ދެވަނަ ބުރުގައި ރާއްޖޭން ބޭރުގައި ވޯޓުލާން ރެޖިސްޓާވީ މީހުން ދެގުނައަށް އިތުރު

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ވޯޓުލުން -- ސަން ފޮޓޯ

ރިޔާސި އިންތިޚާބުގެ ފުރަތަމަ ބުރާ އަޅާ ބަލާއިރު ދެވަނަ ބުރުގައި ރާއްޖޭން ބޭރަށް ވޯޓުލާން ރެޖިސްޓާވީ މީހުންގެ އަދަދު ގާތްގަނޑަކަށް ދެގުނައަށް އަރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 3،327 މީހުން ރާއްޖޭން ބޭރަށް ވޯޓުލާން ރެޖިސްޓާ ވެފައިވާއިރު، ދެވަނަ ބުރުގައި ރާއްޖޭން ބޭރަށް ވޯޓު ލުމަށް 6،223 މީހުން ވަނީ ރެގިސްޓާ ވެފައިވާ ކަމަށެވެ.

މިގޮތުން ބޭރު ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ދެވަނަ ބުރަށް ވޯޓުލުމަށް މީހުން ރެޖިސްޓާ ވެފައިވަނީ މެލޭޝިއާގެ ކުއަލާލަންޕޫރުގައި ހުރި ތިން ފޮއްޓަށެވެ. އެގޮތުން ތިން ފޮއްޓަށް މުޅި ޖުމްލަ 2،555 މީހުން ރެޖިސްޓާ ވެފައިވެއެވެ. އެއީ، މެލޭޝިއާގެ އެއް ނަންބަރު ވޯޓު ފޮށީގައި 915 މީހުން، ދެ ނަންބަރު ވޯޓު ފޮށީގައި 780 މީހުން އަދި ތިން ނަންބަރު ވޯޓު ފޮށީގައި 825 މީހުންނެވެ. ފުރަތަމަ ބުރާ އަޅާ ބަލާއިރު ދެވަނަ ބުރުގައި 1،132 ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ދެވަނަ ބުރުގަިއ 442 މީހުންނާ އެކު، ޔުނައިޓެޑް އަރަބި އެމިރޭޓްސް ގައި 271 މީހުން އިތުރަށް ވަނީ ރެޖިސްޓާ ވެފައެވެ. އަދި، އިންޑިއާގެ ޓްރިވެންޑްރަމްގައި އެއްފޮއްޓާ އެކު 417 މީހުން ވޯޓުލާ ނިންމާލައިފައި ވާއިރު ދެވަނަ ބުރުގައި އިންޑިއާގެ ޓްރިވެންޑްރަމައަށް ދެ ފޮއްޓާއެކު މުޅި ޖުމްލަ 1.603 މީހުން ވޯޓުލާން ރެޖިސްޓާވެފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ސްރީލަންކާގެ ކޮލޮންބޯގައި ވެސް އިތުރަށް ވޯޓުލުމަށް 459 މީހުން ރެޖިސްޓާ ވެފައިވާއިރު، ލަންޑަނުގައި ބެހެއްޓޭ ފޮއްޓަށް ވެސް ވޯޓުލުމަށް 888 މީހުން ރެޖިސްޓާ ވެފައިވެއެވެ. ފުރަތަމަ ބުރުގައި މި ފޮއްޓަށް ވޯޓުލުމަށް ރެޖިސްޓާ ވެފައިވަނީ 465 މީހުންނެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282،395އަށް އަރާއިރު، އޭގެ ފަހުން 18 އަހަރު ފުރުނު 408 މީހުން އިތުރު ކުރުމުން މިހާރު އެ އަދަދު ވަނީ 282،803 އަށް އަރާފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި 56,909 މީހުން ވޯޓުލައިފައެއް ނުވެއެވެ. ވޯޓުލީ މީހުންގެ 46 އިންސައްތައާ އެކު އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ. އެ ދެ ބޭފުޅުން ވާދަކުރައްވާ، އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30ވާ ހޮނިހިރު ދުވަހެވެ.

comment ކޮމެންޓް