މާލެއިން ގެއްލުނު ޒުވާނަކު ހަފުތާއެއް ފަހުން ފެނިއްޖެ

ގެއްލިގެން ހޯދަމުންދާ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް --

މާލެއިން ގެއްލިގެން ހޯދަން އިއުލާންކުރި ޒުވާނަކު ހަފުތާއެއް ފަހުން ފެނިއްޖެއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހޯދަމުން ދިޔައީ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފުލުހުން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިއަދު ފުލުހުން ބުނީ އޭނާ ރޭ މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެ ކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައިނުވެއެވެ.

ފުލުހުން މީގެ ކުރިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން 28 އަހަރުގެ އެ މީހާ މިހާރު ދިރިއުޅެނީ މާލޭގައެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ 15އިގައެވެ.

އޭނާ ހޯދަން އިއުލާން ކުރި ފަހުން އޭނާގެ އާއިލާގެ މީހަކު "ސަން"އާ ވާހަކަ ދައްކަމުން ވަނީ އޭނާ މާލޭގެ މަގުމަތިން ފެންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އޭނާއާ އާއިލާއާ ނުގުޅޭ ކަމަށެވެ.

މި މަސް ތެރޭގައި މާލޭ ސަރަހައްދުން ތިން މީހަކު ގެއްލިގެން ހޯދަން އިއުލާންކޮށްފައިވެއެވެ. އެ ތިން މީހުން ވެސް ގެއްލިފައިވާ ކަމަށް ފުލުހުން އިއުލާންކުރިތާ މާގިނަ އިރުތަކެއް ނުވެ ވަނީ ޚަބަރެއްވެފައެވެ.

comment ކޮމެންޓް