އެއް ފަރާތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އަނެއް ފަރާތުން ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި އިލްޔާސް ލަބީބެވެ. އެ ދެ ބޭފުޅުންގެ މެދުގައި އެ ތިބީ ފުލުހުންގެ ރަސްމީ ޔުނީފޯމުގައި ތިބި ޒުވާން ދެ އަންހެން ފުލުހުންނެވެ. އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީއެވެ. ގިނަ ދިވެހީންނަކަށް އެކަން މާބޮޑު ކަމަކަށް ނުވެދާނެއެވެ.
ނަމަވެސް މި ފޮޓޯއިން އެންމެ ބޮޑު އަސަރެއް ކުރުވި އެއް ބޭފުޅަކީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާ އިބްރާހީމް ލަތީފެވެ. އަމިއްލަ ފުޅަށް 2007 ވަނަ އަހަރު ރިޓަޔާ ކުރެއްވުމަށް ފަހު، މިހާރު ވެސްޓަން އޮސްޓްރޭލިޔާ ޕޮލިސްގެ ސްޓްރެޓީޖިކް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ލަތީފަކީ ރާއްޖޭގައި ސިފައިންނާއި ފުލުހުން އެއްކޮށް ހިންގަމުންގޮސް ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި 2004 ވަނަ އަހަރު އުފެއްދެވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. ލަތީފުގެ ބޮޑު ހިއްސާއެއް އޮވެގެން ފުލުހުންގެ މުއައްސަސާ އުފެއްދީ ދުނިޔޭގެ ފެންވަރުގެ ޕްރޮފެޝަނަލް ނިޒާމެއްގެ ދަށުންނެވެ. ނަމަވެސް އެކަންކަމަށް އަސަރު ކުރާ މަންޒަރުތަކުން ލަތީފަށް ފުން އަސަރެއް ކުރުވައެވެ.

ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ލަތީފް(ވ)، އޮސްޓްރޭލިއާގެ ފުލުހުންގެ ވެރިއަކާއެކު--
ލަތީފް ސިފަކުރައްވާ ގޮތުގައި މި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ނަގާފައިވާ އެ ފޮޓޯއަކީ ވަރަށް ބޮޑު އޮޅުވާލުމެކެވެ. އޭގެން ރައްޔިތުންނަށް ދެވޭ މެސެޖު ރަނގަޅު ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
"އެ ފޮޓޯގައި އެތިބި ޒުވާން ފުލުހުންނަށް ފަހަރެއްގައި ނޭނގިދާނެ އެ ފުލުހުންނަށް އެ ކުރެވެނީ ކޮން ކަމެއް ކަން. އެކަމަކު އެ ސިޔާސީ ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ފުލުހުންގެ ރަސްމީ ޔުނީފޯމްގައި ތިބި ބަޔަކާއެކު ފޮޓޯ ނެގީމައި އެ ފޮނުވައި ދޭ މެސެޖު،" ސިފައިންގެއާއި ފުލުހުންގެ މުއައްސަސާގައި 23 އަހަރު ހިދުމަތް ކުރައްވާފައިވާ ލަތީފް ވިދާޅުވިއެވެ.
ފުލުހުން ސިޔާސީ ގޮތުން ވަކި ބަޔަކަށް ސަޕޯޓް ކޮށްފާނެ ކަމުގެ މެސެޖް ދެވޭނަމަ އެއީ ފުލުހުންގެ މުއައްސަސާއަށް އޭގެން ނުރަނގަޅު އަސަރެއް ކުރާނެ ކަމެއް ކަމަށް ލަތީފް ގަބޫލު ކުރައްވައެވެ.
"ފުލުހުންނަކީ ރައްޔިތުންނަށް ވަކި ކޮޅަކަށް ނުޖެހި ހިދުމަތް ދޭން ޖެހޭ ބައެއް. ހާއްސަކޮށް މިހާރު ރާއްޖޭގައި މި ހިނގާ ސިޔާސީ އޮއިވަރުގެ ތެރެއިން ފުލުހުން އެގޮތަށް ކައިރިކޮށްގެން ފޮޓޯ ނެގީމައި އެ މެސެޖު ވަރަށް ގޯސް. އަދި ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު. ވަކި ސިޔާސީ ބޭފުޅެއް ނޫން ހަމަ ކޮންމެ ސިޔާސީ ބޭފުޅަކާއެކު ފުލުހުން ފޮޓޯއެއް ނެގިޔަސް އެ މެސެޖް އެގޮތަށް ދެވޭ." ލަތީފް ވިދާޅުވިއެވެ.
