އޮފިޝަލުކަމަށް 285 މީހުން ކުރިމަތިލައިފި، އީސީން ބުނީ ތަރުހީބު ރަނގަޅު ކަމަށް

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގެ ވޯޓުލުން -- ސަން ފޮޓޯ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އޮފިޝަލުންގެ ގޮތުގައި 280 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ދެވަނަ ބުރަށް އިތުރު އޮފިޝަލުން ހޯދުމަށް ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު 'ސަން' އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 285 ފޯމު ލިބިފައިވާ ކަމަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ކޮމިޝަނަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އޮފިޝަލުން ހޯދުމުގައި ދިމާވި އުނދަގޫތަކެވެ. އެގޮތުން އޮފިޝަލުންނަށް ވުމަށް ކުރިމަތިލި ބައެއް މީހުންގެ ފަރާތުން އެއްބާރުލުން ނުލިބޭތީ، އަލުން އޮފިޝަލުން ހޯދުމަށް ވެސް އީސީން އިއުލާނުކުރިއެވެ.

އީސީގެ ނާއިބުރައީސް އިސްމާއީލް ހަބީބް "ސަން" އަށް އިންޓަވިއު ދެއްވަނީ ---

ނަމަވެސް ދެވަނަ ބުރުގައި އޮފިޝަލުން ހޯދަން ހުށަހެޅިތާ ފަސް ދުވަހުގެ ތެރޭ އެކަމަށް ތަރުހީބު އިތުރުވެފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތުން 300 އޮފިޝަލުން ހަމަވުމާއެކު އީސީގެ މަސައްކަތްތައް މެނޭޖްކުރެވޭނެ ކަމުގެ ޔަގީންކަން ހަބީބް ވަނީ ދެއްވައިފައެވެ.

"ކުރިއަށްވުރެ މިބުރުގައި ކުރި އިއުލާނާ ގުޅިގެން މިކަމަށް ތަރުހީބު ވަރަށް ރަނގަޅޭ ދެންނެވޭނީ،" ހަބީބް ވިދާޅުވިއެވެ.

މިފަހަރު ކުރި އިއުލާނާ އެއްގޮތަށް އޮފިޝަލަކަށް ވުމަށް އެދި ކުރިމަތިލުމަށް ސުންގަޑި ހަމަވާނީ އަންނަ ހުކުރު ދުވަހާ ހަމައަށެވެ.

އީސީން ދެވަނަ ބުރަށް ތައްޔާރީތައް ވަމުން އަންނަ އިރު އޮފިޝަލުން ތަމްރީނުކުރުމަށް އަންނަނީ ޓްރެއިނިންތަކެއް ވެސް ބާއްވަމުންނެވެ.

މި ބުރުގެ ވޯޓުލާއިރު މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް 18އަހަރު ފުރޭ 408 ޒުވާނުން ވަނީ އިތުރު ކޮށްފައެވެ. އެހެންކަމުން އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާނީ 2،82803 މީހުންނަށެވެ.

comment ކޮމެންޓް