ޕީޕީއެމްއާ ދެކޮޅަށް އިންޓަވިއު ދޭތީ ނިޔާޒަށް ފުރައްސާރަ ކޮށްފި، މައްސަލަ ޕޮލިހަށް

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު: -- ފޮޓޯ/ ނިޔާޒު

އިދިކޮޅު ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެ އަނެއްކާ ވެސް ވެއްޓޭނީ ބިރުވެރި ހާލަތަކަށް ކަމަށް ވިދާޅުވެ މީޑިއާތަކަށް އިންޓަވިއު ދެއްވާތީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމަށް މަގުމަތިން ފުރައްސާރަ ކޮށްފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮޑިޓާ ޖެނެރަލްއަކަށް ހުންނެވި ނިޔާޒަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތި ކުރެއްވި އެއް ބޭފުޅާއެވެ. އެ ހިޔާނާތް ހިންގަމުން އަންނަކަން ރައީސް ޔާމީންގެ ސަމާލު ކަމަށް ވެސް ނިޔާޒް ގެންނެވިއެވެ. ނަމަވެސް އެކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅެއް ނާޅައި އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އޮޑިޓް ގާނޫނަށް އިސްލާހެއް ގެނެސް ނިޔާޒު މަގާމުން ވަކިކޮށްފައެވެ.

މަގާމުން ވަކިކުރި ފަހުން ވެސް ނިޔާޒު ގެންދެވީ އެ ސަރުކާރުން ހިންގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ހިންގި އެ ބޮޑު ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭގޮތުން އަލްޖަޒީރާއިން ގެނެސްދިން ތަހުގީގީ ޑޮކިއުމެންޓްރީ "ސްޓީލިން ޕެރަޑައިސް" އަށް ވެސް ނިޔާޒު އިންޓަވިއު ދެއްވިއެވެ. އެއާއެކު އޭނާއަށާއި އާއިލާއަށް ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން އެ ވެރިކަން ނިމެންދެން ނިޔާޒު އުޅުއްވީ ރާއްޖެއިން ބޭރުގައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވާދަކުރައްވާއިރު ނިޔާޒު ގެންދަވަނީ ޕީޕީއެމަށް އަލުން ވެރިކަން ނުދިނުމަށް އެދި އިންޓަވިއުތައް ދެއްވަމުންނެވެ. ޕީޕީއެމަށް ވެރިކަން ދީފިނަމަ އަނެއްކާވެސް ރާއްޖެ ވެއްޓޭނީ ބިރުވެރިކަމާއި ކޮރަޕްޝަންގެ ތެރެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު މީހަކު މިއަދު ވަނީ ނިޔާޒާ މަގުމަތިން ދިމާކޮށްލައިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި ބީއެމްއެލް އިސްލާމިކް ބޭންކަށް ނިޔާޒު ސައިކަލު ދަނިކޮށް އެ މީހާ ވަނީ ނިޔާޒުގެ ފަހަތުންގޮސް އެއްޗެހި ގޮވައި ތުހުމަތުތަކެއް ކޮށްފައެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ނިޔާޒު ފެންމަތި ކުރެއްވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭނާއަށް ލިބިފައިވާ ކަމަށް ގޮވިއެވެ. ނިޔާޒު ސައިކަލް ޕާކްކޮށްފައި ބޭންކަށް ހިންގަވާފައި ވަޑައިގެންނެވި މަގުމަތީވެސް އެ މީހާ ވަނީ ކެމަރާ ކުރަމުން، ނިޔާޒަށް އެއްޗެހި ގޮވަމުން ފަހަތުން ގޮސްފައެވެ. އެ މީހާ އެންމެ ބޮޑަށް ރުޅިވެރިކަން ފާޅުކުރި އެއް ކަމަކީ ޕީޕީއެމްއާ ދެކޮޅަށް ނިޔާޒު އިންޓަވިއުތައް ދިނުމެވެ.