ލަތީފް އެކަންބޮޑުވުންތައް ފާޅުކުރައްވަނީ ލިބިވަޑައިގެން ހުންނެވި ތައުލީމާއި ތަޖުރިބާގެ އަލީގައެވެ. ލަތީފް މަތީ ތައުލީމު ހާސިލުކުރައްވާފައިވަނީވެސް ޕޮލިސިންގެ ދާއިރާއިންނެވެ. ވެސްޓަން އޮސްޓްރޭލިއާގެ އެޑިތްކޮވަން ޔުނިވާސިޓީން އެސޯސިއޭޓް ޑިގްރީ އޮފް ސޯޝަލް ސައިންސް އިން ޕޮލިސް ސްޓަޑީޒް އަދި އޭގެފަހުން އިނގިރޭސި ވިލާތުގެ ލެސްޓާ ޔުނިވާސިޓީން ޕޮލިސް ސްޓަޑީޒް (ކޮމްޕެރަޓިވް ޕޮލިސް އެންޑް ސޯޝަލް ކޮންފިލްކްޓްސް) އިން މާސްޓާސް ޑިގްރީ އޭނާ ވަނީ ފުރިހަމަކުރައްވާފައިވެއެވެ. އަދި މިދާއިރާއިން އެކި ފެންވަރުގެ ތަމްރީނުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކޮށް ރަންވަނަތައްވެސް ހާސިލު ކުރައްވާފައިވެއެވެ. އެގޮތުން ލަތީފް ވަނީ ޔުނައިޓެޑް ސްޓޭޓްސް އާމީ، އަދި ހަވާއީގެ އޭސިއާ ޕެސިފިކް ސެންޓާ ފޯ ސެކިއުރިޓީ ސްޓަޑީޒް އަދި ޔޫއެސް އާމީގައި މަތީ ފެންވަރުގެ ތަމްރީނުތައް ފުރިހަމަކޮށް ގްރެޖުއޭޓްވެފައެވެ.

ލަތީފް ފުލުހުންގެ މުއައްސަސާގައި އުޅުއްވިއިރު--
އެ ތަޖުރިބާތަކުގެ އަލީގައި މިފަދަ ކަންކަމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކަށް އަލިއަޅުވާލައި ލަތީފް ވިދާޅުވީ މިއީ ފުލުހުންގެ ތެރޭގައި ބައިބައިވުން އުފެދޭ ފަދަ ކަންކަން ކަމަށެވެ. ފުލުހުންނަކީ ގާނޫނު ހިމާޔަތް ކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ބަޔަކަށްވާއިރު މިފަދަ އަމަލުތަކުގެ ސަބަބުން ބައިބައިވުމަށް ހިތްވަރު ދެވޭ ކަމަށް ލަތީފް ގަބޫލު ކުރައްވައެވެ.
ހައްލަކީ ކޮބާ؟
ރާއްޖޭގެ މިއަދުގެ ހަގީގަތަކީ ސިޔާސީ ނޫން މީހެއް ނެތް ކަމެވެ. އެންމެ އާދައިގެ ވަޒީފާތަކުން ފެށިގެން މިނިވަން މުއައްސަސާތަކަށް ވެސް ސިޔާސީ ނުފޫޒުވެ. މި ގައުމުގެ އެންމެން ކަހަލަ ގޮތަކަށް ސިޔާސީއެވެ.
ސިފައިންނާއި ފުލުހުންނަށް ވޯޓްލުމުގެ ފުރުސަތު ދޭން ފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި އެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ވޯޓްލުމުގެ ފުރުސަތެއް ނޯވެއެވެ. ފަހުން ފަހުން ފުލުހުންގެ ބައެއް މުވައްޒަފުން ވެގެން ދިޔައީ މަގާމުގައި ތިބެގެން ސިޔާސީ ކަންކަމުގައި އުޅޭ ބަޔަކަށެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ސިފައިންނާއި ފުލުހުން އުޅުނު ގޮތާއި މިހާރު ވެސް ބައެއް ސިފައިންނާއި ފުލުހުން ސޯޝަލް މީޑިއާގައާއި އެހެން ގޮތްގޮތުން ސިޔާސީ ގޮތުން ހިޔާލު ފާޅުކޮށް ހަދާތީ އެ މުއައްސަސާތަކުގެ އިތުބާރަށް އޭގެން އަސަރުކުރެއެވެ.
