ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް: ރާއްޖޭގެ ފަތުރުވެރިކަމުގެ އަމާޒު ހުރީ ކިހިނެއް؟

ފަތުރުވެރިއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ދުނިޔޭގެ ފަތުރުވެރިމުގެ ދުވަސް ފާހަގަ ކުރާއިރު، ރާއްޖޭގެ ފަތުރުވެރި ކަމަށް މިއަހަރު ވަނީ 51 އަހަރު ވެފައެވެ.

ވޭތުވެ ދިޔަ 51 އަހަރުތެރޭ ރާއްޖޭން މިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ރިކޯޑަކަށް ފަހު ރިކޯޑެއް މުގުރާފައެވެ. ޖެހިޖެހިގެން ތިން އަހަރު "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ވެސް ހޯދާފައެވެ. އަހަރެމެން އެ ސިނާއަތެއްގެ މައްޗަށް ބަރޯސާވި މަސްވެރިކަމުގެ މައްޗަށް ވެސް ފަތުރުވެރިކަމުން މިވަނީ ކުރި ހޯދާފައެވެ.

ބޭރު މީހުން ސިފަކުރާ ގޮތުގައި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް އޮތީ ކިހިނެތް ބާއެވެ؟ ފަތުރުވެރިކަމަށް މިއަދު ހުރީ ކޮން ގޮންޖެހުންތަކެއް ބާއެވެ؟

ފަތުރުވެރިއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ފަތުރުވެރިމުގެ ދުވަހާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވީ، ފަސްވަނަ ޓޫރިޒަމް މާސްޓާ ޕްލޭނާ އެއްގޮތަށް ކަންކަން ގޮސްފި ނަމަ ރާއްޖޭގެ ކުރިމަގު ވަރަށް އުޖާލާވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ އުފާވެރިކަން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަސް ވަނަ މާސްޓާ ޕްލޭނުގައި ހާސިލް ކުރުމަށް އަމާޒު ހިފާފައިވާ ބައެއް ކަންކަން:

  • ރާއްޖޭގެ ހުރިހާ އަތޮޅަކުގެ ރަށްތަކުގެ މީހުންނަށް ފަތުރުވެރިކަމުން ލިބޭ މަންފާ އިތުރުކުރުން.
  • ރާއްޖޭގައި ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ހިއްސާ ކުރެވޭ މައުލޫމާތުތަކަކީ ރާއްޖެއަށް ޝައުގުކުރުވަނިވި ސިފަތައް އެންމެ ފުރިހަމައަށް، ސާފުކޮށް ހިއްސާކުރެވޭ މައުލޫމާތުތަކެއް ކަމަށް ވުން.
  • އެންމެހާ ފަތުރުވެރިންނަށް ޒަމާނީ ފެންވަރުގެ ދަތުރުފަތުރުގެ ޚިދުމަތް ކަށަވަރުކުރުން.
  • ވިޔަފާރިކުރުމަށް މަގުފަހިކުރުމަށްޓަކައި ގެންނަންޖެހޭ ޤާނޫނީ ބަދަލުތަކާއި އިސްލާޙުތައް ގެނައުން.

  • ފަތުރުވެރިކަމުގެ ދާއިރާ ޑިޖިޓަލައިޒްކުރުން އަވަސްކުރުން.

https://sun.mv/177909

މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ފަށައިގެންއިރާ އަޅާބަލާއިރު މިހާރު ވަރަށް ގިނަ ކަންކަން ރަނގަޅުވެފައި ވާކަމަށެވެ. ނަމަވެސް އަދިވެސް ބައެއް ގޮންޖެހުންތައް އެބަހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އަދިވެސް ހަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ގޮންޖެހުމަކީ ކުދި ރަށްރަށަށް ފަތުރުވެރިކަން ގެންދިއުމުގައި ޓްރާންސްޕޯޓް،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަމަށް ވެސް މިހާރު ހައްލު ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މި ސަރުކާރުން އިސް ނަގައިގެން އާރުޓީއެލް ފެރީގެ ޚިދުމަތާއި އެއާޕޯޓުތައް ތަރައްގީކުރުމަކީ ފަތުރުވެރިކަށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބުނު އިތުރު ފުރުސަތެއް ކަމަށް މައުސޫމް ފާހަގަ ކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މީގެ އިތުރުން، ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ފައިސާގެ އެހީތެރިކަން ހަމަޖެހުމުގައި ހުންނަ ދަތިތަކަކީ ވެސް ގޮންޖެހުމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި ގޮންޖެހުންތައް ހުރި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން އައިސްފައި ވަނީ ވަރަށް ރަނގަޅަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެއްވަނަ ސިނާއަތަށް ހަދާ ހޯދުނު އެންމެ ގިނަ ކާމިޔާބީތަކުގެ ފަހަތުގައި ވަނީ މި ސިނާއަތުގެ ބުރަ މަސައްކަތްތެރިން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑަށް މިއަދު އޮތީ ހަމަ އެ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރުން،" މައުސޫމް ވިދާޅުވިއެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވީ 1972ވަނަ އަހަރެވެ. އެގޮތުން އެއަހަރުގެ އޮކްޓޯބަރު ތިންވަނަ ދުވަހު ވަނީ މާލޭ އަތޮޅުގައި ކުރުންބާ ރިސޯޓު ހުޅުވާފައެވެ. އަދި ހަމަ އެ އަހަރުގެ ޑިސެމްބަރު 10ވަނަ ދުވަހު ދެވަނަ ރިސޯޓު ބަނޑޮސް އައިލެންޑް ރިސޯޓު ވަނީ ހުޅުވާފައެވެ. އޭގެ ފަހުން ރާއްޖޭގެ ފަތުރުވެރިކަން ދަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ.

އއ. ހަލަވެލީގައި ހިންގާ ކޮންސްޓަންސް ހަލަވެލި ރިސޯޓު ---

އޭރު އާދައިގެ ގޮތަކަށް ފެށުނު ފަތުރުވެރިކަމުން މިއަދު ދުނިޔޭގެ ފެންވަރުގެ ރިސޯޓުތައް ވެސް ރާއްޖޭގައި ވަނީ ހުޅުވާފައެވެ. އަދި ރާއްޖޭގެ ރިސޯޓުތަކަށް ވަނީ އެކިއެކި ރޮނގުތަކުން މަތީ ވަނަތައް ލިބިފައެވެ.

މީގެ 51 އަހަރު ކުރިން ފެށުނު ފަތުރުވެރިކަން މިއަދާ ހަމައަށް ވެސް ކުރިއަށް ދަނީ ބުރަކި ޖެހުމެއް ނެތިއެވެ. ތަޖުރިބާކާރު ގިނަ މާހިރުން ބުނާގޮތުގައި ރާއްޖޭގެ މުސްތަގުބަލު ފެންނަނީ ވަރަށް ސާފުކޮށް އަލި ގަދަކޮށެވެ.

comment ކޮމެންޓް