ޓްރެފިކް ޖޫރިމަނާ މައާފުކުރުމަށް 500އަށް ވުރެ ގިނަ މީހުން އެދިއްޖެ

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރެފިކް ޖޫރިމަނާ މައާފުކުރުމަށް އެދި މިހާތަނަށް 500 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ، މި އަދަދު އަދި ވަރަށް ބޮޑަށް މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ، މި ޖޫރިމަނާތައް މައާފުކޮށްދެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުވުމަށް ޓަކައި ފުލުހުން ތައްޔާރުކޮށް ހިންގާ 20 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށެވެ.

އަލީ ވިދާޅުވީ، އެ ތަމްރީނު ބާއްވާނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ، މި ތަމްރީނުގެ މަގުސަދަކީ ދެވަނަ ފަހަރަށް މި ކުށަށް އަރައި ނުގަނެވޭ ގޮތަށް މީހުން އަހުލުވެރި ކުރުވުން ކަމަށާއި މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޓްރެފިކް ޖޫރިމަނާ މައާފު ކޮށްދިނުމަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ހޯމަ ދުވަހުއެވެ. ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ އަންނަ މަހުގެ 25ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފޯމް ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

https://sun.mv/182427

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާންކުރައްވާފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު، 17 ވަނަ ދުވަހުން ފަށައިގެން މި އަހަރުގެ ސެޕްޓެމްބަރު ފަސްވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާތައް މައާފުކޮށްދިނުމަށެވެ.

އެ ނިންމެވުމާ ގުޅިގެން މައާފުކޮށްދޭނީ ލައިސަންސާ ގުޅޭ ޖޫރިމަނާއާއި ގަވާއިދާ ޚިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާއާއި އުޅަނދުގައި ހުންނާންޖެހޭ ތަކެތި ހަމަނުވެ، ދުއްވުން، ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާގެ އިތުރުން ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާތަކެވެ.

comment ކޮމެންޓް