ދެވަނަ ބުރުގައި ބޭރު ގައުމުތަކުގައި ބަހައްޓާނީ ނުވަ ވޯޓު ފޮށި

އީސީގެ މެންބަރުން --

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބޭރު ގައުމުތަކުގައި ނުވަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިފަހަރު ވޯޓު ފޮށި ބަހައްޓާނީ ފުރަތަމަ ބުރުގައިވެސް ފޮށި ބެހެއްޓި ފަސް ގައުމުގައެވެ. އަދި އެ ގައުމުތަކުގައި ވޯޓުލުން ފަށާ ގަޑިތައް އީސީން ވަނީ އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި މެލޭޝިޔާގެ ކުއާލަ ލަމްޕޫރްގައި ބަހައްޓާ ފޮއްޓަށް ވޯޓު ލުން އޮންނާނީ މެލޭޝިޔާ ގަޑިން އެ ދުވަހު ހެނދުނު 11:00 އިން ރޭގަނޑު 8:00 އަށެވެ. އިނގިރޭސި ވިލާތުގެ ލަންޑަންގައި އެ ތަނުގެ ގަޑިން ހެނދުނު 8:30 އިން ހަވީރު 5:30 އަށެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ލަންކާ ގަޑިން ހެނދުނު 8:30 އިން ހަވީރު 5:30 އަށެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމުގައި އެ ތަނުގެ ގަޑިން ހެނދުނު 8:30 އިން ހަވީރު 5:30 އަށެވެ. އެކުވެރި އަރަބި އިމާރާތް އަބޫދާބީގައި އެތަނުގެ ގަޑިން ހެނދުނު 8:30 އިން ހަވީރު 5:00 އަށް ވޯޓު ލުން އޮންނާނެ ކަމަށް އީސީން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 283،272 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. އަދި މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 408 ޒުވާނުން ހިމެނޭ ކަމަށް އިލެކްޝަނުން ބުނެއެވެ.

ސެޕްޓެމްބަރު 30، ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒުއެވެ.

comment ކޮމެންޓް