އޭނާގެ ވެރިކަމެއްގައި ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް އެއްވެސް މީހަކު ކުރާކަން ފާހަގަވެއްޖެނަމަ އަމިއްލަފުޅަށް އިސް ނަންގަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ތާއީދު ހޯއްދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ބަހާއި އަމަލު ދިމާވާނެ ކަމަށެވެ. މި ހުރިހާ ދުވަހެއްގައި ހާމަކުރި ތަސައްވުރުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ކަން ކުރުމަށް ޓަކައި އަޅުގަނޑު އެކުލަވައިލާ ޓީމު ވާނީ އިހްލާސްތެރިިކަމާ އެކު އަޅުގަނޑު އެދޭ ގޮތަށް ރައްޔިތުންނަށް ޓަކައި ޚިދުމަތް ކުރެވޭ ވަރުގެ ޓީމަކަށް. ކެބިނަޓަކަށް ނަގާ ބޭފުޅުން ވާނީ އިރާދަކުރެއްވިއްޔާ ރައްޔިތުން ފަޚުރުވެރިވާ ފަދަ ބޭފުޅުންނަށް،" މުއިއްޒު ވިދާޅުވިއެވެ.
އޭނާގެ ވެރިކަމެއްގައި ކެބިނެޓުގައި ތިއްބަވާނީ ފަސްބައި ސާފު، އޭނާ އެދިވަޑައިގަންނަވާ ސްޕީޑުގައި ރެޔާއި ދުވާލު މަސައްކަތްކުރަން ކެރޭ ތައުލީމީ ގާބިލު ބޭފުޅުންކަމަށް މުއިއްޒު ވިދާޅުވިއެވެ. ބޭނުންވަނީ އިހްލާސްތެރި ތެދުވެރި މަސައްކަތެއް ކުރަން ކަމަށާއި ފުރަތަމަ ދުވަހުން ފަށައިގެން ވެސް ނަތީޖާ ނެރެން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖިއްޔާ އަޅުގަނޑު އިސްވެ އެ ކަމަށް ފިޔަވަޅު އަޅާނަން،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގައި ފޮރުވާނެ އެއްވެސް ކަމެއް ނުބާއްވާނެ ކަމަށާއި ފޮރުވައިގެން ކަންކަން ކުރަން ވެއްޖެނަމަ ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށެވެ.
"ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް، ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން،" މުއިއްޒު ވިިދާޅުވިއެވެ.
އޭނާ އެކުލަވައިލައްވާ ޓީމުގައި ހިމެނޭ އެއްވެސް ބޭފުޅަކީ ޖަވާބުދާރީ ނުވެވޭ ބޭފުޅަކަށް ނުވާނެ ކަމަށާއި ޗެކް އެންޑް ބެލެންސް ފުރިހަމަ ގޮތުގައި ގާއިމުކުރާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ. އަދި، މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ ހަގީގީ މާނައިގައި މިނިވަންކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ގާއިމުކުރާ ސަރުކާރެއްގައި ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ. ރައްޔިތުންނަށް ފެންނާނެ. ދެފުށް ފެންނާނެ. ޖަވާބުދާރީވާޏް ނޭނގޭ، ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް ނުކުރާނެ،" މުއިއްޒު ވިދާޅުވިއެވެ.
މިރޭ ގަމުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕީޕީއެމަށް ސޮއިކޮށް މުއިއްޒަށް ތާއިދުކުރަން ނިންމައިފައެވެ. ސޮއިކުރި ބޭފުޅުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ހިމެނެއެވެ.