މަންޑޭ ބުނީ ސްކޭމް ހިންގަނީ ޗައިނާގެ ހިއްސާދާރު ކަމަށް

މައިނޯރިޓީ ހިއްސާ އޮންނަ ހަސަން މަމްދޫހް (މަންޑޭ) ---

ކޭޕާކު ފްލެޓުތަކުގެ މައްސަލައިގައި އޮޅުވާލަމުންދަނީ، އެ މަސައްކަތާ މިހާރު ހަވާލުވެގެން ހުރި ހަންބޯ މޯލްޑިވްސް ކުންފުންނިން ކަމަށާއި، އެ ކަމަށް ސަރުކާރުގެ އިދާރާތަކުން އެހީވާ ކަމަށް އެ މައްސަލައިގައި މަކަރާ ހީލަތްހެދި ކަމުގެ ތުހުމަތު ކުރެވޭ، ހަސަން މަމްދޫހު (މަންޑޭ)ގެ ވަކީލުން ބުނެފިއެވެ.

މަންޑޭގެ ވަކީލުން މިއަދު ނެރުނު ބަޔާނުގައި ވާގޮތުން އެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ މަންޑޭއާއި، ކޮރެއާ ރައްޔިތެއް ހިއްސާވާ ހަންބޯ ކޮމްޕެނީ ލިމިޓެޑް (ހަންބޯ ޓެކް) ކުންފުންޏާއެވެ. އަދި، ޗައިނާގެ ޖިންޝީ ހޫގެ ހިއްސާ އޮންނަ ހަންބޯ މޯލްޑިވްސް އަކީ އެ މަސައްކަތުގެ ލޮޖިސްޓިކްސް ކަންކަން ހަމަޖެއްސުމަށް އެކުލަވާލި ލޯކަލް ކުންފުންޏެއް ކަމަށެވެ.

މަންޑޭގެ ވަކީލުން ބުނެފައިވާ ގޮތުގައި ހަންބޯ މޯލްޑިވްސްގެ ލޯފާމުން ހަންބޯ ޓެކުގެ ބޯޑުގެ ނިންމުމެއް ނެތި ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގެ އިތުބާރު ގެއްލޭ ކަމެއް ކަމަށެވެ.

އެ ބަޔާނުގައި ހަންބޯ މޯލްޑިވްސްގެ ޗައިނާ ހިއްސާދާރު، ޖިންޝީ ހޫއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

އެގޮތުން، ކޮވިޑާ ހަމައަށް ކޭޕާކު ފްލެޓުތަކުގެ މަސައްކަތްތައް ހިނގަމުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، ނަމަވެސް، މަންޑޭއާއި ޖިންޝީ ހޫއާ ދެމެދު މައްސަލަ ޖެހުނު ހިސާބުން ހޫ ހަންބޯ ޓެކުގެ އޮފީހަށް ވަދެ، މަންޑޭއާ މެދު މާރާމާރީ ހިންގާ، އޮފީހުގައި ހުރި ބައެއް ލިޔެކިޔުންތައް ވަގަށް ގެންގޮސްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެއާ އެކު، އެ މައްސަލަ ފުލުހަށް ހުށަހެޅުމުން އެ މައްސަލަ ރަޖިސްޓްރީ ވެސް ނުކޮށްދީ، މަންޑޭއާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއަޅާފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި، ހަންބޯ މޯލްޑިވްސް ކުންފުނީގައި އޮތް މަންޑޭގެ ހިއްސާ އަތުލުމުގައި، ކުންފުނިތަކުގެ ގާނޫނާ ޚިލާފަށް، ހޫ އެކަނި ބޯޑް ބައްދަލުވުން ބާއްވާ، ނިންމާފައިވާ ނިންމުން އިކޮނޮމިކް މިނިސްޓްރީން ބަލައިގެންފައިވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި ވަނީ، އެ މައްސަލައިގައި މަންޑޭ އިކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް ކުރާ ދައުވާގައި، އެ މިނިސްޓްރީ ބަންޑާރަ ނާއިބު ތަމްސީލު ކުރައްވާއިރު، ހަންބޯ މޯލްޑިވްސްގެ ލޯ ފާމް، ލޯ ކްރާފްޓުގައި ވެސް މަސައްކަތް ކުރައްވަނީ އެ އޮފީހުގެ ވަކީލުން ކަމަށާއި، އެއީ ސަރުކާރުން މި މައްސަލައަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

މި މައްސަލައިގައި ހަންބޯ މޯލްޑިވްސް ކުންފުނިން މީގެ ކުރިން ނެރުރު ބަޔާނެއްގައި ވަނީ، މަންޑޭގެ މައްޗަށް 100އަށް ވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާ ކަމުގެ ތުހުމަތު އޮތް އިރު، އޭނާގެ މައްސަލަ އަވަސް ކޮށްދީ، ދައުވާ ކުރުމަށް އިދާރާތަކަށް ގޮވާލާފައެވެ.

މަންޑޭ މިހާރު ކުންފުނީގެ ބޯޑުގައި ނުހިމެނޭތީ، އެ ކުންފުނީގެ ކަމެއްގައި އޭނާއާ މުއާމަލާތު ނުކުރުމަށް ވެސް އެ ކުންފުނިން ވަނީ ކޮށްފައިވެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ 2016 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އިމާރާތުގެ މަސައްކަތް އަދިވެސް ނުނިމި، މިހާރު ވަނީ މަޑުޖެހިފައެވެ.

އެ އިމާރާތްކުރި ހަންބޯ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި މަކަރާއި، ހީލަތުގެ މައްސަލައެއް ޖެހި، އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާ އެކުގައެވެ.

މަންޑޭގެ މައްޗަށް ތުހުމަތުކުރެވެނީ އެ ފްލެޓުތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ އަތުލާފައިވާ ކަމަށެވެ. އަދި، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކުމާއި، ކާރު ފަަދަ މުދާ އެޕާޓްމެންޓުގެ އަގުގެ ބަދަލުގައި ނެގުން އަދި ނުއަގުގައި އެޕާޓްމެންޓު ވިއްކުންފަދަ ކަަންކަން އޭނާގެ ފަރާތުން ހިނގާފައިވާކަމަށް އެ ކުންފުނީގެ މައި ހިއްސާދާރު ތުހުމަތުކުރެއެވެ.

އެ މައްސަލައިގައި ގެއްލުން ލިބުނު ބައެއް މީހުން ދާދި ފަހުން ވެސް ވަނީ އެ މައްސަލައިގައި ހިތްހަމަ ނުޖެހުން ފާޅުކޮށް އަޑު އުފުލާފައެވެ.

comment ކޮމެންޓް