ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިން މޭޓް އަޙްމަދު ސަލީމް (މާޒް ސަލީމް)ގެ ތާއީދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ދެއްވައިފިއެވެ.
މާޒް ސަލީމް ރައީސަށް ތާއީދުކުރައްވައި އެ ކަން ހާމަކުރެއްވީ ހުޅުމާލޭގައި މިއަދު އޮތް ރައީސްގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިންނެވެ.
އެ ނިންމެވުމާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އޭނާ ރައީސަށް ތާއީދުކުރައްވަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ އޭނާއަކީ އަނިޔާވެރިކަމާ ދެކޮޅު މީހަކަށްވުން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ގޭންގުތަކުގެ ނުފޫޒު ފޯރާ މަންޒަރު ފެނިލައްވާތީ، އެ ކަމާ ދެކޮޅުވެލައްވާތީ ކަމަށެވެ. އެއީ, އޭނާގެ ބޮޑު ކަންބޮޑުވުމެއްކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑު ކަހަލަ މީހަކު ނިކުމެ މި ކަންކަން ފެންނަ މީހަކު ނިކުމެ ރައްޔިތުން ކައިރީ އެ ވާހަކަ ބުނުމަކީ އެއީ އަޅުގަނޑުގެ ވާޖިބެއް ކަމަށް މިއަދު އަޅުގަނޑު ދެކެނީ. މި ކަންކަން އޮޅުން ފިލުވައިދިނުން އެއީ. އެއީ އަޅުގަނޑުގެ ޒިންމާއެއް، އަޅުގަނޑުގެ ވާޖިބެއް،" މާޒް ސަލީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރަސްމީކޮށް އެމްޑީޕީއަށް ސޮއި ވެސް ކުރައްވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ އެކު އަހުމަދު ސަލީމް (މާޒް ސަލީމް) --- ސަން ފޮޓޯ/ މުހައްމަދު މާވީ
"ސޮއިކުރާނަން، ސޮއިކުރާނަން އެމްޑީޕީއަށް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަސް އަހަރަކީ އަނިޔާވެރި ދައުރެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެގޮތުން ސިޔާސީ ހުރިހާ ލީޑަރުން 'ދަމައި ހަލައި' ހައްޔަރުކުރިއިރު، އެއް ބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް ދޫނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން މިހެން ވަރަށް ގިނަ އަނިޔާތައް އެކިއެކި މީސް މިހުންނަށް ދީ، އެއްވެސް ސިޔާސީ މީހަކު، ހިއްލާލާ ކަހަލަ މީހަކު އެއިރަކުއެއް ނެތް. އެކަހަލަ ބައިވަރު ކަންތައްތައް ހިނގައިފައި ހުރީ،" އޭނާ ވިދާޅުވިއެވެ.
މާޒް ސަލީމް މީގެ ކުރިން ވަނީ ހޯމް މިނިސްޓަރުކަމުގެ ނައިބުކަން ވެސް އަދައިކުރައްވައިފައެވެ. އުމަރާ އެކު ގާތްކޮށް މަސައްކަތްކުރެއްވިއިރު، ފުރަތަމަ ބުރަށްފަހު އުމަރު ނިންމެވީ ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރެއްވުމަށެވެ.
އުމަރުގެ ވެސް އެންމެ ބޮޑު އެއް ސިޔާސަތުތަކުގެ ތެރޭގައި ގޭންގުތައް ނައްތައިލުން ހިމެނެއެވެ.
މި މަހުގެ ނުވަވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 6,348 ވޯޓު ހޯދައި ގާތްގަނޑަކަށް ތިން ޕަސެންޓު އުމަރު ހޯއްދެވިއެވެ.