މި ކަމާ ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ މި މައްސަލަ ފުލުހަށް މިއަދު ހުށަހަޅުއްވާނެ ކަމަށެވެ. އިންޓަވިއު ދެއްވާތީ ފުރައްސާރަ ކުރިއިރު ނިޔާޒް ވިދާޅުވީ އޭނާއަށް ފެންނަ އެއްޗެއް ހާމަ ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި އެއީ ފުރައްސާރަ ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"ޕީޕީއެމް މީހުންނަށް ތަފާތު ސިޔާސީ ހިޔާލުތައް ޑައިޖެސްޓް ނުކުރެވޭ ތަން މި ފެންނަނީ. ޕީޕީއެމްގެ ވެރިކަމުގެ މައިގަނޑު އެއްސިފަ އެއީ މީހުންގެ ޒާތީ މިނިވަންކަމެއް ހަޖަމެއް ނުކުރެވޭނެ. ސިޔާސީ ތަފާތު ހިޔާލެއް ޑައިޖެސްޓެއް ނުކުރެވޭނެ. އެ މީހުންގެ ވެރިކަމުގައި ކޮށްފައި ހުރި ޖަރީމާތަކުގެ ވާހަކަ ދައްކާ ކަމަށް ވާނަމަ އެ މީހަކު އަބުރު ކަތިލަން އެ މީހުން މަސައްކަތް ކުރާނީ،" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒުގެ އާއިލާއިން ކުރަމުން އަންނަ ވިޔަފާރިއަކީ ކޮރަޕްޝަނުން ފައިސާ ހޯދައިގެން އޭނާ ކުރައްވާ ވިޔަފާރިއެއް ކަމަށް އެ މީހާ ތުހުމަތު ކުރެއެވެ. އެކަމާ ގުޅޭގޮތުން ނިޔާޒު ވިދާޅުވީ އާއިލާއިން ވިޔަފާރި ކުރަމުން އަންނަނީ އޭނާ "އެންމެ ލޯލާރިއެއް" ވެސް ދެއްވައިގެން ނޫން ކަމަށެވެ. އަދި އެ ވިޔަފާރީގައި އޭނާގެ ހިއްސާއެއް ނޯންނަ ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

"އެ ވިޔަފާރިއަކީ އަޅުގަނޑު މަގާމަކަށް އައުމުގެ މާ ކުރިންސުރެއް ހިންގަމުން އަންނަ ވިޔަފާރިއެއް." ނިޔާޒު ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީއިން [ކުރީގެ ނައިބު ރައީސް އަޙްމަދު] އަދީބު އަތުން އަޅުގަނޑު ފައިސާ ހޯދިނަމަ ދިވެހި ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް އެކަން އެނގޭނެ."

ނިޔާޒަށް މަގުމަތިން ދިމާކުރާ ވީޑިއޯ އެކަން ކުރި މީހާ އާއްމު ކުރުމާއެކު ގިނަ ބަޔަކު އަންނަނީ ތަފާތު ޝުއޫރުތައް ފާޅު ކުރަމުންނެވެ. ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި ޕީޕީއެމަށް ވެރިކަން ނުލިބެނީސް މިފަދަ ކަންކަން ހިނގާއިރު އެ ޕާޓީއަށް ވެރިކަން ލިބިއްޖެ ނަމަ އަނެއްކާ ވެސް ރާއްޖެ ވެއްޓޭނީ ބިރުވެރިކަމެއްގެ ތެރެއަށެވެ.

އެކަން ކުރި މީހާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާ ނިޔާޒަށް އެއްވެސް އިންޒާރެއް ދީފައި ނުވާނެ ކަމަށެވެ. އިންޒާރު ނުދެނީސް ޖިނާއީ ދޮގު ތުހުމަތެއް އެޅުވުމަކީ ބޮޑު ކުށެއް ކަމަށް ވެސް އެ މީހާ ވަނީ ބުނެފައެވެ.

comment ކޮމެންޓް