އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅަށް ރާއްޖެ ނާދެވޭ ގޮތަށް ބްލޮކް ކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން މިރޭ ބުނެފިއެވެ.
މުއިއްޒުގެ ދޮންމަންމާފުޅު، ސްރީ ލަންކާއަށް ނިސްބަތްވާ ސްކީލަން ހުސައިންއަށް އެނބުރި ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލާފައިވާ ކަމަށް ބުނެފައިވަނީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއެއްގައެވެ.
އިމިގްރޭޝަންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން ގެންދޭތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އިމިގްރޭޝަނުން ބުނީ، ލަންކާގެ ރައްޔިތެއް ކަމަށްވާ ސްކީލަންއަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އެންޓްރީ ބްލޮކް ކޮށްފައިވާކަން ސަމާލުކަމަށް އައީ ދާދި ފަހުން ކަމަށެވެ. އަދި، މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"އެ ވަގުތުން ފެށިގެން އެ ކަން ހިނގާފައިވާ ގޮތް މި ދަނީ ބަލައި ތަހުގީގުކުރަމުން،" އިމިގްރޭޝަނުން ބުންޏެވެ.
މުއިއްޒުގެ ބައްޕާފުޅު އަވަހާރަވުމުން އޭނާގެ މުދަލުން އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް ދޮންމަންމާފުޅު ސްކީލަން ކޯޓުގައި ބުނެފައިވަނީ އޭނާއަށް ހަރަދު ކުރާނެ ކަމަށް މުއިއްޒު ކޯޓުގައި އަނގަބަހުން ބުނުމުން ކަމަށް ސްކީލަން ވަނީ ބުނެފައެވެ.
ނަމަވެސް ކޯޓު މަރުހަލާ ނިމި މުއިއްޒުއަށް ހުރިހާ މުދަލެއް ލިބުމުން އޭނާގެ ރާގު ބަދަލުވެ އެއްވެސް ހަރަދެއް ކޮށްފައިނުވާ ކަމަށް ސްކީލަން ތުހުމަތު ކުރެއެވެ. އަދި، މިދިޔަ ސަރުކާރުގައި އޭނާ ރާއްޖެއައި ނަމަވެސް އެތެރެވެވިފައި ނުވަނީ ބްލެކްލިސްޓްކޮށްފައި އޮތުމުން ކަމަށް ވެސް ވަނީ ބުނެފައެވެ. އެކަމުގެ ފަހަތުގައި ހުރީ އޭރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުރި މުއިއްޒު ކަމަށް ސްކީލަން ވަނީ ތުހުމަތު ކޮށްފައެވެ.
އެކަމަކު، އެ ތުހުމަތުތައް މުއިއްޒު ވަނީ ދޮގު ކުރައްވައިފައެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރައްވަމުންދާއިރު ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ, އޭނާއަށް ދޭނެ ރައްދެއް ނެތުމުން ޒާތީ ގޮތުން ދިމާކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ކަމަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަކީ ދުވަހަކު ވެސް ގާނޫނާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރި މީހެއް ނޫން. ނުވެސް ކުރާނަން ދުވަހަކު ވެސް. އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކު ވެސް އަރައިގަތް މީހެއް ނޫން އަދި އަރައެއް ނުވެސް ގަންނާނަން," މުއިއްޒު ވިދާޅުވިއެވެ.
އޭނާއާ ގުޅޭ ގޮތުން ކުރަމުންދާ ތުހުމަތުތައް, ކަމާ ގުޅޭ އިދާރާ ތަކުން ބެލުމުގައި އެއްވެސް މައްސަލައެއް ނެތްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ, އެކަން ކުރުމުގައި އިންސާފުވެރިވާން ޖެހޭނެ ކަމަށެވެ.