ވޯޓަށް ހުރަސް އަޅާ ނަމަ، ހަތަރު މަހާއި އެއް އަހަރާ ދެމެދުގެ ޖަލު ހުކުމެއް

ރިޔާސި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ވޯޓު ދިނުމަށް ހުރަސް އަޅައި ނަމަ، މަދުވެގެން ހަތަރު މަހާއި އެއް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެއްވެސް މީހަކު ވޯޓު ދިނުމަށް ދަތިކުރުން ނުވަތަ ވޯޓު ދިނުމަށް އެއްވެސް މީހަކަށް ހުރަސް އެޅުމަކީ މަނާކަމެއް ކަމަށެވެ.

އެފަދަ ކުށެއްގެ އަދަބަކަށް ކަނޑައެޅިފައި ވަނީ ހަތަރު މަހާއި އެއް އަހަރާ ދެމެދުގެ މުއްތަކަށް ޖަލަށްލުމާ އެކު، 4,000 ރުފިޔާއާއި 12,000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ހަބީބު ވިދާޅުވިއެވެ.

ހާބީބު ވިދާޅުވި ގޮތުގައި އެކަންކަމުގެ އިތުރުން ގާނޫނީ ގޮތުން ހުއްދަ ވޯޓު ކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓުފޮއްޓަށްލުމަކީ މަނާ ކަމެކެވެ. އެހެންވެ، އެ ކުށުގެ އަދަބަކަށް ދެ މަހާއި ހަ މަސް ދުވަހަށް ޖަލަށްލުން ނުވަތަ، 2،000 ރުފިޔާއާއި 6،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

އިންތިޚާބުތަކާ ބެހޭ ޢާންމު ގަވާއިދުގައި ބުނެފައިވަނީ ވަކި ގޮތަކަށް ވޯޓު ލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ދީ ހަދައިގެން ނުވާނެ ކަމަށާއި އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެން ނުވާނެ ކަމަށް ވެސް އެގަވާއިދުގައިވެއެވެ.

ސެޕްޓެމްބަރު 30ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއެވެ.

comment ކޮމެންޓް