ރާއްޖެ އެތެރެކުރި ފަސް މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގެންފި

ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 އެއްހާ ކިޅޯގެ ހެރޮއިން --- ފޮޓޯ: ސީޕީ

އެއާ ކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެކުރި ފަސް މިލިއަން ރުފިޔާގެ ހެރޮއިން ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްއިން ބުނީ، މިދިޔަ ހަފުތާގެ ހޯމަ ދުވަހު ދުބާއީއިން ރާއްޖެއައި އެއާ ކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއަށް ޝައްކު ވެގެން ބަލާ ފާސްކުރި ކަމަށެވެ.

ބަލާފާސްކުރުމުގެ ތެރެއިން ޖުމުލަ ހަތް ޕެކޭޖު ފެނުނު ކަމަށާއި އޭގެ ތެރެއިން ދެ ޕެކޭޖުގައި ހުރި މުދަލުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ކުނޑިތަކެއް ފެނުނުކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ ކުނޑިތަށް ކަސްޓަމްސްއިން ތަހުލީލު ކުރި އިރު ހެރޮއިންއަށް ޕޮޒިޓިވް ވެފައި ވާކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

މީގެ އިތުރުން، ކަސްޓަމްސްއިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 4.030 ކިލޯ ހުރި ކަމަށާއި މަގުމަތީ އަގުން މިތަކެތީގެ އަގަކީ ފަސް މިލިއަން ރުފިޔާ ކަމަށެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި މި ތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލު ކޮށްފައެވެ.

މިމަހުގެ 23ވަނަ ދުވަހު ވެސް ކަސްޓަމްސްއިން ވަނީ ކުރިއާ މެދުވެރިކޮށް އެތެރެކުރަން މަސައްކަތް ކުރި 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

މީގެ އިތުރުން، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ވެސް ކަސްޓަމްސްއިން ވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރި 490 ގްރާމްގެ ކެނަބިސް އަތުލައިގެންފައެވެ.

އެ ތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް އެމެރިކާއިން ރާއްޖެ އެތެރެކުރި ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

މަސްތުވާތަކެތި ޕޯސްޓު މެދުވެރިކޮށް އެތެރެކުރުމަށް މަސައްކަތްކުރާ މިންވަރު ވެސް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

comment ކޮމެންޓް