ކަންބޮޑުވާންޖެހޭ ކަމެއް ނެތް، ފަލީހަތްވާނީ ޒާތީ ވާހަކަތައް ދައްކާ މީހުން: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: އަހްމަދު އިޒްމީމް

ޒާތީ ގޮތުން ދިމާކޮށްލައި، ދޮގު ވާހަކަތައް ދެއްކުމަކީ އޭނާގެ ފަރުވާލެއް އޮތް ކަމެއް ނޫން ކަމަށާއި އެ ވާހަކަތައް ދެއްކުމުން ފަލީހަތްވާނީ އެ ވާހަކަތައް ދައްކާ މީހުން ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ފުވައްމުލަކުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޒާތީ ގޮތުން ދިމައިކޮށްލައިގެން ވާހަކަތައް ދެއްކުމަކީ އޭނާ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. އެ ކަން އެ ގޮތަށް ކުރާނަމަ އޭނާއަށް މާ ރަނގަޅު ކަމަށާއި އޭރުން ފަލީހަތް ވާނީ އެ ވާހަކަތައް ދައްކާ މީހުން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ވެސް ނޯންނާނެ ކަމަށެެވެ.

"އަޅުގަނޑަށް ރަނގަޅީ ވެސް އެ ކަންކަން އެ ގޮތަށް ކުރިއަށް ގެންދިޔައިއްޔާ. އޭރުން ރައްޔިތުންނަށް ހައްތަހާ ވެސް އެ ވާހަކަތައް ދައްކާ ފަރާތްތައް ފަލީހަތް ވާނީ،" މުއިއްޒު ވިދާޅުވިއެވެ.

"އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކު ވެސް އަރައިގަންފައެއް ނޯންނާނެ. އަރައެއް ނުވެސް ގަންނާނަން،"

އޭނާ ވިދާޅުވީ ދުވަހަކު ވެސް ގާނޫނާއި ގަވައިދާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި އެއްވެސް މީހަކަށް ދެރައެއް ދީފައި ވެސް ނުވާނެ ކަމަށެވެ. އަދި, މީހެއްގެ ހައްގަކަށް ދުވަހަކު ވެސް އަރައިނުގަންނަ ކަމަށް ވިދާޅުވިއެވެ.

"މައްސަލައެއް އޮތިއްޔާ ރަސްމީ އިދާރާތަކުން ބައްލަވަންވީ. މައްސަލައެއް ނޯންނާނެ. ބައްލަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން އޮތީ އެ ކަންކަން ބައްލަވަން ވާނީ އިންސާފުވެރިކަމާ އެކީގައޭ. ސިޔާސީ ނުފޫޒުން އެއްކިބާވެގެން އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކީގައޭ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކަންކަން ބެލުމުން މާ ބޮޑަށް ހިތްހަމަޖެހޭނެކަމަށާއި އޭރަށް ހަދަމުންދާ ދޮގުތައް މާ ރަނގަޅަށް ފަލީހަތްވާނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ ކެމްޕޭންކުރުން ނޫންކަމަށާއި ކެމްޕޭންކުރާ ބަޔަކު ރައްޔިތުންގެ ގާތަށް ގޮސް ހުށަހަޅާނީ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބަދަލުހިފުމެއް، އަނިޔާވެރިކަމެއް ނޯންނާނެ ކަމަށެވެ. އަދި އޭނާގެ ފުރަތަމަ މަސައްކަތަކަށް ވެސް ވާނީ ގައުމުގެ މިނިވަންކަން ޔަގީންކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

"ކިތަންމެ ވަރަކަށް އަޅުގަނޑާ މެދުގައި ޒާތީ ވާހަކަ ދެއްކިޔަސް މި ގައުމުގައި ބޭރު ސިފައިން ނެތް ކަމަކަށް ނުވާނެ. ކިތަންމެ ވަރަކަށް ހަދަހަދައިގެން ވާހަކަ ދެއްކިޔަސް ކަނޑުވިއްކާނުލާ ކަމަކަށް ނުވާނެ. ކިތަންމެ ވަރަކަށް ދޮގު ވާހަކަ ފެތުރުިޔަސް އިގްތިސޯދު އަނދަވަޅަކަށް ވައްޓާއިލާ ވަކި ގައުމަކަށް އަޅުވެތިކޮށްފައިނުވާކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް