ރާއްޖޭން ބޭރުގައި ވޯޓުލާ އަދަދު އިތުރުވީ ހޭލުންތެރިކަން އިތުރުވެގެން: ހަބީބް

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް -- ސަން ފޮޓޯ

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރާއްޖޭން ބޭރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ރަޖިސްޓަރުކުރި އަދަދު ދެ ގުނަވުމަކީ އެ މީހުންގެ ހޭލުންތެރިކަން އިތުރުވެ، ނަތީޖާ ނެރުމަށް ކުރާ މަސައްކަތާއެކު އައި ބަދަލަކަށްވުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ހުންނަ ފޮށިތަކަށް ވޯޓުލާން ރީ ރަޖިސްޓަރުކުރި މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ މި ފަހަރު ދުރު ގައުމުތަކުގައި ދިރިއުޅެމުން އަންނަ މީހުން ވެސް ވޯޓުލުމަށް ޓަކައި އެންމެ ކައިރީގައި ހުންނަ ފޮއްޓަކަށް ވޯޓުލުމަށް ރީރަޖިސްޓަރުކޮށްފައިވާކަމަށެވެ.

އެއީ އަދަދު އިތުރުވި ސަބަބަކަށްވާނެ ކަމަށް ހަބީބް ފާހަގަކުރެއްވިއެވެ.

އެގޮތުން ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ދިވެހިން، އަބޫދާބީގައި ހުންނަ ވޯޓުފޮއްޓަށް ވޯޓުލާން ރީރަޖިސްޓަރުކޮށްފައިވާ ކަމަށާއި ހަމަ އެގޮތަށް މެލޭޝިއާގައި ހުންނަ ފޮއްޓަށް ވޯޓުލާން، އޮސްޓްރޭލިއާގައި ދިރިއުޅޭ މީހުން ވެސް ރަޖިސްޓަރުކޮށްފައިވާކަން ފާހަގަވާކަމަށް ހަބީބް ވިދާޅުވިއެވެ.

ހަމަ އެގޮތަށް އިނގިރޭސިވިލާތުގައި ހުންނަ ފޮއްޓަށް ވޯޓުލުމަށް ޓަކައި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ތިބި މީހުން ވޯޓުލާން ރަޖިސްޓަރުކުރިކަމަށް ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާގައި ވެސް ކުރިން ރަޖިސްޓަރުކުރި އަދަދަށް މި ބުރު 600އަށްވުރެ ގިނަ މީހުން އިތުރުވެފައިވާކަމަށެވެ.

މީގެ އިތުރުން އިންތިޚާބުގެ ދެވަނަ ބުރާ ގިނަ ބަންދު ދުވަސްތަކެއް ގުޅޭތީ ބޭރަށް ދާ ގިނަ ބަޔަކު ވެސް ވޯޓުލާން ރީ ރަޖިސްޓަރުކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ޖުމްލަ ގޮތެއްގައި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ވެސް ވޯޓުލާން ރީރަޖިސްޓަރުކުރުމުގައި ކެންޑިޑޭޓުންގެ ފަރާތުން ހޭލުންތެރިކުރުވުމުގައި މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަވާކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. އަޅުގަނޑުމެންނަށްވުރެ ބޮޑަށް، އަޅުގަނޑުމެން ހޭލުންތެރިކަން އިތުރުކުރުމަށް ކުރި މަސައްކަތަށްވުރެ މާ ބޮޑު މަސައްކަތެއް ކެންޑީޑޭޓުންގެ ފަރާތުން، ދެ ކެންޑީޑޭޓުންގެ ފަރާތްޕުޅުން ރީރަޖިސްޓްރީކުރުމަށް ޓަކައި އަޅުގަނޑަށް ހީވަނީ މީހުންނަށް ގޮވައިލި ގޮވައިލުން ގަބޫލުކުރީކަމަށް،" ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާނަަމަ ވޯޓުލުމަކީ ކުރުން އެންމެ މުހިންމު ކަން ކަމަށެވެ.

"ދެވަނަ ބުރުތާ މި ނަތީޖާ ނެރޭ ބުރަކީ ދެއްތޯ. އެހެންވީމާ އެ ގޮތަށް ކުރީގައި ވޯޓުލާން ރަޖިސްޓްރީވެފައި ނެތް ގިނަ ބަޔަކު ވޯޓުލާން ރަޖިސްޓްރީކުރި ކަމަށް ބެލެވޭ އިންތިޚާބުގެ ވާދައާއި ފޯރީގައި،" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ވޯޓުލާން ރީީރަޖިސްޓަރުކުރުމުގައި އޮޅުވައިލުމުގެ ކަމެއް ހިނގައިފައިވާކަމަށް ނުބެލެވޭ ކަމަށެވެ. އެއީ ޝަކުވާއަށް ހުޅުވައިލުމުން އެ ކަމަށް ނޭދޭކަމަށް ބުނެ ޝަކުވާ ހުށަހެޅީ އެންމެ ދެ މީހުންކަމަށް ވާތީ ކަމަށް ހަބީބް ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި 3،327 މީހުން ރާއްޖޭން ބޭރަށް ވޯޓުލާން ރަޖިސްޓަރުވެފައިވާއިރު، ދެވަނަ ބުރުގައި ރާއްޖޭން ބޭރަށް ވޯޓު ލުމަށް 6،223 މީހުން ވަނީ ރަޖިސްޓަރުވެފައެވެ.

މި ފަަހަރު ބޭރު ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ދެވަނަ ބުރަށް ވޯޓުލުމަށް މީހުން ރެޖިސްޓާ ވެފައިވަނީ މެލޭޝިއާގެ ކުއަލާލަންޕޫރުގައި ހުރި ތިން ފޮއްޓަށެވެ.

comment ކޮމެންޓް