ތަނުގެ ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮށްގެން: ޚުތުބާ

ނޫސްވެރިއަކު ޕްރެސް ކޮންފަރެންސްއެއްގައި ނޯޓްސް ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމެއްގެ ހަމަޖެހުން އޮންނާނީ މީޑިއާގެ ދައުރު ޒިންމާދާރުކަމާއެކު އަދާކޮސްގެންކަމަށް މިއަދުގެ ހުކުރު ޚުތުބާގައިި ބުނެފިއެވެ.

އަމަން އަމާންކަމުގެ ނިޢުމަތްތަކުގެ މައްޗަށް އަލިއަޅުވާލާ މިއަދު ކީ ޚުތުބާގައި ބުނީ، ޚަބަރު ފަތުރާ ވަސީލަތްތަކަކީ އަމާނާތްތެރި ވަސީލަތްތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި މީޑިއާ ވާންޖެހޭނީ ތެދުވެރި ބިނާކުރުވަނިވި ބާރަކަށްކަމަށާއި މީސްތަކުންނަށް ހަގީގަތް ބަޔާންކޮށްދޭ މާތްﷲއަށް ބިރުވެރިވާ ފަރާތަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، މީޑިއާއަކީ ދޮގު ޚަބަރުތަކާއި ހިތްތަކުގައި ބިރުވެރިކަން ފަތުރާ ވަސީލަތަކަށް ވެގެން ނުވާނެ ކަމަށެވެ. އެގޮތުން ޚަބަރު ފެތުރުމުގައި ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެސް ހުންނަ ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން، ތެދު ދޮގު ނުބަލާ މީހަކު ފަތުރާ ކޮންމެ ވާހަކައެއް ނުވަތަ ޚަބަރެއް ފަތުރާބަޔަކަށް ވެގެން ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ، ކަންކަމުގައި ރަނގަޅު ރައުޔެއް ދެވޭނީ އެކަމުގެ ތަޖުރިބާކާރުންނަށް ކަމަށެވެ.

"ވީމާ ކޮންމެ ޓްވީޓަކަށް ޖަވާބުދޭ މީހަކަށް ތިބާ ނުވާށެވެ. މިފަދަ ޓްވީޓްތަކާ، ވައިބަރު ޗެޓްތަކާ، ފޭސްބުކް ލައިކްތަކުގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުން ހިނގަމުންދާތަން ފެނެއެވެ،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، ދޮގު ޚަބަރު ފެތުރުމާއި ގައުމުގެ އަމަން އަމާންކަން ނަގާލުމަކީ މުއުމިނުންގެ ސިފައެއް ނޫން ކަމަށެވެ. އަދި މުއުމިނުންގެ ސިފައެއް ކަމުގައި ވާންވީ، އެހެން މީހުންނަށް އުފާވެރިކަން ގެނެސްދިނުން ކަމަށް ޚުތުބާގައި ބުންޏެވެ.

"މުއުމިނަކީ ނޫސްވެރިއެއް ކަމުގައި ވިޔަސް ނުވަތަ އެހެން މަސައްކަތެއް ކުރާ މީހަކު ކަމުގައި ވިޔަސް، ފައިދާއެއް ނެތް ޢަމަލުތަކާ ދުރުހެލިވާ ބައެކެވެ،" ޚުތުބާގައި ބުންޏެވެ.

ޚިޔާލު ތަފާތުވުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ދޫކޮށް އުޚުވަންތަކަމާ، އެކުވެރިކަން އާލާކޮށް، ސުލްހަވެރިކަން އިސްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް