ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ފަހު، ފާހަގަޖަހާ އިނގިލި ވާއަތުގެ ކަށި އިނގިއްޔަށް ބަދަލުކޮށްފިއެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ފަހު، ފާހަގަޖަހާފައިވަނީ ޝަހާދަތް އިނގިލީގައެވެ. އީސީން މީގެ ކުރިން ނިންމާފައި އޮތީ ދެވަނަ ބުރުގައި މެދު އިނގިލީގައި ފާހަގަ ޖެހުމަށެވެ.
އެކަމަކު، އެ ކޮމިޝަނުން މިއަދު ވަނީ މެދު އިނގިލީގައި ފާހަގަ ޖަހާ ގޮތަށް ނިންމި ނިންމުން ބަދަލު ކޮށްފައެވެ. ފާހަގަޖަހާ އިނގިލި ބަދަލުކުރުމަށް ކޮމިޝަނުން ނިންމި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބެއެވެ.
އިންތިޚާބުގެ ދެވަނަ ބުރަށް އީސީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިމަހުގެ ނުވައެއްގައި ބޭއްވި ފުރަތަމަ ބުރުގައި ބަހައްޓާފައި ވަނީ 574 ފޮށި ނަމަވެސް ދެވަނަ ބުރަށް 12 ފޮށި އިތުރުކޮށް، އެ އަދަދު ވަނީ 586އަށް އިތުރުކޮށްފައެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި 46 ޕަސެންޓް ކާމިޔާބު ކުރެއްވި ޕީޕީއެން، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒާއި 39 ޕަސެންޓް ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.