އައްޑޫ ސިޓީ މަރަދޫގައި 81 އަހަރުގެ މީހަކު ދިރިއުޅޭ ގެއަކަށް މީހަކު ވަދެ އެ މީހާ ބަނުމަށްފަހު ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައިގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ، މިއަދު ހެނދުނު 06:12 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެގޮތުން އޭނާ ބަނދެފައި ހުއްޓާ ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވާކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަށް މިހާރު ދަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 50 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހުގީގު ކުރާކަމަށް ފުލުހުން ބުންޏެވެ.