސަރުކާރެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އޭނާގެ ސަރުކާރުގައި އެންމެ އިސްކަން ދެއްވާނެ ސިޔާސަތަކީ ބޯހިޔާވަހިކަން ޔަގީންކޮށްދިނުން ކަމަށެވެ. އެގޮތުން ފަސް އަހަރުގެ ދައުރު ނިމޭއިރު ގެދޮރުވެރިކަމުގެ ހައްގު ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށާއި އޭގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް ހައްލުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ހަވާލުކޮށްފައިވާ އެއްވެސް ގޯއްޗެއް ވެސް ފްލެޓެއް ވެސް އަތުނުލާނެ ކަމަށާއި، ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ކުރިއަށްގެންގޮސް، ރައްޔިތުން ބޭނުންވާ ގޮތަށް ނިންމައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މުއިއްޒުގެ އިތުރުން ވާދަކުރައްވާނީ ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި މުއިއްޒު 46 ޕަސެންޓް ވޯޓު ކާމިޔާބު ކުރެއްވިއިރު ރައީސަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.