ޓްރެފިކް ގަވާއިދާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދޭން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން އެ ޖޫރިމަނާތައް މައާފުކޮށްދިނުމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ރައީސް ނިންމަވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު، 17 ވަނަ ދުވަހުން ފަށައިގެން މި އަހަރުގެ ސެޕްޓެމްބަރު ފަސްވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާތައް މައާފުކޮށްދިނުމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޖޫރިމަނާތައް މައާފުކޮށްދެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުވުމަށް ޓަކައި ފުލުހުން ތައްޔާރުކޮށް ހިންގާ 20 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް މިއަދުން ފެށިގެން އަންނަ މަހުގެ 25 ގެ ނިޔަލަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ރައީސްގެ ނިންމެވުމާ ގުޅިގެން މައާފުކޮށްދޭނީ ލައިސަންސާ ގުޅޭ ޖޫރިމަނާއާއި ގަވާއިދާ ޚިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާއާއި އުޅަނދުގައި ހުންނާންޖެހޭ ތަކެތި ހަމަނުވެ، ދުއްވުން، ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާގެ އިތުރުން ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާތަކެވެ.