މިދިޔަ އާދިއްތަ ދުވަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް މަގުމަތިން ފެންނަކަމަށް މީހުން ބުނާކަމަށް އާއިލާއިން ބުނެފިއެވެ.
ނާތިފް ގެއްލުމާ ގުޅިގެން ފުލުހުން ބުނީ އޭނާ އަދިވެސް ނުފެންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާ ނުފެންނަ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތްކަމަށެވެ.
ނާތިފްގެ އާއިލާ މީހަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، އޭނާއަކީ ކޮންމެ ދުވަހަކު ވެސް ރަށުގައި ހުންނަ އޭނާގެ މަންމައާ ގުޅާ ވާހަކަ ދައްކާ މީހެއް ކަމަށެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން އޭނާގެ މަންމައަށް ގުޅާފައި ނުވާކަމަށާއި ފޯނުވެސް ނިވާލާފައި ވާކަމަށް އޭނާ ބުންޏެވެ.
"އާދިއްތަ ދުވަހު މަންމަ ގުޅާފަ ބުނި އެއްގޮތަކަށް ވެސް ވީނުވީއެއް ނޭންގެއޭ. ފޯނު އޮންނަނީ ނިވާލާފަ. މާލެ ބަދަލުވިތާ އަދި މަހެއްހާ ދުވަސްވީ. އުޅޭތަނެއް ކަނޑައެޅިގެން ބުނާކަށް ނޭންގޭ،" އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.
އޭނާ ބުނީ އޭގެ ފަހުން މާލެތެރެއިން އާއިލާ މީހަކަށް ނާޠިފް ފެނިފައި ވާކަމަށެވެ. އަދި އެދެމީހުން ވާހަކަ ވެސް ދެއްކި ކަމަށާއި މިއަދު ވެސް މީހަކު ގުޅާ މާލޭ މަގުމަތިން ނާޠިފް ފެނުނު ވާހަކަ ބުނިކަމަށެވެ.
އެހެންނަމަވެސް އަދިވެސް އާއިލާއަށް އޭނާއާ ގުޅިފައި ނުވާކަމަށާއި ފޯނުވެސް އޮންނަނީ ނިވާލާފައިކަމަށް މި ނޫހާ ވާހަކަދެއްކި މީހާ ކިޔައިދިނެވެ.
"އެހެންވީމަ އޭނާ އެބަ އުޅޭ ހެޔޮހާލުގަ މާލޭގަ. އެކަމަކު ފުލުހަށް ހާޒިރުވީމަ ނޫނީ އާއިލާއަށް ގުޅީމަ ފުލުހުން އޭނާ ފެނުންކަމަށް ނިންމާނީ،" އޭނާ ބުންޏެވެ.
ނާތިފް ގެއްލުނުކަން ހާމަކޮށް ފުލުހުން އިއްޔެ ބުނީ، 28 އަހަރުގެ އެ މީހާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
"އޭރުލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.