ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް އެންޓި ކެންޕޭނު ކުރުމުން ވެސް އިލެކްޝަންސް ކޮމިޝަނުން އެކަމަށް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށް މުއިއްްޒުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ޕާޓީން އެންމެ ބޮޑަށް ކަންބޮޑުވަނީ އިންތިހާއަށް އެންޓި ކެމްޕޭނު ކުރަމުން ދާއިރު ވެސް އިލެކްޝަންސް ކޮމިޝަނުން 'ނިދާފައި ތިބޭތީ' ކަމަށެވެ.
އެގޮތުން އެކި ކަހަލަ ދޮގު މައުލޫމާތުތައް ފައިސާ ދީގެން ނޫސްތަކުގައި ފަތުރަމުންދާ ކަމަށާއި، މަގުމަތީގައި ތަފާތު ޕޯސްޓަރުތައް ޖަހައިގެންވެސް އެންޓި ކެންޕޭނު ކުރަމުން ދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި މިފަދަ މައްސަލަތައް ފެންނަމުންދާއިރު، އެ މައްސަލަ އެއް ކޯޓަށް ހުށަހެޅެންދެން އިލެޝަންސް ކޮމިޝަނުން ފިޔަވަޅެއް ނާޅާ ތިބެގެން ނުވާނެ ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ.
"ބަޔަކު އެ މައްސަލަ އެ ބެފުޅުންނަށް ހުށަހަޅާތޯ ބަލާކަށް ނުޖެހެއޭ. އެކަމެއް އެ ހިނގާ ވަގުތަކުން ފެށިގެން އެކަމެއް ނުކުރުމަށްޓަކައި އެ ކުރަން ޖެހޭ ކަމެއް ކުރުމާއި، އެކަން ކުރާ ބަޔަކާ ދޭތެރޭ ގާނޫނު ގަވާ ގޮތުގެ މަތިން ފިޔަވަޅުއެޅުމަކީ އިލެކްޝަންސް ކޮމިޝަނަށް ލާޒިމު ކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ، ޑރ. މުއިއްޒަށް މިހާރު އެމްޑީޕީން ކުރަމުންއެދާ އެންޓި ކެމްޕޭނަކީ ހަމަ އެ ޕާޓީއަށް އަމިއްލައަށް ކުރަމުންދާ އެންޓި ކެމްޕޭނެއް ކަމަށެވެ.
މީގެ އިތުރުން ތޮލާލު ވަނީ އެމްޑިޕީގެ މެންބަރުންނަށް ވެސް މި މަހުގެ 30 ވަނަ ދުވަހު ނުކުމެ ޑރ. މުއިއްޒަށް ވޯޓު ދިނުމަށް ގޮވާލައިފައެވެ.
ތޮލާލް ވިދާޅުވީ އަދުލުވެރިކަން ގާއިމު ކޮށްދެއްވާ، އަނިޔާވެރިކަން ނިންމަވާނީ ވެސް ޑރ. މުއިއްޒު ކަމަށެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ މައުލޫމާތު ދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ)ން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ކެނޑިޑޭޓުންނޭ ކިޔައިގެން ދައްކަމުންދާ ދޮގު ވާހަކަތައް ނުދެއްކުމަށާއި، ކެނޑިޑޭޓުންގެ ހައްގުތައް ނިގުޅައިގަނެވޭފަދަ ހަބަރުތައް ނުފެތުރުމަށް އިލްތިމާސް ކުރައްވާފައެވެ.