ލަތީފް ވިދާޅުވީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ވެސް ސިޔާސީ މީހުން ފުލުހުންގެ ތާއީދު ހޯދަން މަސައްކަތް ކުރާ ކަމަށާއި އެ ފުރުސަތު ނުދިނުމަށް ފުލުހުން ސިޔާސީ މީހުންނާއެކު ފޮޓޯ ނެގުމާއި އިންޓަވިއޫތައް ދިނުންފަދަ ކަންކަން މަނާކޮށްފައި ވާ ކަމަށެވެ. އެއީ ދުނިޔޭގެ އެންމެ ޑިމޮކްރެޓިކް ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އުސޫލަށް ވާއިރު ރާއްޖޭގައި ވެސް އެކަން އެގޮތަށް އޮންނަން ވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.
ރާއްޖެފަދަ ސިޔާސީގޮތުން ހަލަބޮލި، އަދި ގިނަ ޕާޓީތަކެއް އެކުލެވޭ ގައުމެއްގައި ފުލުހުންގެ މުއައްސަސާ ހިންގަން ވާނީ ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ކަމަށް ލަތީފް ވިދާޅުވިއެވެ. ފުލުހުންގެ އަސާސީ ތަމްރީނުން ފެށިގެންގޮސް ގިނަ ތަމްރީންތަކެއްގައި ސިޔާސީ ގޮތުން މަންފާއެއް ނެގުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން ތަމްރީން ކުރަން ޖެހޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ.
"ފުލުހުންގެ ވެރިންއިން ފެށިގެން ހުރިހާ ފުލުހުންނަށް އަންގައި ދޭން ޖެހޭ ފުލުހުންގެ ތެރޭގައި ވެސް ބޭރުގައި ވެސް ޕާޓީތަކަށް ފާޅުގައި ސަޕޯޓްކޮށް އޯޕަންކޮށް އެ ވާހަކަ ނުދެއްކޭނެކަން. ސަޕޯޓް ކުރާނަމަ ވޯޓްލާން ގޮސް ވޯޓް ލެވިދާނެ. އެހެން ނަމަވެސް އޯޕަންކޮށެއް އެކަންކަމެއް ނުކުރެވޭނެ. އޯޕަންކޮށް ކުރީމައި ފުލުހުންގެ މުޅި މުއައްސަސާއަށް ވެސް މި ލޮޅުން އަންނަނީ." ލަތީފް ވިދާޅުވިއެވެ.
މި ފޮޓޯއާ ގުޅިގެން ކުރީގެ ޑެޕިއުޓީ ކޮމިޝަނަރަކު ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ފުލުހުންގެ މުއައްސަސާގެ އިތުބާރަށް އަސަރު ކުރާ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ކޮމިޝަނާއިން ފެށިގެން ހުރިހާ ލެވެލްއެއްގައި ނަމޫނާ ދައްކަން ވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ. ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު އައުން ހުއްޓުވަން އެކުގައި ހުރިހާ ފުލުހުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ސިޔާސީ މީހުންނަށް އިލްތިމާސްއެއް ކުރައްވަމުން ލަތީފް ވިދާޅުވީ ފުލުހުންނަށް ސިޔާސީ ކަންކަމުގައި ހުށަހެޅުންތައް ހުށަހަޅައި ކަންކަމުގައި ނޭދެން އެދޭ ކަމަށެވެ. ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރަން ޖެހޭ މީހުން ކަމަށްވާއިރު އެ ފުލުހުންނަކީ ވަކިކޮޅަކަށް ޖެހެވޭނެ ބައެއް ނޫން ކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ގަބޫލުކުރައްވާގޮތުގައި އޭނާ ވެސް ބައިވެރިވެގެން ރާއްޖޭގެ ފުލުހުންގެ މުއައްސަސާގައި ހަދާފައިވާ ސިސްޓަމަކީ ވަރަށް ރަނގަޅު ސިސްޓަމެކެވެ. ނަމަވެސް ސިޔާސީ ނުފޫޒުތަކުގެ ސަބަބުން ދިވެހި ފުލުހުންނަށް އޮންނަ އިތުބާރު ގެއްލޭގޮތް ވަނީއެވެ. ނަމަވެސް އަދިވެސް ފުލުހުންނާ މެދު ލަތީފަށް އިތުބާރު އެބައޮތެވެ. އުއްމީދު ވެސް އެބައޮތެވެ. އެކަން ވާން އޮތީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންނެވެ.