މިހާރު މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން، ހިއްކަން ޖެހޭ ބިންތައް ހިއްކާ، އެ ބިންތަކުން ގޯތި ކަނޑާ، މާލޭ ސަރަހައްދުން ގޯތި ލިބުނު އެންމެންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ޗާންދަނީ މަގު ވޮއްކޮޅު ކަންމަތީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއު 'ބިންވެރިޔާ' ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ލިބޭނެ ދުވަހެއް ނޭނގޭތީ ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ. އަދި، ގިރާވަރުފަޅުން ގޯތި ލިބުނު މީހުން އެ ފަޅު ހިއްކާ ނުނިމޭތީ ކަންބޮޑުވުން ފާޅު ކުރާ ކަމަށެެވެ.
އެ ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން ރައީސް މިރޭ ވިދާޅުވީ، އެ މަނިކުފާނުގެ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ގޯތި ލިބުނު ހުރިހާ އެންމެންނަށް ގޯތީގެ ރެޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށެވެ. އަދި، ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ވެސް އެ ފަޅު ހިއްކާ، ގޯތި ކަނޑާ، ރަޖިސްޓްރީ ހަވާލުކޮށް މި ދައުރުގައި ނިންމާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ދައުރު ނޮވެމްބަރު 17ގައި ނިމުމުގެ ކުރިން، ފަހެއް ނޮވެމްބަރު ވާން ވާއިރަށް އަޅުގަނޑުމެން ވައުދުވެފައި އޮތް ގޮތަށް ރަޖިސްޓްރީ ހަދައި، ގޯތީގެ އިންވަކިކޮށް ހަދާފައި ތި ބޭފުޅުންނާ ހަވާލު ކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގިރާވަރުފަޅުން ގޯތި ލިބުނު މީހުން، ބިން ހިއްކާ ނުނިމޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެ އެންމެންނަށް ވެސް، ބިން ހިއްކައި ނިންމާ، މި ދައުރު ނިމުމުގެ ކުރިން ގޯތި ހަވާލު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވައިފައެވެ.

އެމްޑީޕީން މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް -- ފޮޓޯ/ އެމްޑީޕީ
"އަމާޒަކީ ފަހެއް ނޮވެމްބަރު ވާންވާއިރަށް ގިރާވަރުފަޅު ވެސް ހިއްކައި، އިން ވަކިކޮށް ތި ބޭފުޅުންނަށް ގޯތި ހަވާލު ކުރުން،" ރައީސް ވިދާޅުވިއެވެ.
"ހަމަ އެ ތަން ހިއްކާ ނިމުމާ އެކީގައި ފެނާއި ކަރަންޓާއި ނަރުދަމާއާއި މަގުހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނެ ވާހަކަ. ކުރިއަށް އޮތް އެންމެ ގިނަ ވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ތަނެއްގައި މަގުތައް ހަދާ، ފެނާއި ނަރުދަމާ އަޅާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން،"
މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ ހުޅުމާލޭން ގޯތި ލިބުނު ފަރާތްތަކުން ވެސް ހުހަށް ދޫކުރަން ޖެހޭ ޖާގަ ބޮޑުވުމާއި އިމާރާތް ކުރަން ލިބޭ ޖާގަ ކުޑަވުމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ކަން ވެސް ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި، އެ ކޮންމެ ގޯއްޗެއް މަދުވެގެން 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އިއުލާނު ކުރަނީ އާ ކަންކަން ނޫން ކަމަށާއި އެއީ މާ ކުރިން މެނިފެސްޓޯގައި ލިޔެފައި ހުރި ކަންކަން ކަމަށެވެ. އެ ކަންކަން މިހާރު އިތުރަށް ތަފުސީލު ކޮށްދެއްވަނީ ބައެއް ބޭފުޅުންނަށް އޮޅުން އަރާތީ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ސަރުކާރުން ވަނީ މާލެ ސަރަހައްދުން އިތުރު 4،000އަށް ވުުރެ ގިނަ ގޯއްޗާއި 8،000 ފްލެޓަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު ބައެއް މީހުންނަށް މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.