އެއާ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތަށް ވަކި ކުންފުންޏެއް އުފައްދައިފި

ވީއައިއޭގެ އެއާޓްރެފިކް ބަލަހައްޓާ ޓަވަރު -- ސަން ފޮޓޯ/ މުޙައްމަދު އަފްރާހް

އެއާ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތަށް ވަކި ކުންފުންޏެއް އުފައްދައިފިއެވެ.

"މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް"ގެ ނަން ދީފައިވާ މި ކުންފުންޏަކީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އަލަށް އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ އެއާ ޓްރެފިކް ކޮންޓްރޯލާ މުޙައްމަދު އަތުހަރުއެވެ.

އެމްއޭސީއެލުން ބުނީ އެއާ ޓްރެފިކް ކޮންޓްރޯލަށް ވަކި ކުންފުންޏެއް އުފައްދާފައި ވަނީ ޗިކާގޯގެ ކޮންވެންޝަންގައިވާ ގޮތުގެ މަތިން ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތަކަށް މި ޚިދުމަތް ދިނުމަށްޓަކައި ކަމަށެވެ.

ރާއްޖޭގެ ވައިގެ ދަތުރުތައް މިހާތަނަށް ބަލަހައްޓަމުން ދިޔައީ އެއާޕޯޓްސް ކޮމްޕެނީގެ އެއާ ޓްރެފިކް މެނޭޖްމެންޓުގެ ދަށުން އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު އަދި ކޮންޓްރޯލް ޓަވަރުންނެވެ. އެކަމަކު، އަލަށް އުފެއްދި ކުންފުންޏާ އެކު އެއާ ޓްރެފިކާ ގުޅޭ ހުރިހާ ޚިދުމަތެއް އެ ކުންފުނީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.

ދަތުރުފަތުރުގެ ނިޒާމަށް ގެނައި ބަދަލުތަކާ އެކު ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުހޭ މަތިންދާ ބޯޓުތަކުގެ އަދަދު 60، އަދި 70 މޫވްމަންޓަށް ގިނަވެފައިވާއިރު އެއާޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

comment ކޮމެންޓް